މީހުން

ކައިވެންޏަށް ހެދި ރަން ވިޔަފާރިއަކަށް

ޒުހާނާގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަވަސް އަށް ދިން އިންޓަވިއު

މީ ގެ ތިން އަހަރު ކުރިން އަމިއްލަ ކައިވެނީގެ ރަން މަރިޔަމް ޒުހާނާ ހެދީ އަމިއްލަ ދެއަތުންނެވެ. ކުޑަ އިރުއްސުރެ ތަފާތު ކަވި މަސައްކަތްތަކަށް ހިތުގައި އޮތް ޝައުގުވެރިކަމުގެ ބޮޑުކަމުންނެވެ. ނަމަވެސް އަމިއްލަ ކައިވެންޏަށް ހެދި ރަން އަމިއްލަ ވިޔަފާރިއަކަށް ބަދަލުކުރުމުގެ ވިސްނުމެއް އޭރު އޭނާގެ ނެތެވެ.

"އެސްޓަޓިކް އެމްވީ"ގެ ނަމުގައި އޯޑަރަށް ކައިވެނީގެ ރަން ހަދައިދިނުމުގެ މަސައްކަތް ޒުހާނާ ފެށީ 2020 ވަނަ އަހަރު އެވެ. އޭނާގެ އަމިއްލަ ކައިވެންޏަށް ހެދި ރަން އެތައް ބަޔަކަށް ކަމުދިއުމާ ގުޅިގެން އާއިލާގެ މީހުންނާއި ރައްޓެހިން ދިން ލަފާގެ ދަށުން އެފަދަ ތަކެތި އުފައްދަން ފެށީ އެވެ.

ކައިވެނީގެ ރަން ފަރުމާ ކުރުމުގެ މި މަސައްކަތަށް ޒުހާނާ ގެނައީ މުޅިން އާ ހިޔާލެކެވެ. މި މަސައްކަތް ކުރާ އެހެން މީހުން ބޭނުން ނުކުރާ ތަފާތު އަދި މުޅިން އާ ޑިޒައިނެކެވެ.

މި މަސައްކަތައް އޭނާ ބޭނުންކުރީ "ވިންޓޭޖް ގްލާސް ބޮކްސް" ތަކެކެވެ. މިއީ އެކި ބައްޓަމަށް ހުންނަ ބިއްލޫރި ފޮށިތަކެކެވެ. ގިނަ މީހުން ގަހަނާ ފަދަ ތަކެތި ރައްކާކުރުމަށް މިފަދަ ފޮށި ބޭނުންކޮށް އުޅެ އެވެ. މިގޮތުން މި ފޮށީގައި ޗާލުކަމަކާއި ޝާހީ ގޮތެއް ހުރުމުން މި ބަދަލު ވެސް އެތައް ބަޔަކަށް ރަނގަޅު ބަދަލަކަށް ވިއެވެ.

ކައިވެނީގެ ރަނުގެ އިތުރުން މި ފޮށިތަކުގައި ކައިވެނި ކުރާ ދެމީހުންގެ އަނގޮޓިއާއި އިތުރަށް ޒީނަތްތެރިކޮށްލުމަށް މަލާއި، މިނާފުއް ފަދަ ތަފާތު ސާމާނު ބޭނުންކޮށްގެން އޯޑަރަށް "ރިންގް ބޮކްސް" ހަދައި ދިނުމަކީ ވެސް ޒުހާނާ ކުރާ މަސައްކަތެކެވެ. މީގެ އިތުރުން ލަކުޑި ފްރޭމް އަދި ދަގަނޑު ހޫޕްގައި ވެސް އޭނާ ކައިވެނީގެ ރަން ފަރުމާކޮށްދެ އެވެ.

"ކަސްޓަމަރުން ބޭނުންވާ ގޮތަށް ރަން ހަދަން އަޅުގަނޑު އިސްކަން ދެނީ. އެކަމު ހަމަ ރީތި ވާނެ ޑިޒައިންތައް ވެސް ކިޔައިދެން،" އޭނާގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ޒުހާނާ ކިޔައިދިނެވެ.

