މީހުން

ތަހައްމަލް ކުރި ގަދަ ވޭނުގައި ދެއްކި ހިތްވަރު

ހިތްވަރާއެކު ވަޒީފާއަދާކުރަމުން، ދިރިއުޅުމުގައި ފޮނި އުންމީދުތަކެއް ކުރަމުން، ލޯބިވާ އާއިލާ އާއި އެކު އުޅެމުންދިޔަ އުފާވެރި މިޒާޖެއްގެ، ޒުވާން މަންމައަށް ކުރަން ޖެހުނީ ހީވެސް ނުކުރާ ފަދަ ތަޖުރިބާ އެކެވެ. ކެންސަރުގެ ވޭނާއި ކުރިމަތިލައި މަރާ ހަނގުރާމަ ކުރުމަށްފަހު ހިތްވަރާއެކު އެނބުރި އައިއިރު ދިރިއުޅުން ވެސް އޮތީ މުޅިން ބަދަލުވެފަ އެވެ.

މަރިޔަމް ސަމްރާ ހަސަން އޭނާގެ ތަޖުރިބާ އަވަސް އާއި ހިއްސާކުރީ، މިބަލި ތަހައްމަލްކުރާ، ނުވަތަ ކުރަންޖެހިދާނެ އެހެން މީހުންނަށް ހިތްވަރުދީ މި ބައްޔާ މެދު ބައެއް މީހުން ދެކޭގޮތް ބަދަލުކޮށްލުމުގެ އުއްމީދުގަ އެވެ.

އުމުރުން މިހާރު 28 އަހަރުގެ ސަމްރާ އުރަމަތީގެ ކެންސަރު ޖެހި ސްޓޭޖު ދޭއްގައި ހުރިކަން އެނގުނީ ހަށިގަނޑަށް އައި ބޮޑެތި ބަދަލުތަކަކާ ގުޅިގެން ހެދި ތަހުލީލު ތަކަކުންނެނެވެ. މާބޮޑަށް ވަރުބަލިވެ، މީހާ ދުޅަވެ، ހޮޑުލެވި ގޮތް ގޮތްވާން ފެށުމުން އެކި ޑޮކްޓަރުންނަށް ދެއްކުމުން އެންމެ ފުރަތަމަ ޝައްކު ކުރީ ސަމްރާގެ ލިވާގެ މައްސަލައެއް ކަމުގަ އެވެ.

"ލިވާގެ މައްސަލައެއް ކަމަށް ބާލާފައިވެސް ކުރިއެރުމެއް ނުލިބޭތީއާ، ދެން ބްރެސްޓްގައި ދުޅަވެފައި ތަންކޮޅެއް އިންނާތީ ސާޖަން އަކަށް ދައްކަން ނަން ނޯޓުކޮށްގެން ވަރަށް ގިނަ ދުވަހުން ޑރ. އުބައިދަށް ދެއްކުނީ. ޑޮކްޓަރު ވިދާޅުވި މާގިނަ ދުވަސް ވެއްޖެއޭ. ޑޮކްޓަރު ވިދާޅެއް ނުވޭ ކެންސަރެކޭ. އެކަމަކު ބައޮޕްސީއެއް ހަދަން ލަފާދެއްވީ، މިކޮޅުން ބައޮޕްސީއެއް ހަދަން ވަރަށް ގިނަ ދުވަސް ނަގާތީ އަޅުގަނޑު އަމިއްލައަށް އިންޑިއާގެ ކޮޗިންއަށް ގޮސް އަމްރިތާ ހޮސްޕިޓަލުން ޓެސްޓް ހެދި އިރު އެނގުނީ ކެންސަރުކަން. އެވެސް އެންމެ އަވަހަށް ފެތުރޭ ވައްތަރު،" ކެފަންސަރު ގަދަވޭނަށް ހުށަހެޅިފައިވާ ކަން އެނގުނު ވަގުތުކޮޅުގެ ހަނދާންތައް ހިއްސާ ކުރަމުން ސަމްރާ ބުންޏެވެ.

