ލައިފްސްޓައިލް

81 އަހަރުގެ ދެ ބެސްޓް ފްރެންޑުން ދުނިޔެ ބަލާލަން ކުރާ ދަތުރު

އެންމެ ގާތް އެކުވެރިޔާ އާއެކު ދުނިޔެ ބަލާލަން ދަތުރެއް ކޮށްލުމަކީ ވަރަށް ގިނަ ބައެއްގެ ހުވަފެނެކެވެ. މި ކަހަލަ ދަތުރެއް ހިޔާލަށް އަޔަސް ވަރަށް ހިތްހަމަޖެހުމާއި އުފާ ލިބެ އެވެ. ނަމަވެސް މިގޮތަށް ދަތުރެއް ކޮށްލުމުގެ ނަސީބު ލިބެނީ ހާލަކުން ފަހަރަކު އެވެ.

މި ނަސީބު ލިބުނު ދެ ބެސްޓް ފެރެންޑުންގެ ތެރޭގައި ޓެކްސަސް އަށް ނިސްބަތްވާ އުމުރުން 81 އަހަރުގެ ދެ އަންހެނުން ހިމެނެ އެވެ. އެމީހުންގެ ރަން ހަނދާންތައް އެކުލެވޭ ދަތުރު ނާމާ އިންޓަނެޓުން ފެނުމުން ގިނަ ބައެއްގެ ސަމާލުކަމަށް މި ވާހަކަ އައިސްފައި ވެއެވެ.

ސޭންޑީ ހޭޒްލިޕް އާއި އެމިލީ ހާމްބީ އާ ދެ މީހުންނަށް ވެސް މިހާރު މީ 81 އަހަރެވެ. އަދި ދެ މީހުންނަކީ ގާތް ދެ އެކުވެރިންގެ ގޮތުގައި އުމުރުގެ ބޮޑު ބައެއް ހޭދަކޮށްފައި ތިބި ބެސްޓް ފްރެންޑުންނެވެ. އެމީހުން ދުނިޔެ ބަލާލުމުގެ ދަތުރެއް ފަށައި މި ދަތުރުގެ ވާހަކަތައް ސޯޝަލް މީޑީއާގައި ހިއްސާ ކުރަމުން ގެންގޮސްފައި ވެއެވެ.

މި ދެ އެކުވެރިންގެ ތެރެއިން ހޭޒްލިޕް އަކީ ފިޒީޝަނެއް އަދި ލެކްޗަރާ އެކެވެ. ހާމްބީ އަކީ ޑޮކިއުމެންޓްރީ ފޮޓޯގްރާފަރެކެވެ. އެމީހުންގެ ދުނިޔެ ބަލާލުމުގެ ދަތުރު ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. އަދި ބްލޮގެއްގައި ދަތުރުގެ ވާހަކަތައް ދަނީ ހިއްސާ ކުރަމުންނެވެ. މި ބްލޮގް އަށް ކިޔަނީ "އެރައުންޑް ދަ ވޯލްޑް އެޓް 80" އެވެ.

ސޭންޑީ އާއި އެލީގެ ދަތުރުގެ ފުރަތަމަ މަންޒިލަކަށްވީ އެންޓާކްޓިކާ އެވެ. ކަނޑުބޯޓެއްގައި އެމީހުން މި އުނދަގޫ ދަތުރު ކޮށްފައި ވެއެވެ.

މި ދެ އެކުވެރިން މިކަމަށް ޚާއްސަކޮށް ލިޔަމުންދާ ބްލޮގްގައި އެމީހުން ލިޔެފައިވާ ގޮތުގައި މިފަދަ ދަތުރެއް ކުރުމުގެ ޚިޔާލު މީގެ ފަސް އަހަރު ކުރިން އެންމެ ކުރިން ފާޅުކުރީ އެލީ އެވެ. އެއީ ދެން އެހާ ސީރިއަސްކޮށް އޭނާ ބުނި އެއްޗެއް ވެސް ނޫނެވެ. "ހިނގާބަލާށޭ 80 އަހަރުގައި 80 ދުވަހުގެ ދަތުރެއް ދުނިޔެ ބަލާލަން ކުރަން،" އެ ދުވަހު އެލީ ބުންޏެވެ. މިއީ އެއް ރެއެއްގެ ވަރަށް ދަންވަންދެން ދެ މީހުން މަސައްކަތެއް ކުރަން ތިބެފައި ކުއްލިއަކަށް އެލީ އަށް އައި ޚިޔާލެކެވެ.

އޭގެ ފަސް އަހަރު ފަހުން މި ޚިޔާލުގައި ހަގީގީ ކުލަ ޖައްސަން ދެ އެކުވެރިން ދަތުރު ފަށައި، އެންޓާކްޓިކާ އަށް ފަހު އާޖެންޓީނާ އަށާއި ޗިލީގެ ޓެރިޓަރީގެ ތާރީޚީ ސައިޓަކަށް ވެސް އެމީހުން ޒިޔާރަތް ކޮށްފައި ވެއެވެ.

އެމީހުންނަށް އާޖެންޓީނާ އަށް ދެވުނީ ޕެރޫ އަށް ދާން އުޅެނިކޮށް އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވުމުން އެ ދަތުރު ކެންސަލް ކޮށްފަ އެވެ.