ފިރިމީހާގެ އާއިލާއާއިއެކު ދިރިއުޅެމުން އަންނަ އުމުރުން 26 އަހަރުގެ ޒުހާނާ އަކީ އަންބެއްގެ އިތުރުން ޒުވާން މަންމަ އެކެވެ. ޔޫތް މިނިސްޓްރީގައި ސިވިލް ސާވިސް އޮފިސަރެއްގެ މަގާމުގައި ވަޒީފާ އަދާކުރުމުގެ އިތުރުން، އޮންލައިންކޮށް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޑިގްރީއަށް ކިޔަވަމުން އަންނަ ޒުހާނާއަށް މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅަށް ވަގުތު މެނޭޖުނުކުރެވުމެވެ.

"ޓައިމް ދޯ އަސްލު އެންމެ ބޮޑު ޗެލެންޖަކީ. ގިނަ ފަހަރަށް އޮންނަނީ ލަސްވެފައި ރަން ހަދަން ފަށަން. އެއީ މިހާރު އެންމެ ބޮޑަށް ވޯކް ކުރާ ކަމަކީ،"

އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ އިތުރުން ކިޔެވުމުގެ ކަންކަމަށް ވަގުތު ހުސްކުރަމުން ރަން ހެދުމުގެ މަސައްކަތައް ވަގުތު ދޭން އުދަގޫވި ނަމަވެސް،
މި މަސައްކަތް ހުއްޓާލާކަށް އޭނާ ނޭދެ އެވެ. ހިތްވަރާއިއެކު މަސައްކަތް ކޮށްފިނަމަ ހުރިހާ ކަމެއްވެސް މެނޭޖުކުރެވޭނެ ކަމުގައި ޒުހާނާ ގަބޫލުކުރެ އެވެ.

ކައިވެނީގެ ރަން ހެދުމަކީ ރަނގަޅަށް ސަމާލުކަން ދީގެން ކުރަންޖެހޭ ކަވި އަދި އެހާ ބުރަ މަސައްކަތެކެވެ. އެކި ތަންތަނުން ސާމާނު ހޯދައި އެތަކެތި ކަސްޓަމަރުން ބޭނުން ފަރުމާއަށް އަމުނަން ޖެހެ އެވެ. މި މަސައްކަތުގައި އޭނާގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން ޒުހާނާ ފާހަގަކުރެ އެވެ. މިގޮތުން މަސައްކަތް ކުރުމަށް ހާއްސަ ޖާގައެއް އޭނާ ދިރިއުޅޭ ގޭގައި އާއިލާއިން ވަނީ ހަދައިދީފަ އެވެ.

"އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ހަޒްބެންޑްގެ ފަރާތުން. ހަޒްބެންޑް ޕުޝް ކުރާތީ އަސްލު މިހިސާބަށް އާދެވުނީ. ދެން ބައެއް ރަންތަކުގައި މި ބޭނުންކުރާ ވުޑެން ފްރޭމްތައް ހަދައިދެނީ ހަޒްބެންޑްގެ ބައްޕަ. ބައްޕަ އެ ތަކެތި ހަދައިދޭތީ މަސައްކަތް ވަރަށް ލުއިވޭ،" ޒުހާނާ ކިޔައިދިނެވެ.

މީގެ އިތުރުން ރަން ޒީނަތްތެރިކުރުމަށްޓަކައި ބޭނުންކުރާ ޕްލާސްޓިކް މާ ގެނައުމުގައި ރާއްޖޭން ބޭރުގައި އުޅޭ އެކުވެރިން އެހީތެރިވާކަން ވެސް ޒުހާނާ ފާހަގަކުރި އެވެ.

"މިއީ އާމްދަނީ ހޯދަން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ހިތްވަރާއެކު މަސައްކަތް ކުރުން މީގައި އޮތީ،"

މިވަގުތު ކުޑަ އޮންލައިން ވިޔަފާރިއެއްގެ ގޮތުގައި ޒުހާނާގެ މަސައްކަތް ފެށިފައިވީ ނަމަވެސް، މި މަސައްކަތް ފުޅާކޮށް، ބޮޑު ވިޔަފާރިއަކަށް ހެދުމަކީ އޭނާގެ އުންމީދެވެ.