މީހުން

ނުހިނގޭ ؛ އެކަމަކު ހިނގާ ނަމޫނާއެއް!

ދެހާސް ދެވަނަ އަހަރުގެ ތެރޭގައި އޭނާއަށް ނާރުގެ މައްސަލައެއް ދިމާވި އެވެ. އެކަމާ ދިއުމުން ރާއްޖެއިން ބުނީ ފަރުވާ ހޯދަން ބޭރަށް ދާށެވެ. އެ ދުވަހު މުހައްމަދު ނަޖީބު އެއާޕޯޓަށް ދިޔައީ ހިނގާފަ އެވެ. އުންމީދާއެކުގަ އެވެ. ނަމަވެސް އޮޕަރޭޝަންގައި ދިމާވި ކަމަކާއި ގުޅިގެން އުމުރަށް ނުކުޅުންތެރިކަން ހުންނަ މީހަކަށް ބަދަލުވީ އެވެ. އުނަގަނޑުން ތިރީގެ ވާގިގޮސް ހިނގުމުން މަހްރޫމްވީ އެވެ. މިހާރު އުމުރުން 52 އަހަރުގެ ނަޖީނު އެ ދުވަހުގެ ހަދާންތައް އާ ކުރެ އެވެ.

ގއ. ވިލިނގިއްޔަށް އުފަން ނަޖީބު ބުނި ގޮތުގައި ރާއްޖޭން ވެސް އޮޕަރޭޝަނެއް ކުރި އެވެ. ނަމަވެސް ކާމިޔާބެއް ނުވި އެވެ. އަދި އިތުރު އޮޕަރޭޝަނެއް ކޮށްފިނަމަ ހަށިގަނޑައް ގެއްލުންވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ. އެހެންވެ ވަށައިގެން އޮތީ ބަނަ ކަމެވެ. ވަޒީފާ ވެސް ގެއްލުނީ އެވެ. ނަމަވެސް ނަޖީބު، އޭނާގެ ހިތްވަރު ދޫކޮށެއް ނުލަ އެވެ. ޑޮކްޓަރު އެދި ވަޑައިގަތް ގޮތަށް އޭނާއަށް އޮޓަމެޓިކް ވީލް ޗެއާއެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. އެކަމަށް އެތައް އެދުމަކާއި ކުރި އާދޭސް އަޑު އަހަނާ ބަޔަކު ނުވި އެވެ. އެހެންވިޔަސް ނަޖީބު އުންމީދާއެކު މަސައްކަތް ކުރަމުން ދަނިކޮށް އޭނާއަށް ބޭނުންވާ ގޮނޑި ލިބުނެ އެވެ. އެހިސާބުން އޭނާގެ ދިރިއުޅުމުގެ އާ ބާބެއް ވެސް ފެށުނީ އެވެ. އޭނާގެ ޒަވާޖީ ހަޔާތެއް ވެސް ފެށުނެވެ.

ނަޖީބާއި އަންހެނުން ޝިމްލާ އަލީ އެކުގައި އުޅެން ބޭނުންވީ މާލެ ބަދަލުވާށެވެ. މާލެ ބަދަލުވެ ހިޔާ ފްލެޓަށް ވެސް ކުރިމަތިލި އެވެ. ނަމަވެސް އެ ފުރުސަތެއް ނުލިބުނުވެ.

"ފްލެޓް ލިބުނު ސަބަބެއް އަޅުގަނޑަކަށް ނޭނގޭ" އޭނާ ބުންޏެވެ.

ދިރިއުޅުން މާލެ ބަދަލުވުމަށް ފަހު ވެސް އޮތީ ގޮންޖެހުމެވެ. އަބަދު އެއްގެއިން އަނެއް ގެއަށް އަބަދުވެސް ބަދަލުވާން ޖެހެނީ އެވެ. ވީލް ޗެއާއިން ގޭގެ ދޮރުގައި ޖެހި ހަލާކުވާތީ މީހުން ނުރުހެނީ އެވެ.

ނަޖީބުގެ ދިރިއުޅުން ބަދަލުކޮށްލީ ނުކުޅުންތެރިކަން ހުނަން ފަރާތްތަކަށް އެމްއޭޕީޑީން މާލޭގައި ބޭއްވި ހަވީރެއްގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން ފެށީ އެވެ. އެ ދުވަހު ފެށި މައްސައްކަތުން އޭނާއަކީ މިހާރު ރާއްޖޭގެ ނުކުޅުންތެރިކަން ހުންނަ ފަރާތްތަކައް ހާއްސަ އެސޯސިއޭޝަންގެ ނައިބު ރައީސެވެ.

އޭނާ އިސްވެ ނުކުޅުންތެރިކަން ހުންނަ ފަރާތްތަކައް އެހީ ފޯރު ކޮށްދިނުމާއި އަތޮޅުތަކުގެ ތެރޭގައި މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރެ އެވެ. ގޭގޭގައި ރޭމްޕް ހެދުމާއި ސްކޫލްތަކާއި މިސްކިތްތަކުގައި ވެސް ރޭމްޕް ހަދާފައި ވެއެވެ.

ނަޖީބް މިހާރު ވަޒީފާއެއް އަދާ ކުރަނީ އެޗްޑީސީގަ އެވެ. އެ ފުރުސަތު އޭނާއަށް ހޯދައި ދިނީ އެޗްޑީސީގެ ކުރީގެ އެމްޑީ ސައިމަނެވެ. މިހާރު އޭނާއަކީ އެޗްޑީސީގެ ސްޓޯ ކީޕަރެކެވެ. އެ ވަޒީފާގައި އުޅޭތާ ފަސް އަހަރުވެއްޖެ އެވެ.

ނަޖީބް ބުނި ގޮތުގައި އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރަން އޭނާއަށް ވަރަށް އުގަނދޫވި އެވެ. ނަމަވެސް ވަޒީފާގައި އެކުގައި އުޅޭ މީހުންގެ ފަރާތްތަކުން އެއްބާރުލުމާއެކު "ހިނގައި" ގަނެވުނީ އެވެ. ކޮންމެ ދުވަހަކު ވެސް ވަޒީފާއަށް ދަނީ ގޮނޑީގަ އެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ގޮނޑީގެ ބެޓެރީގެ ޗާޖު ގޮސްގެން މަގަށް ހުއްޓެ އެވެ. އެހީވަނީ އެކުވެރީންނެވެ.

ނަޖީބްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިދާރާތަކުގެ އެއްބާރުލުން އޭނާ ފަދަ ފަރާތްތަކަށް ނުލިބޭތީ އެވެ. އެހީތެރިކަން ފޯރުކޮށް ނުދޭތީ އެވެ. އަދި ގާނޫނުގައިވާ ގޮތަށް އަމަލު ނުކުރާތީ އެވެ. އޭނާގެ އެދުމަކީ އެެހެން މީހުން ވެސް އުޅޭފަދަ މާ ހައުލެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޯދައިދިނުމެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ހިތްވަރާއެކުގައި މަސައްކަތް ކުރުމުގައި ދެމި ހުންނާނެ އެވެ.