ރިޕޯޓް

މޮޅު ރޭވުންތެރިޔެއް، ހިންގުންތެރި މެނޭޖަރެއް

ފަ ތުރުވެރިކަމަށް ބައި ގަރުނު ފުރި، މަސްވެރިކަމުގައި ކުރިން ނުދެކޭ ފަދަ ޒަމާނީ ޓެކްނޮލޮޖީ އުފެދި، ރައްޖޭގެ ތަރައްގީގެ ދުވެލި މިއަދު މިވަނީ މެކުހަށް ޖަހާފަ އެވެ. މިއަދު މިދެކޭ ޒަމާނީ ތަރައްގީގެ އިންޖީނު އިސްޓާޓުކުރި މާހިރަކީ ހަމަ ޔަގީނުންވެސް އެފަރާތެއްގެ ނަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ފަވާލަންޖެހޭ ހިދުމަތްތެރިއެކެވެ. އެއީ ހިދުމަތުގެ އަގު ވަޒަންނުކުރެވޭނެ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އާންމުކޮށް އެންމެން ދަންނަނަމުން ނަމަ ހ. ހިކަރީ އަހްމަދު އާދަމް އެވެ. އަވަސް އަށް ވަގުތުކޮޅެއް ހުސްކޮސްދެއްވާ، ތަޖުރިބާ ހިއްސާކޮށްދެއްވީ، ކުރީގެ ހަދާންތައް އާކުރައްވަމުންނެވެ.

ފުރަތަމަ އިންޖިނިއަރު

ސަރުކާރުން ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި އާގުބޯޓު ކަމަށްވާ މޯލްޑިވްސް ސްޓާގެ އިންޖިނިއަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު އަހްމަދު އާދަމަށް ލިބިވަޑައިގެންނެވީ އެއިރު ސްރީލަންކާ އިން އިންޖިނިއަރިންގެ ދާއިރާއިން ތަމްރީން ހޯއްދަވައިގެން ހުންނެވުމުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިންޖިނިއަރިންގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ފުރުސަތު، އޭރުގެ ވަޒީރުލްއައުޒަމް އިބްރާހީމް ނާސިރު، އަހްމަދު އާދަމަށް ހޯއްދަވައިދެއްވި އެވެ. އޭރު ވެސް ނާސިރު ގެންގުޅުއްވީ ދިވެހިން ކުރާ ހުރިހާ ކަމެއްވެސް އޮންނަންވާނީ ދިވެހިންގެ އަތްމަތީގައި ކަމުގެ ވިސްނުންފުޅެވެ.

"ނާސިރުގެ ވިސްނުން ފުޅަކީ، ހަގީގީ، މިނިވަން ކަމަކީ، ދިވެހިން ކުރާ ހުރިހާ ކަމެއް އަމިއްލައަށް ކުރުމޭ، އެހެންވެ އަޅުގަނޑާ އެމަސައްކަތް ހަވާލުކުރެއްވީ،" އަހްމަދު އާދަމް ވިދާޅުވި އެވެ.

އިންޖީނުގޭގެ މެނޭޖަރު

ބައެއްް މީހުން އަހްމަދު އާދަމް ދަންނަނީ މެނޭޖަރުގެ ނަމުންނެވެ. އެއީ އަހްމަދު އާދަމް، އިނގިރޭސިވިލާތުން ތައުލީމު ހާސިލްކުރައްވައިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު މަސައްކަތް ފެއްޓެވީ، އިލެކްޓްރިކް ޑިޕާޓްމަންޓްގައި ކަމަށްވާތީ އެވެ. 1964 ގައި އެތަނުގެ މެނޭޖަރުގެ މަގާމު އަހްމަދު އާދަމަށް ދެއްވި އެވެ. އޭގެފަހުން ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވި އެވެ. މާލެއަށް ބޭނުންވާ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް އޭރު ފެއްޓެވި އެކި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގެވުމުގައި އަމަލީގޮތުން އަހްމަދު އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ.