"އަހަރެމެންގެ ދަތުރުގެ ފަލްސަފާއަކީ ދާނެ ގޮތަކަށް ކަންކަން ދާން ދޫކޮށްލައި ދަތުރުގައި ވީހާވެސް މަޖަލެއް ކުރުން. އެހެންވެ ރާވާފައި ނެތް ދަތުރެއްގައި އާޖެންޓީނާ އަށް ދެވުނު ނަމަވެސް އަހަރެމެން ކަން ކުރީ ހަމަ އެގޮތަށް. އަސް ދުއްވުމާއި ނެށުން ފަދަ ކަންކަމުގައި ހިތްހަމަޖެހޭ ވަރަށް މަޖާކުރިން،" ދެ އެކުވެރިން ބްލޮގްގައި ލިޔެފައި ވެއެވެ.

އޭގެ ފަހުން އެމީހުން ފިންލެންޑާއި ނޯތު ޕޯލް އަދި އިޓަލީގެ ރޯމަށް ވެސް ދަތުރު ކޮށްފައި ވެއެވެ. އަދި ލަންޑަނަށް ކުރި ދަތުރުގައި ޒެންޒިބާރް އާއި ޒެންބިއާ އަށް ވެސް ދަތުރު ކުރި އެވެ. އަދި މިސްރަށް ގޮސް ޖަމަލު ދުއްވައި ޕިރަމިޑްތައް ވެސް ބަލާލި އެވެ.

ދަތުރަށް ނުކުތްތާ މަހެއްހާ ދުވަސް ފަހުން އެމީހުން 81 އަހަރުގެ ދެ އެކުވެރިން ވަނީ އިންޑީޔާ އާއި ނޭޕާލް އަށް ވެސް ޒިޔާރަތް ކޮށްފަ އެވެ. އަދި މާޗް މަހު އެމީހުން ވަނީ ޖަޕާނަށް ޒިޔާރަތް ކޮށްފަ އެވެ. މާޗް 21 ވަނަ ދުވަހު ދެ އެކުވެރިން ތިބީ އިންޑޮނީޝިޔާގެ ބާލީގަ އެވެ. އަދި އޭޕްރީލްގައި އެމީހުން ދިޔައީ އޮސްޓްރޭލިޔާ އަށެވެ.
އެމީހުންގެ މި ދަތުރުގެ ވާހަކަޔާ އެއްވަރަށް ދެ މީހުން މި ދަތުރުގައި ލާ އެއް ވައްތަރުގެ ޓީޝާޓުގެ ވާހަކަ ވެސް މަޝްހޫރެވެ.

ސީއެންއެން އާ ވާޙަކަ ދައްކަމުން ހާމްބީ ބުނީ އެމީޙުންގެ ދަތުރުގައި ދިމާވާ މީހުންނަކީ އެމީހުންގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާ ކަމަށެވެ.

"އަހަރެމެންނަށް މިހާތަނަށް ދެވުނު ހުރިހާ ތަނެއް ވެސް އަހަރެމެންނަށް ވަރަށް ކަމުދިޔަ. ނަމަވެސް އެންމެ ފާޙަގަ ކޮށްލެވެނީ އަހަރެމެންނާ ބައްދަލުވީ ތަފާތު ގައުމުތަކުގެ ތަފާތު ނަސްލުތަކުގެ މީހުން. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ހިތްހެޔޮ، ވަރަށް ރަނގަޅު، ވަރަށް ގިނަ އެކުވެރިންނާ އަހަރެމެންނާ ބައްދަލުވެފައިވޭ. އަހަރެމެންގެ ގާތް އެކުވެރިންގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަރަށް ގިނަ އަދަދެއްގެ އެކުވެރިން އެބަތިބި. އެ އެންމެން ދެކެ އަހަރެމެން ވަރަށް ލޯބިވޭ،" ހާމްބީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެމީހުންގެ މި ދަތުރަކީ ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެއް ނޫނެވެ. ދުނިޔެ ބަލާލުމުގެ އެޑްވެންޗާ ދަތުރެކެވެ. މި ދަތުރުގެ ކޮންމެ ދުވަހަކީ ވެސް އެފަދަ އެޑްވެންޗާ އެކެވެ.

މި ދެ އެކުވެރިންގެ މި ދަތުރުނާމާގެ ވާހަކަތަކުން އިންޓަނެޓުން މި ވާހަކަ ކީ ގިނަ ބަޔަކަށް ފުން އަސަރުތަކެއް ކުރި އެވެ. އަދި ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ އެމީހުންނަށް ވަރަށް ތައުރީފުކޮށްފަ އެވެ.

"އަހަރެމެން ކައިރީ ވަރަށް ގިނަ ބަޔަކު އެބަ އަހާ މިހާ ގިނަ ގައުމުތަކަށް ދަތުރުކުރިއިރު އެ ގައުމުތަކުގެ މީހުންނާ ވާޙަކަ ދައްކާ އުޅުނީ ކިހިނެއް ހެއްޔޭ؟ އަހަރެމެން ބުނަނީ އަހަރެމެން ވާޙަކަ ދައްކަނީ އެންމެ ބަހަކުންނޭ. އެއީ ހިނިތުންވުމޭ. އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ ކިތަންމެ ގައުމެއްގެ ކިތަންމެ ބަޔަކާ އަހަރެމެންނަށް ބައްދަލުވި. އެ އެންމެންނާ ވެސް ހިނިތުންވުމުން ވާހަކަ ދައްކަން އުނދަގުލެއް ނުވި. އެންމެ ހިނިތުންވުމެއް ހުރިހާ ބަހެއް ކަވަރުކުރި،" ހާމްބީ ބުންޏެވެ.

ސޭންޑީ އާއި އެލީގެ ދަތުރު ނިންމާފައި މިހާރު ޓެކްސަސް އަށް އެނބުރި ގޮއްސި އެވެ. އަދި އެމީހުން ގެންދަނީ އަނެއްކާވެސް މިފަދަ ދަތުރެއް ކުރުމަށް ރޭވުންތައް ރާވަމުންނެވެ.