ގުޅިފަޅު

ގުޅިފަޅުގައި ޕޯޓް އެޅުން ހުއްޓާލުމަށް މޭޔަރު މުއިއްޒު ގޮވާލައްވައިފި

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މަގާމާ މިއަދު ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން އެންމެ ބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެހެންކަމުން އެކަން ހަގީގަތަކަށް ހަދައިދިނުމަށް މިއަދު ހުވާ ކުރެއްވި ކައުންސިލަރުން މަސައްކަތް ކުރައްވާ މަންޒަރު ދައްކުވައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ރައްޔިތުން ވޯޓުލީ ގޮތަށް ބަލާއިރު ގުޅިފަޅުގައި ޕޯޓް އެޅުމަށް ރައްޔިތުން ބޭނުން ނުވާކަން ނަތީޖާއިން ބުނެދޭ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެހެންވީމާ ގުޅިފަޅުގައި ކުރަންޖެހޭ ކަމަކީ އެ ފަޅު އެއްކޮށް ހިއްކާ އެތަނަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދޭ މަންޒިލަކަށް ހެދުމެވެ.

ބޯހިޔާވަހިކަން ހޯދައިދިނުމަކީ އިންސާނީ ހައްގަކަށްވެފައި، ތިލަފުށީގައި ޕޯޓް އެޅެން އޮތުމުން ގުޅިފަޅު ބޯހިޔާވަހިކަން ނޫން އެހެން ކަމަކަށް ހާއްސަ ކުރެވިގެން ނުވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

"ޓެކްނިކަލް އެއްވެސް ޖަސްޓިފިކޭޝަނެއް ނުދެއްކޭ ތަނެއްގައި ގުޅިފަޅުގައި ޕޯޓް އެޅުމަކީ މާލެ ސިޓީ ރައްޔިތުންގެ ގެދޮރުގެ އުއްމީދަށް އެޅޭ ފަހެއް. އެހެންވީމާ މާލެ ސިޓީ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ތަކުރާރުކޮށް ވަރަށް އިޚްލާސްތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ގޮވާލަން ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓާލައްވާ އެ ޕޯޓް ތިލަފުށްޓަށް ބަދަލު ކުރުމަށް،" މުއިއްޒުގެ އިލްތިމާސް ތަކުރާރު ކުރެއްވި އެވެ.

މިސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށްފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރުމަށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހިކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.

މުއިއްޒު ވަނީ މިއަދު ހުވާކުރެއްވި މާލޭގެ ކައުންސިލަރުން ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދާ ފެބްރުއަރީ 6، 2016 ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ. އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދާފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގާފަ އެވެ. ނަމަވެސް ފްލެޓްތަކަށް ބަދަލު ދިނީ މިސަރުކާރުގަ އެވެ.