ސަމްރާ ބުނި ގޮތުގައި އިންޑިއާއިން ކުރި ތަހުލީލުތަކުން ކެންސަރު ހުރިކަން އެނގުމުގެ ކުރިން އޭނާ ރާއްޖޭގެ އެތައް ޑޮކްޓަރަކަށް ދެއްކީ ގޯހެއް އުޅޭ ކަމަށް އަމިއްލައަށް ވެސް އިހްސާސް ތަކެއް ކުރެވޭތީ އެވެ.

"[ރާއްޖެއިން] ޑޮކްޓަރުން ކަމެއްނެތޭ ބުންޏަސް ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުަތަކާއި ވަމުންދިޔަ އުނދަގޫތަކުން އެނގޭ ކަމެއް ގޯސްކަން،" ފުރަތަމަ މަރުހަލާގައި ކަންތައްތައް ކުރިމަތިވި ގޮތް ސަމްރާ ބުނެދިނެވެ.

އާއިލާއާއި އެކުވެރިންނާއި ވަޒީފާ ދޫކޮށް ގޮސް އެހެން ގައުމެއްގައި ހުރެ ފަރުވާ ހޯދަމުން ދިޔައިރު އެތައް ގޮންޖެހުމަކާ ކުރިމަތިވި އެވެ. ކެންސަރުގެ ފަރުވާއަކީ ވެސް އޭގެ ވޭން ބޮޑު ކަމެކެވެ. ކީމޯ އާއި އެކު ސިފައަށް އަންނަ ބަދަލަކީ ވެސް ހިތްފަޅައިގެންދާ ފަދަ ބޮޑު ބަދަލެކެވެ. ޒުވާން އުމުރުގައި ރީތި އިސްތަށިގަނޑާއި އަލްވަދާއު ކިޔަން ޖެހުމަކީ އަންހެން ކުއްޖަކަށް ވަރަށް ހިތްދަތި އިހްސާސެކެވެ. ނަމަވެސް ހަށިގަނޑުގައި އަޅާވޭން އެފަދަ ކަންކަމާ ވިސްނޭ ވަރަށް ވުރެ މާބޮޑެވެ. އެވޭނުގެ މިންވަރު އެހެން މީހަކަށް އަންދާޒާކޮށްލަން ވެސް ނޭނގޭނެ އެެވެ. ސަމްރާ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ އިރު އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އަޅާލާނެ ބަޔަކު ގާތުގައި ތިބުމެވެ.

"އެންމެ ބޮޑު ސްޓްރެންތަކަށްވީ އަޅުގަނޑުގެ އާއިލާ. މަންމައާ ބައްޕައާ ކޮއްކޮމެންނާ ކަޒިންސްގެ ފަރާތުން ލިބުނު އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނާނަން،" ސަމްރާ ބުންޏެވެ.

ކެންސަރާ ދެކޮޅަށް ހިތްވަރުކުރަން ސަމްރާން އަށް އެންމެ ބޮޑަށް މަޖުބޫރު ކުރިވި ސަބަބަކީ އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެވެ. ކެންސަރާ ހަނގުރާމަކޮށް ގަދަ ހިތްވަރުގައި ކުރިއަށް ދަނިކޮށް ސަމްރާ އަށް އެންމެ ބޮޑު ހިތާމައެއް ލިބުނީ އޭނާގެ ފިރިމީހާ ދޫކޮށްލާފައި ދިއުމެވެ. ތަހައްމަލް ކުރަމުން ދިޔަ ބަލީގެ ވޭނުގެ އިތުރުން ނަފްސާނީ ބައްޔަކާވެސް ކުރިމަތިލާން ޖެހުނީ އެހިތާމައިގެ ބޮޑުކަމުންނެވެ. އެވަގުތު މައިންބަފައިންނާއި ގާތްމީހުންގެ އެހީތެރިކަން އިންތިހާއަށް ލިބުނެވެ. ސަމްރާ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ އެންމެ ބޮޑު ނަސީބެކެވެ.

