ރިޕޯޓް

އެންމެން ޝާމާގެ އުނދޯއްޔަށް!

ވަށައި ކަންނޭލާއި ބާލީސްޖަހައި ކުޑަކުދިން ނިންދެވުމަށް އުނދޯލި ހެއްލާ ހަނދާނަކީ ދިވެހިންގެ ހަޔާތުގެ އެއް ޗެޕްޓަރެވެ. ކުނާ އެޅި އުނދޯލީގައި ޖައްސާލާނަތުން ނިދޭ ހަނދާންވޭ ހެއްޔެވެ؟ ބާރުބާރަށް އުނދޯލި ހެއްލުމާއި އެހެން ހެއްލާއިރު ބިރުން ހަޅޭއްލެއްވޭ ހަނދާންތައް އާވޭ ހެއްޔެވެ؟ އަދި އުނދޯލިން ފާޑެއްގެ ތޫލި އަޑެއް ވެސް އިވޭ ނޫން ހެއްޔެވެ؟ އެދުރު ދައިތައާއެކު ގުރުއާން ކިޔެވުމަށް ފިލާ ހިފައިގެން ނުވަތަ ވޮށުފިލާ އަޅަން އުނދޯލީގައި އިން ހަނދާން ހުރީ ކާކު ހެއްޔެވެ؟ މިހާރު އެކަންކަން ވާނީ މާޒީގެ ވަރަށް ދުރު ހަނދާނަކަށެ. އެކަމަކު މިހާރުވެސް އުނދޯލި ހެއްލުމަކީ އެންމެން ވެސް ކުރާ ހިތްވާ ކަމެކެވެ. ޒަމާން ބަދަލުވެއްޖެ އެވެ. އުނދޯއްޔަކީ މިހާރު މާ އާއްމުއެއްޗެއް ނޫނެވެ. ނަމަވެސް އެންމެންގެ ހިތުގައިވެސް އޮތް އުނދޯލި ހެއްލުމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމަށް ބަދަލެއް ނާދެ އެވެ. އުނދޯއްޔެއް ފެނުނީމާ މިހާރުވެސް ފާޑަކަށް މޮޔަ ނުވާ މީހަކު ނުހުންނާނެ އެވެ.

އުމުރުން 36 އަހަރުގެ އައިޝަތު ޝާމާ އަކީ އުނދޯލީގެ އެކްސްޕާޓެކެވެ. އޭނާ ތައްޔާރުކޮށްދެނީ އަހަރެމެން އަރާނެ އުންދޯއްޔެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގެ ލެބޯޓަރީ ޓެކްނީޝަނެއްގެ ވަޒީފާ އަދާ ކުރަމުން އައި ތިން ކުދިންގެ މަންމަ ޝާމާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ އުނދޯލި އުފެއްދުމަށް ބަދަކޮށްލީ އެވެ.ކުޑަކުދިންނަށް ހާއްސަ އުނދޯއްޔާއި އެކުދީން ކުޅޭނެ ޓެންޓާއި ބޮލުގައިޖަހާ ދައްޗާއި އޯގަނައިޒްކުރާ އެއްޗެއްސާއި ބުކް ސިލިންގް ފަދަ ތަކެތި ފަހައި އެ ބާވަތްތައް ޝާމާ ވިއްކަ އެވެ. އެކަމަށް ޝާމާގެ ހާއްސަ ފިހަރާއެއް ވެސް އިންސްޓަގްރާމްގައި ވެއެވެ. އެއީ ލޭޑީ ކްރާފްޓް އެމްވީ އެވެ. ޝާމާގެ އެ ފިހާރައިން ކޮންމެ ކަހަލަ އުނދޯއްޔަކަށް ވެސް އޯޑަރު ދެވިދާނެ އެވެ.

"އަޅުގަނޑު މަންމަ އަކީ ފަހާ މީހެއް. އަބަދުވެސް ކުދިންގެ ހެދުން ފެހުމުގައި މަންމަ އުޅޭތީ ފަހަން ޓްރައި ކުރީ. އެހާ އުދަނގޫ ކަމަކަށް ނުވި އެކަމެއް... އަޅުގަނޑަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖަކަށްވުމުން ދަރިފުޅަށް ހެދުން ފަހަން ވެގެން ފެށީ. ފަހުން ވިޔަފާރިއެއްގެ ގޮތަށް އަދި މިފާޑުގެ މަސައްކަތަކަށް ބަދަލުވީ. އޭގެ ފަހުބން ހެދުން ފަހާ މީހުން ވަރަށް ގިނަވީމަ ތަފާތު ކަމެއް ކުރުމުގެ ގޮތުން ޔޫޓިއުބް އާއި ޕިންޓްރެސްޓް ބަލައިގެން އުނދޯއްޔާއި ޓެންޓް ފަދަ ތަކެތި ހެދެމުގެ މަސައްކަތް ދަސްކުރީ. އުނދޯލި ވެސް ފުރަތަމަ ތައްޔާރުކޮށް ދެމުން އައީ ހިލޭ،"