"ވަރަށް ހަނދާން ހުންނަ ކަމެއް އެއީ، ކަރަންޓު ވަޔަރު ވަޅުލަން ފެށިއިރު ވަކި ހިސާބަކަށް ކޮނެފައި ދޮންވެލި އެޅީ. އެއިރުން ކޮންނަ އިރު އެބަ ފާހަގަވޭ ވަޔަރު ހުންނަ ހިސާބު،" އަހްމަދު އާދަމް އޭރުގެ ހަނދާންތައް އާކުރެއްވި އެވެ.

ފަތުރުވެރިކަމުގައި އަދާކުރި ދައުރު

އަހްމަދު އާދަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައިވެސް މުހިއްމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ބަނޑޮސް އައިލެންޑް ރިޒޯޓުގެ ފުރަތަމަ މެނޭޖަރެވެ. އަދި ބަނޑޮހުގެ ހިއްސާދާރެއްވެސްމެ އެވެ.

ދެވަނައަށް ހެދި ރިޒޯޓް ހެދުމުގައި އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި އެެވެ.

"ނުވަ ވަރަކަށް މަސް ތެރޭ ވިލިނގިލީގައި 100 ކޮޓަރި އެއްކޮށް ނިންމި، ވިލިނގިލި ފެށުނީއްސުރެ ނިމެންދެން އަޅުގަނޑުގެ ހަވާލުގައި، އަޅުގަނޑު މެނޭޖްކުރި،"

އޭގެ އިތުރުން އަމިއްލަފުޅު ދެ ރިޒޯޓުގެ މަސައްްކަތް ވެސް އަހްމަދު އާދަމް ކުރެއްވި އެވެ.

"އަމިއްލަ ދެ ރިސޯޓު ހެދިން، އިހުރު ކިޔާ ކުޑަ ކުޑަ ރީތި ރަށެއް. އެވީ ސެއިލިން ޕޮއިންޓަކަށް. ދެން ކުރެއްދޫ ކިޔާ ރަށެއްވެސް ހެދިން،"

"އަޅުގަނޑު ރިސޯޓް ހިންގީ ކުރެއްދޫ ގާތްގަޑަކަށް 10 އަހަރު. އިހުރު މެނޭޖްކުރީވެސް އަޅުގަނޑު. ފެމިލީ ކަމެއް ގޮތުގައި އެކަންވީ،" ފަތުރުވެރިކަމުގައި ކުރެއްވި ބައެއްް ހިދުމަތުގެ ވާހަކަ ކިޔައިދެއްވަމުން ވިދާޅުވި އެވެ.

އުޅަނދުތައް ޒަމާނީކުރުމާއި އިންޖީނު އެޅުން

ރާއްޖޭގައި އެންމެ ފުރަތަމަ ޔޮޓުދޯނިފަހަރު ބަންނަން ފެށުނުއިރު އެކަމުގައިވެސް އަހްމަދު އާދަމް އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރަންޖެހެ އެވެ. ފުރަތަމަ ބެންނެވި ޔޮޓް ދޯންޏަކީ "އަލާއުއްދީން" އެވެ. އޭގެފަހުން ބެންނެވީ "ސިންދުބާދު“ އަދި ”އަލީބާބާ“ އެވެ.

ރާއްޖޭގެ ދޯނިފަހަރުގައި އިންޖީނު އެޅުމަށް ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން އޭރު ނިންމެވުމާ ގުޅިގެން އެކަމުގައި އަމަލީގޮތުން އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އަހްމަދު އާދަމް އެވެ. ދޯނީގައި އިންޖީނު އަޅަން ފެށުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު، އަހްމަދު އާދަމް ދެކެވަޑައިގަންނަވަނީ "ލައިފްޓައިމް ޑްރީމް" އެއްގެ ގޮތުގަ އެވެ.

