މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އަންނަ ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މާލޭގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއިރު އެ މަސައްކަތުގައި ސިޓީ ކައުންސިލް ބައިވެރިކޮށްފައިނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މުއިއްްޒު މިރޭ ވިދާޅުވީ ހުޅުމާލެ އިން 1000 ގޯތި ދޫކުރަން ނިންމާ އެޗްޑީސީއަށް އެކަން އެންގި ވާހަކަ ނޫސްތަކުން ފެނިފައިވާ ކަމަށާ އަދި ގޯތި ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު ހެދުމުގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މާލޭގެ މެންބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު އަސްލަމާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވީނަމަވެސް އެކަމުގައި ސިޓީ ކައުންސިލް އެއްވެސް ވަރަކަށް އަދި ބައިވެރި ނުކުރާ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނޫގައި ވާގޮތުން ކައުންސިލް ބައިވެރިކުރަން ޖެހޭ. އަދި މާލެ ރައްޔިތުންގެ ކަންކަމުގައި ދުވަހުން ދުވަހަށް މަސައްކަތުގައި އުޅޭ ބަޔަކީ ސިޓީ ކައުންސިލުން،" މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަމާ މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވި ކަމަށާ ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ. އަދި މިނިސްޓަރު އަސްލަމާ ގުޅުއްވުމުންވެސް ފޯން ނުނަންގަވާ ކަމަށެވެ.
މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އަންނަ ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މާލޭގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލެއްގައި ޖަވާބުގަ އެވެ.
މީކާއީލް ސުވާލުކުރެއްވީ މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރެވޭނެ އުސޫލު އާންމުކުރާނެ ތާރީހެއް އޮޅުންފިލުއްވުމަށެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ އުސޫލާ މެދު މަޝްވަރާކޮށްލުމަަށް މާލޭގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރެއްވުމަށް ދަންނަވާލާނެ ކަމުގައި ވިދާޅުވި އެވެ.
އެ އުސޫލާމެދު މަޝްވަރާ ކުރުމަށް އަންނަ ހަފުތާތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލޭސިޓީގެ ދާއިރާތައް ތަމްސީލުކުރާ މެންބަރުންނަށް އެ އުސޫލުތައް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން މިޒާތުގެ ކަމެއް ކުރުމުގައި ހާއްސަކޮށް މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމުގެ ކަމެއް ކުރުމުގައި މާލޭގެ ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑު ގަބޫލުކުރަނީ މީގެތެރޭގައި ޝާމިލްވާންޖެހޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް "ދައްޗާއި ތަކުލީފް ވަނީ އޭގެ ލާނިހާޔަތުގައި" ކަމަށެވެ.
"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ،" ރައީސް ވިދާޅުވި އެވެ.