ގާތްމީހުންގެ ލޯތްބާއި އެހީތެރިކަން ލިބުނު ނަމަވެސް ބަލިޖެހުނު ފަހުން ކުރިމަތިލާން ޖެހުނު ތަފާތުކުރުންތަކާއި ބާކީ ކޮށްލެވިގެންދިޔަ ކަމުގެ އިހުސާސަކީ ވެސް ސަމްރާއަށް ތަޖުރިބާ ކުރަންޖެހުނު ކަމެކެވެ.

ކެންސަރަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަން އެނގި ތިބެވެސް ވަރަށް ގިނަފަހަރު އެބަލި ޖެހުމުން ކުރިން އެކުގައި އުޅުނު އެކުވެރިންނާއި ގާތްމީހުން ދުރަށްދާ ތަން ފެނެ އެވެ. މިފަދަ ބައްޔެއް ޖެހުމަކީ ބަލި ޖެހޭ މީހާގެ ކުށެއް ނޫނެވެ. ނަމަވެސް ބަލިވުމުން އަޅާލުމާއި ލޯތްބާއި ހިތްހަމަޖެހޭ ފަދަ ބަސްތަކާއި ހެޔޮދުއާ ކޮށްދިނުމުގެ ބަދަލުގައި ބާކީ ކޮށްލައި ހިތުގައި ޖެހޭފަދަ ބަސްތައް ބުނާ ތަން މުޖުތަމައުން ފެންނަމުންދާ ކަން ސަމްރާ ފާހަގަކުރި އެވެ. ސަމްރާގެ އާދޭހަކީ ކެންސަރު ފަދަ ވޭން ހުރި ބައްޔެއް ޖެހިގެން އުޅޭ މީހުން ބާކީ ކޮށްނުލުމެވެ. ބުނެލެވޭ ކުޑަކުޑަ ހިތްވަރުގެ ބަހަކީވެސް އެފަދަ މީހަކަށް ވަރަށް މުހިއްމު ކަމަކަށް ވާނެ ކަމަށް ސަމްރާ ގަބޫލުކުރެ އެވެ.

މިފަދަ ބޮޑު ބައްޔަކާ ހަނގުރާމަކޮށް ކާމިޔާބު ހޯދާއިރު އެ ބައްޔަކާ މެދު ވަރަށް ގިނަ މައުލޫމާތު ވެސް ލިބިފައި ހުންނާނެ އެވެ. ސަމްރާގެ މައުލޫމާތުގެ ހަޒާނާވެސް މުއްސަދިވެގެން ދިޔަކަމުގައި ސަމްރާއަށް ކިޔައިދިނެވެ.

"މިކަމުގެ ތެރެއިން ދަސްވި އެއްވެސް ކަހަލަ ލަމްޕެއް ހުންނަކަމަށްވާނަމަ އެއީ ފަރުވާކުޑަކޮށްގެން ވާނެ ކަމެއް ނޫންކަން. އަދި ހަށިގަނޑަށް އަންނަ ކޮންމެ ބަދަލަކީވެސް ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ކަންކަންކޮށް އޭގެ ފުނަށް ގޮސް ބަލައި ހޯދަން ޖެހޭ ކަމެއް ކަން،" ސަމްރާ ބުންޏެވެ.

ސަމްރާއަށް މިބަލީގެ ތެރެއިން އެނގުނު ގޮތުގައި އުރަމަތީގެ ކެންސަރުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ދޭތެރެ ދޭތެރެއިން ޗެކްކޮށް ބެލުމެވެ. އަދި އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމެވެ.

"ހަށިގަނޑަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުންވެސް ލައިފް ރިސްކަކަށް ގޮސްދާނެ. އަޅުގަނޑަށް ތަންކޮޅެއް ކުރިން ބެލުނީމަ ސަލާމަތް މިވީ. އަޅުގަނޑު ފުރަތަމަ އުއްމީދެއްވެސް ނުކުރަން އަނބުރާ އާދެވޭނެ ކަމަކަށް. އެކަމަކު ޑޮކްޓަރުންނާއި އާއިލާ ވަރަށް ސަޕޯޓުވި،"

ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކުރަން ޖެހޭ ފަރުވާ ކޮށްގެން ކުރިއަށް ދެވިއްޖެނަމަ މިއީ ބަލި ނުކުރެވޭނެ ބައްޔެއް ނޫންކަން ސަމްރާ ސާބިތުކޮށްދިނެވެ.