ދޯނި ފަހަރާއި ބޯޓުފަހަރު އެހެލުމުގެ މަސައްކަތް ފަސޭހަ ގޮތެއްގައި އާންމުންނަށް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް އަހްމަދު އާދަމް މަސައްކަތްކުރެއްވި އެވެ. އެގޮތުން މާލެއަތޮޅު ގުޅީގައި ހެއްދެވި ސްލިޕްވޭ އަކީ ދޯނިފަހަރާއި ބޯޓުފަހަރު އެހެލައި، ބާލައި އަދި މަރާމާތު ކުރުމުގެ މަސައްކަތަށް، އެތައް ފަސޭހަތަކެއް ލިބިގެންދިޔަ ސްލިޕްވޭ އެކެވެ.

ޓީވީގެ ހިދުމަތް ފެށުން

ރާއްޖޭގައި ޓެލެވިޒަންގެ ހިދުމަތް ފެށުމަށް ރައީސް އިބްރާހީމް ނާސިރު ނިންމަވައި، އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވިއިރު އެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ އެންމެ އިސް ބޭފުޅަކަށް ހަމަޖެއްސެވީ ވެސް އަހްމަދު އާދަމެވެ. ރައީސް ނާސިރު އެ މަސައްކަތް ގެންދެވީ އަހްމަދު އާދަމްގެ ލަފާފުޅުގެ މަތިންނެވެ. އޭރު އެންމެ ބޮޑު ދަތިކަމަކަށް ދިމާވީ ޓީވީގެ ޓަވަރު ބެހެއްޓުމުގެ މަސައްކަތެވެ. ޓަވަރު ބެހެއްޓުމުގެ މަސައްކަތް މޫދުގައި ފެންގަނޑުގެ ތެރޭގައި ކުރަމުން ގެންދިޔައިރު ޓަވަރުގެ ބުޑު ހެދުމުގައި ކުރިމަތިވެވަޑައިގެންނެވި ދަތިތައް އަހްމަދު އާދަމްގެ ހިތްޕުޅުގައި، އިއްޔެވީ ކަމެއްގެ ގޮތުގައި މިއަދުވެސް، ހަނދުމަފުޅު ހުރެ އެވެ.

ޓަވަރު ރޭވުމުގެ މަސައްކަތް އަހްމަދު އާދަމް އިސްވެ ހުންނަވައިގެން ކުރެއްވުން އެއީ އެމަނިކުފާނު ކުރެއްވި ވަރަށް އާދަޔާހިލާފު ތަޖުރިބާއެކެވެ. ޓީވީ މޯލްޑިވްސްގެ ޓަވަރު ބެހެއްޓުމުގެ ތެރޭގައި ޓީވީގެ އިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް ހިނގަމުން ދިޔައީ ސީދާ އަހްމަދު އާދަމްގެ ބެއްލެވުމުގެ ދަށުންނެވެ.

އެމްޓީސީސީ އާއީ ވީޓީސީ އުފެއްދުން

އެމްޓީސީސީގެ މަސައްކަތްތައް ފެށުނުއިރު އެތަނުގައި ހުންނެވީ ވެސް އަހްމަދު އާދަމެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

"މިއަދު އެމްޓީސީސީ އިން އެހާ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާތަން ފެނުނީމަ ވަރަށް ހަމަ އުފާވޭ،" ހިނިފުޅު ވަޑުވަމުން އަހްމަދު އާދަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބުނު އެންމެ އަގުބޮޑު އެވޯޑަކީ އަދި އެންމެ ބޮޑު ކާމިޔާބަކީ މީހުން ތަކެއް ބިނާ ކުރުމުގެ ފުރުސަތު ލިބުން،" އަހުމަދު އާދަމް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއް ކަމަކީވެސް ފަންނީ ދާއިރާ އިން މަސައްކަތްތެރިން އުފެއްދެވުމެވެ. އެއީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް ސަރުކާރުން ހޯއްދަވައި ދެއްވި ފުރުސަތެކެވެ. ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ވީޓީސީ) އުފެދުން އެއީ މިމަސައްކަތުގެ ފެށުމެވެ.