ޝާމާ ބުނިގޮތުގައި އޭނާގެ އުންދޯއްޔަށް ޑިމާންޑް އެބައޮތެވެ. އެކަމަކު ފުރަތަމަ ފަށައިގަތް އިރު އެ ޑިމާންޑް އޮންނާނެ ކަމަކަށް ގަބޫލު ކުރެވިފައެއް ނެތެވެ. އޭނާގެ އުނދޯލި ޑޒައިންތަކުގެ ތެރެއިން އެންމެ ހިނގަނީ ތުއްތު ކުދިންގެ އުނދޯއްޔެވެ. ހަތަރު މަހުން ފެށިގެން ކުދިން ބައިންދާލެވޭ މި އުނދޯއްޔަކީ ސްޕޮންޖާއި ޕެޑިން އަދި ކުޝަން ބޭނުންކޮށްގެން ފަހާ ވަރަށް ހިތްގައިމް އުނދޯލިތަކެވެ. އަދި މިއީ ރައްކާތެރި ކަމަށް ހާއްސަ ބެލްޓް ވެސް ހިމަނައިގެން ޝާމާ ޓެސްޓްކޮށް ޔަގީން އިތުބާރު ދީފައިވަ އުނދޯލިތަކެވެ. ޑިޒައިންތައް ވެސް ވަރަށް ފައްކަލެވެ.

"މިހާރު ރަށްރަށުންނާއި މާލެއިން ވެސް އޯޑަރުތައް ލިބޭ. އަޅުގަނޑު އެ މަސައްކަތް ކުރަނީ ކުދިން ސްކޫލަށްދިއުމުން ލިބޭ ވަގުތު. ކުރީ ކޮޅު ސްކޫލް ކަންތައް ކުރަމުން ވަރަށް އުދަނގޫވި ނަމަވެސް މިހާރު ވަރަށް ފަރިތަކޮށް މި ކަން ކޮށްލެވޭ ކަސްޓަމަރުން ޑިޒައިން ދެއްކުމުން ބޭނުންވާ ތީމަކަށް އުނދޯލި ތައްޔާރުކޮށްދެން . ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ އެސެމްބަލް ކޮށްލެވޭނެ،" އޭނާ ބުންޏެވެ.

ޝާމާގެ އުނދޯލި ވިޔަފާރީގައި އޭނާގެ ބައިވެރިއަކީ ފިރިމިހާ އެވެ. އުނދޯއްޔަށް ބޭނުންވާ މިންތަކަށް ވަކަރުތަށް ކަފައި އޭގައި ކުލަޖައްސާ ހަދައި ދެ އެވެ.

"މި މަސައްކަތުގައި އެންމެ ހިތްހަމަޖެހެނީ ކަސްޓަމަރުންގެ ދޭ ރަނގަޅު ފީޑްބެކް. ގޭގައި ހުރެގެން އާމްދަނީ އެއް ހޯދުމަށް ކުރުމަށް މިއީ ރަނގަޅު މަސައްކަތެއް. ދަސްކުރަން ބޭނުން މީހުނަށް ދަސްކޮށްދިނުމަށްވެސް ވިސްނަން"

އުނދޯއްޔާއި ޓެންޓް ފަދަ ތަކެތި ހަދަން ބޭނުންވާ ތަކެތި މާލެއިންނާއި ސްރީލަންކާ އަދި އޮންލައިންކޮށް ވެސް ޝާމާ ހޯދަ އެވެ. އެކަމަކު ބޭނުންވާ ކުލަ އާއި ތަކެތި މާލޭގެ ބާޒަރަކުން ނުއެއްލިބެ އެވެ.

"އޮންލައިންކޮށް ގެންނަން ވަގުތު ދާނެ އެހެންވެ ކުއްލިއަކަށް ލިބޭ އޯޑަރު ނަގަން ވެސް ބައެއް ފަހަރަށް އުނދަގޫވޭ،"

ޝާމާގެ އުއްމީދަކީ މި ވިޔަފާރި އިތުރަށް ފުޅާކޮށް ކުޑަ ފިހާރައެއް ހުޅުވުމެވެ. އެއީ އޭނާ ދެކޭ ހުވަފެނެކެވެ.