ލައިފްސްޓައިލް

އެންމެނަށް ރާކަނި މަސް ކެވިއްޖެ!

މިއީ އެކަކު ބުނި ވާހަކައެކެވެ. އެކަމަކު މިއީ މިހާރު ބައިވަރު މީހުން ކިޔައި އުޅޭ ވާހަކައެކެވެ؛ "އަހަރުމެންގެ ކާފަ މެން މުސްކުޅި މީހުން އޭރު ކިޔާނެ، ރާކަނި މަސް ކެވިފަ އޭ ތިހުރީ! އެކަމަކު ދުވަހަކު ވެސް ނުއެއް ކެވޭ ނުއެއް ފެނޭ. ނޭނގޭ އެއީ ކޯއްޗެއް ކަންވެސް. އެކަމަކު މިހާރު އަހަންނަށް ވެސް ރާކަނި މަސް ރަނގަޅަށް ކެވިއްޖެ. އަދި ހުރިހާ އެންމެންނަށް ވެސް ރާކަނި ކާންދެއްވިއްޖެ"

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުމާލޭގައި ސްޓްރީޓް ފުޑް ފެށިގެން އައި ދުވަސްވަރު އެ ނޫން ވާހަކަ އެއް ނުދައްކާނެ އެވެ. އެންމެވެސް އަބަދުވެސް އުޅެނީ ރާކަނި ސްޓޭންޑަށް ރާކަނި މަސް ކާން ދެވޭތޯ ދާށެވެ. ޒުވާނުންގެ މެދުގައިވެސް ރާކަނި މަސް އެ ގޮތުގައި ހިނގައިގަތީ އެހާ ހިސާބުންނެެވެ. އޭގެ ކުރިން "ހުންނާނީ ރާކަނި މަސް ކެވިފަ" އޭ ހަމައެކަނި ބުނެ އުޅެނީ މީހުނަށް މަލާމާތަށް މަޖާޒީ ގޮތުން ބޭނުން ކުރަމުން އައި ޖުމްލައެކެވެ.

ރާކަނި ސްޓޭންްޑު ހިންގާ މުސްތޮފާ ހަސަން (މުސްތޮ) އަކަށްވެސް ރާކަނި އެއީ ކޯންޗެއް ކަން ކުރިން މާ ރަނގަޅަކަށް ނޭނގެ އެވެ. އެއް ފަހަރަކު އޭނާ ހިންގަމުން އައި ކެފޭއެއްގެ ވިޔަފާރި ދަށަށް ގޮސް ހަމަ އެންމެ ރުފިޔާ އެއްް ނުލިބޭ ހިސާބަށް ވިޔަފާރި ވެއްޓުމުން ވެސް ބައެއް މީހުން އޭނާއައް ދިމާއަށް ބުނަނީ "ތިހިރީ ރާކަނި ކެވިފަ އޭ" އެވެ.

ރާކަނި ސްޓޭންޑެއް މުސްތޮއަށް ހުޅުވުނީ މީހަކު އެއްލާލާފައި އޮތް ގްރިލެއް ނަގައި އޭގައި ދަވާދު ލައި ހެދުމަށްފަހު ބޮޑު ސައިޒުގެ ވިއްސާރަ ކުޑަ އެއް ހޯދަައި ހުޅުމާލޭ އަތިރިމަތީން ކަނެއްގައި އެ ގްރިލް ބަހައްޓައިގެނެވެ. އެކަން ފެށީ ރާކަންޏަށް ގޮސް ރާކަނި މަސް މީހުނަށް ކާންދޭން ވެގެނެއް ނޫނެވެ. އެކަމަކު މީގެ ދެ އަހަރު ކުރީގެ ރެއެއްގައި އެ ގްރިލް ރޯ ކުރީ ދެން ދުވަހަކުވެސް އެ ގްރިލް ނިއްވާ ނުލަން އަޒުމު ކަނޑައަޅައިގެނެވެ.

ބާވެފައި އޮތް ގްރިލް ޖައްސާލައި އެގޭ މަތީގައި ރާކަންޏާއި ސަަނދަރަަ އާއި ގޮޅާ މަސް އަތުރާލުމުން އަރައިގަތް މީރުވަހުން މުޅި ސަރަހައްދުގައި ވަސް ހިފާލީ އެކަންޏަކު ނޫނެވެ. ސަރަހަދުގެ އެންމެންގެ ކުޅުވެސް ދިޔައިވީ އެވެ. މުސްތޮގެ ސްޓޭންޑަށް މީހުން ދަމައިގަތް ސަބަބަކީ އެއީ އެވެ. ހިސާބުގަނޑުގައި ވާހަކަ ދައްކަން ތިބޭ މީހުން ބޯވަ އޫތަކާއި ރާކަންޏާއި ސަނދަރަ އާއި ގޮޅާ މަސް ކާން ފެށި އެވެ. އޭގެ ވަސް ބާރަށް ހަލުއިކޮށް ފެތުރެމުން ގޮސް އެންމެނަށްވެސް ރާކަނި އެނގި ރާކަނި މަސް ކެވުނީ އެވެ.

"އެ ސްޓޭންޑު ޖަހައިގެން އެންމެ ފުރަތަމަ ދެ ދުވަހު އަޅުގަނޑޫ ބެހީ ބޯވަ އާއި ސޮސެޖާ. ދެ ދުވަސް ފަހުން ބަހާ ނިމުނީމާ އެއްކިލޯ ދެ ކިލޯ ބޯވަ އާއި ރާކަންޏާ ސަނދަރަ ގެނައީ... ފަހުން ހުރިހާ އެއްޗެއް ގެނެސް ވިއްކަން ފެށީ. މިހާރު އޮބި ނޯންނަ ވަރަށް މިކަން ކުރިޔަށް ގެންދެވިއްޖެ." އޭނާ ބުންޏެވެ.