ކެންސަރަކީ ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. މިފަދަ ބައްޔެއްގެ ވޭން އުފުލާ އަދި އުފުލަން ޖެހިދާނެ މީހުންނަށް ސަމްރާ މުހިންމު ވާހަކައެއް ބުނެދިނެވެ.

"ކެންސަރަކީ ބުނަންފަސޭހަ ތަހައްމަލް ކުރަން އުނދަގޫ އެއްޗެއް. އެކަމަކު ހިތްވަރު އެލުވާލައި ގިވްއަޕް ނުކުރާތި. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރީމަ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ" ސަމްރާގެ މެސެޖު ވަރަށް ސާފެވެ.

ޒުވާން އުމުރުގައި ކެންސަރު ފަދަ ބޮޑު ބައްޔެއް ތަޖުރިބާކުރަން ޖެހުމުން ސަމްރާ ގަބޫލުކުރަނީ ހިތްވަރުގަދަ މީހަކަށް ވާން ކެންސަރު ބަލިން ދަސްކޮށްދިން ކަމަށެވެ.

މިއީ ނުވާނެ ކަމެއް ނޫން. ކެންސަރަކީ މަރެއް ނޫން. މިވެސް ހަމަ އެހެން ބަލިތަކެކޭ އެއްފަދަ ބައްޔެއް. ބޭނުންވާނީ ކުޑަ ހިތްވަރެއް. ﷲ އަށް ހަމްދުކޮށްގެން ހިތްވަރު ކުރީމަ ރަނގަޅުވާނެ
މަރިޔަމް ސަމްރާ ހަސަން

ހަޔާތުގައި ސަމްރާއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިމްތިހާންގައި އޭނާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވެދިން އެންމެންނަށް ވަކިވަކިން ޝުކުރު އަދާކުރި އެވެ. އޭނާ މިއަދު ގަދަވެ ސަލާމަތުން އެ ހުރީ އެ އެންމެންގެ ސަބަބުން ކަމަށް ސަމްރާ ގަބޫލުކުރެ އެވެ.

"އަޅުގަނޑުގެ އާއިލާއަށް ހާއްސަކޮށް މަންމައާއ ބައްޕައާ ކޮއްކޮއަށް ވަރަށް ބޮޑަ ޝުކުރުއަދާކުރަން ބޭނުން. އަދި އަޅުގަނޑުގެ ބެސްޓް ފްރެންޑް. ބެސްޓް ފްރެންޑްގެ ފަރާތުން ލިބުނު ސަޕޯޓާ މައުލޫމާތު އެއީ ވަރަށް ބޮޑު ހިތްވަރެއް، އަދި އެފަދަ ހިތްދަތި ދަނަޑިވަޅެއްގަ ވަަރަށް ހާއްސަ ފްރެންޑެއްގެ ސްޕޯޓް ލިބުނު މެންޓަލީ، އަބަދުވެސް އެ ފަރާތުގެ އެހީ ފާހަގަކޮށްލަން ބޭނުން،" ސަމްރާގެ ބުންޏެވެ.

ކެންސަރު ތަހައްމަލް ކުރާ މީހުނާއި ކުދިންނަށް ފަރުވާގެ އިތުރުނު އެންމެ ބޮޑަށް ބޭނުންވަނީ އެހެން މީހުން ދޭ ހިތްވަރެވެ. އަޅާލުމާއި ލޯތްބެވެ. މުޖުތަމައު އެމީހުންނާއި ދޭތެރޭ ޕޮސިޓިވްކޮށް ވިސްނުމެވެ. ކެންސަރަކީ މަރެެއް ނޫނެވެ. ކެންސަރަކީ ވެސް ބައްޔެކެވެ.