އަމިއްލަ ދިރިއުޅުއްވުން

އަހްމަދު އާދަމް އަކީ އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވެ އުޅުއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ގެކޮޅުގައި ފެންނަން ހުރި ކުރީގެ ފޮޓޯތަކުން އެކަން ވަރަށް ރަނގަޅަށް ފެނެ އެެވެ. ރާއްޖޭގެ އެޒަމާނުގެ އެންމެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔަކީ އަހްމަދު އާދަމް އެވެ. ދިމާވީ ހިއްދަތި ހާދިސާއެއްގައި ބޮކްސިން ތަޅާ ކުއްޖަކު ނިޔާވުމާ ގުޅިގެން ރާއްޖޭގައި އެ ހަރާކާތް ހުއްޓާލުން ވެގެން ދިޔައީ އަހްމަދު އާދަމްގެ ބޮކްސިންގެ ހަޔާތުގެވެސް ނިމުމެވެ.

އަހްމަދު އާދަމް ދެ ކައިވެނި ކުރެއްވި އެވެ. ފުރަތަމަ އަނބިކަނބަލުން އަވަހާރަވީ ރައްކާވުމުގެ ތެރޭގައި ތުއްޕުޅު ދަރިފުޅާއި އެކުގަ އެވެ. ދެވަނަ ކައިވެންޏަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ދުނިޔޭގައި ތިއްބެވީ ތިން ބޭފުޅުންނެވެ.

ދ. މާއެނބޫދުއަށް އުފަން އަހްމަދު އާދަމަށް މާލެ ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތީ ވަރަށް ތުއްޕުޅުއިރު އެވެ. ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރާއްޖޭގެ ތައުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށަކުން ދެ ކުދިން ގެންނެވިއިރު އެވެ. އަހްމަދު އާދަމަށް އެ ފުރުސަތު ލިބިވަޑައިގެންނެވުންވީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމަކަށެވެ. ތައުލީމު އުނގެނުމަށް ރަށްރަށުން މާލެ ގެންނަ ކުދިން ބޭތިއްބުމަށް އުފެއްދެވި ދަނާލު (ދާރުލްއިޤާމާ) ގައި އުޅުއްވި ދުވަސްވަރު ތައުލީމު ހާސިލް ކުރެއްވުމަށް މިސްރަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަހްމަދު އާދަމް ހިމެނިވަޑައިގެންނެވި އެވެ.

"އަމީން ދީދީއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް. އެއް ދުވަހު ގޯނިރޭސް ކުޅެނިކޮށް ވަޑައިގެން ގޯނީގައި ހިއްޕަވާފައި ވިދާޅުވި، މިގޮތަށޭ، ދެން މީހުން ތިބީ ވަރަށް ހައިރާން ވެފައި އަޅުގަނޑާ އެހާ ގާތްކަން ބެހެއްޓެވީމަ"

ރާއްޖެ ދުށް ހުރިހާ ރައީސުންގެ އަރިހުގައި އަހްމަދު އާދަމް ވަނީ ގައުމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއްް ކޮށްދެއްވާފަ އެވެ. އެމަނިކުފާނުގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ދައުލަތުން ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ދެއްވާފަ އެވެ. އަހްމަދު މަނިކަކީ، އެވޯޑުތަކާ މަތީ މަގާމުތައް ފާހަގަކުރެެއްވުމުގެ ބަދަލުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ގައުމަށް ކޮށްދެވެނީ ކޮން ހިދުމަތެއްްތޯ ބެއްލެވުމުގައި އިސްކަން ދެއްވާ ބޭފުޅެކެވެ.

"އަޅުގަނޑުމެން ނުބަލަން ލިބެން އޮތީ ކޮން އެއްޗެއްތޯ. އަޅުގަނޑުމެން ބެލީ ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ،" އަހްމަދު އާދަމް ވިދާޅުވި އެވެެ. ޒުވާން ޖީލަށް އެމަނިކުފާނު ދެއްވި އެންމެ އަގުހުރި ނަސޭހަތަކީ ވެސް މިއީ އެވެ.