މުސްތޮގެ ގްރިލްގައި މިހާރު އެންމެ އާދައިގެ ދުވަހެއްގައިވެސް 70 ކިލޯ އާއި 80 ކިލޯގެ ރާކަންޏާއި ސަނދަރަ އާއި ގޮޅާ ވިއްކަ އެވެ.

އޭނާގެ ސްޓޭންޑަށް ރާއްޖޭގެ އެކި ހިސާބުތަކުން މިހާރު ރާކަނި ސަޕްލައި ކުރެ އެވެ. ދުރަށް ދަތުރު ކުރިވަރަކީ ދެކުނުގެ ގދ، އަތޮޅުން ވެސް ރާކަނި ހިފައިގެން އާދެ އެވެ. އުތުރުން ހދ. އިން ވެސް އާދެ އެވެ. މެދު އަތޮޅުތަކުން ބ. އަަތޮޅުން ވެސް ރާކަންޏާ ސަނދަރަ އާއި ގޮޅާ ނަގައި ކައްކާ ފްރިޖު ކޮށް ގެނެސް ދެއެވެ. މީގެ އިތުރުން މުސްތޮ އޭނާގެ ގްރިލް މުއްސަނދިކޮށްލަން މިހާރު ކުދި ބޯވަ ގެންނަނީ ޑުބާއީ އިންނެވެ.

ކޮންމެ ދުވަހަކު މުސްތޮ، އޭނާގެ ގްރިލް ޖައްސާ ހޫނު ކޮށްލާއިރު އޭގެ މަތީގައޮ ފިހޭ ރާކަނީގެ ލޮނުމިރުސްގަނޑު އުނގުޅާލައި ދެނީ އޭނަގެ އަންހެނުންނެވެ. އެހިސާބުން މީރު ވަސްގަނޑު ދުއްވައިގަނެ އެވެ. އަދި އެ ވަސް ޖެހުމުން މީހުނަށް ރާކަނި މަސް ނުކައެއް ނުތިބެވެ އެވެ.

"ލޮނުމިރުން ފުނޑާނީ އަންހެނުން. ވަރަށް ގިނަ މީހުން އައިސް ކިޔާނެ ވިއްކަން ވީ ނޫންހޭ ވެސް. އެކަމަކު އެއެއް ނުވިއްކޭނެ ނޫންތޯ؟ އެއީ ހަމަ ރާކަންޏަށް ފިކްސް ކޮޮށްފައިވާ މިރުސްގަނޑެއް، އެއީ ކޮކާ ކޯލާގެ ރެސިޕީހެން ފޮރުވައިގެން ގެންގުޅޭ އެއްޗެއް،" މުސްތޮ ބުންޏެވެ.

ރާކަނި މަސް ކާން ހުޅުމާލެއަށް ދާ މީހުނަށް މާލޭން ހުޅުމާލެ އަަށް ތަންކޮޅެއް ދަތިވާތީ މިހާރު މާލޭ ބްރިޖް ޕްލެޓްފޯމް ކައިރިން ވެސް މުސްތޮ ވަނީ ސްޓޭންޑެއް ޖަހާފަ އެވެ. އަދި ހުޅުމާލޭގައި ހެދި ކުޑަ ސްޓޭންޑު ނަގައި އެެ ސަރަހައްދުން ބިމެއް ކުއްޔަށް ނަގާ، މާ ވަރުގަދައަށް ގްރިލް ޖައްސައިފި އެވެ. މިހާރު ހުޅުމާލެ ދޭކަށް ވެސް ރާކަނިތައް ގެންދަން މުސްތޮ ބޭނުންވެ އެވެ.

"ފެށި އިރު މީހެއްގެ އަތުން ދަރަންޏަށް ނެގިން 15،000 ރުފިޔާ. މިހާރު އެ ދަރަނި ދައްކާ ނިންމައިފިން. އިރާދަ ކުރެއްވިއްޔާ ވިޔަފާރި ވެސް ހީނުކުރާ ވަރަށް ވުރެ ކުރިއަށް ގޮސްފި،" އޭނާ ބުންޏެވެ.

މުސްތޮގެ ރާކަނި މަހުގެ އަވައިގައި އެތައް ބަޔަކު ވަނީ ޖެހިފަ އެވެ. އޭނާގެ ރާކަނި ސްޓޭންޑަށް "އީދު" އަންނަނީ ބަންދު ދުވަސްްތަކާއި ޗުއްޓީ ތަަކުގަ އެވެ. ދެމަފިރިންނަށް އެހެންވެ ބުރަކޮށް އުޅެން ޖެހެ އެވެ. މުސްތޮ ބުނާ ގޮތުގައި މިހާރު އޭނާއަށް ރަނގަޅަށް ރާކަނި ކެވިއްޖެ އެވެ. އަދި އެންމެނަށް ރާކަނި މަސް ކާންވެސް ދެވިއްޖެ އެވެ.

އެޑިޓަރުގެ ނޯޓު:

މި ލިޔުމުގައި މުސްތޮ ބިމެއް ގަނެ ސްޓޭންޑެއް ހެދި ވާހަކަ ކުރިން ލިޔެވުނީ އިންޓަވިއު ދިން އިރު އެގޮތަށް މައުލޫމާތު ދެވުމުންނެވެ. ނަމަވެސް މިހާރު ވަނީ އެ ބިމަކީ ކުއްޔަށް ނަގާފައިވާ ބިމެއްކަން މުސްތޮ ސާފުކޮށްދީފަ އެވެ. އެހެންކަމުން މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.