ޑރ. މުހައްމަދު މުއިއްޒު

ގޯއްޗަށް ކުރިމަތިލުމަށް ކައުންސިލަރުން އެހީތެރިވުމަށް އެދިވަޑައިގެންފި

Jul 1, 2022

މާލޭ މީހުންނަށް ދޫކުރުމަށް ނިންމާފައިވާ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާލެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މޭޔަރު މުއިއްޒު މިކަމަށް އެދިވަޑައިގަތީ މިދިޔަ ބުދަ ދުވަސް މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގަ އެވެ.

މިޖަލްސާގައި މޭޔަރު މުއިއްޒު ވަނީ މާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންގެ ގާތަށް ކައުންސިލަރުން ޒިޔާރަތްކުރައްވާ ނިކަމެތިން ދެނެގަނެ ބޯހިޔާވަހިކަމަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެފަރާތްތަކަށް ހިތްވަރު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަކީ މިހާރު މިއޮތް ކައުންސިލްގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ގުޅީފަޅުގައި ހަމައެކަނި ޕޯޓެއް އަޅަން އޮތް ޕްލޭން ބަދަލުކޮށްދެއްވުމަށް ފުރަތަމަ ދުވަހުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ކަމުގައި ވިދާޅުވި އެވެ.

"ގުޅީފަޅުގައި ޕޯޓް ހަދަން އޮތް ޖާގަ ދޫކޮށްފައި ބާކީ އޮތް ޖާގަ ހިއްކެވީމާ 200 ހެކްޓަރު ވަރުގެ ޖާގަ ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ލިބޭނެ ކަމަށް ވާނީ ދަންނަވާފަ. މަދުވެގެން 30،000 ރައްޔިތުންނަށް އެތަނުން ގޯތި ދެވޭނެ ކަމަށް ވާނީ ދެންނެވިފަ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާނަމަ އެކަމުގައި ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސް އޮތް ތަނެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރާނަމަ ކައުންސިލް އެކަމުގައި ބައިވެރިކުރަންޖެހޭނެ ކަމަށެވެ.

"ބޯހިޔާވަހި ކަމަށް އެންމެ އައުލާކަން ބޮޑު ފަރާތްތައް ހޮވުމުގައި އެކަން އެންމެ ރަނގަޅަށް ދެނެގަންނަން ފަސޭހަ ވާނީ އެތަނެއްގެ ކައުންސިލަށް ކަމަށްވާތީ އެހެން އެދުނިން. އެހެން ނަމަވެސް އެކަމުގައިވެސް އެއްވެސް ކަހަލަ ބައިވެރިވުމެއް އަދި ނުދޭ. ކައުންސިލަކަށް ފުރުސަތެއް ނުދޭ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އަތޮޅު ތެރެއެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ވާނީ ހިލޭ ކަމުގައި ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ. މިހާރު ސަރުކާރުގެ ވިސްނުން އެގޮތަށް ބަދަލުކޮށްފައި ވުމަކީ ކައުންސިލުން މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރެވުނު މުހިއްމު މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 3،000 ގޯއްޗާއި ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން މިހާރު ވަނީ ހުޅުވާލާފަ އެވެ.