ލައިފްސްޓައިލް

ލެންސް ލައްވައިގެން ނިދީމާ ލޮލަށް ޕެރެސައިޓެއް އަރައި އަނދިރިވެއްޖެ

ކޮންޓެކްޓް ލެންސް ލައްވާ މީހުންނަށް އެންމެ އުނދަގޫ އެއް ކަމަކަށް ވަނީ ނިދުމެވެ. ބައެއް މީހުން ލެންސް ލައްވައިގެން ނިދާ އުޅެ އެވެ. ނަމަވެސް މިއީ ވަރަށް ރިސްކް ބޮޑު ކަމެއް ކަމުން އެކަން ނުކުރަން ތަޖުރިބާކާރުން އިރުޝާދު ދެ އެވެ.

ލެންސް ލައްވައިގެން ނުނިދަން ވަރަށް ހިތްވަރު ކުރިޔަސް ބައެއް ފަހަރަށް މާބޮޑަށް ނިދި އައުމުން ލެންސް ނަގާނެ ހިތްވަރު ނެތި ނިދޭގޮތް ވެއެވެ. އެމެރިކާ މީހެއް ކަމަށްވާ މައިކް ކްރުމްހޯލްޒް އަށް ވެސް ވީ މިހެންނެވެ. އޭނާ ވެސް މާ ބޮޑަށް ނިދި އައިމަ ލެންސް ނުނަގާ ނިދީ އެވެ. ނަމަވެސް ލެންސް ލައްވައިގެން ނުނިދުނު ނަމައޭ މިއަދު އޭނާ ހިތަށް އަރަ އެވެ. ލޮލަށް ވަރަށް ނުރައްކާތެރި އިންފެކްޝަނެއް ޖެހި ކަނާއަތު ލޮލުގެ ފެނުން މުޅިން ގެއްލިފައި ވާތީ އެވެ.

ޑެއިލީ ސްޓާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ފްލޮރިޑާގައި ދިރިއުޅޭ 21 އަހަރުގެ މައިކް އަކީ އޭނާ އަދާކުރާ ވަޒީފާގެ އިތުރުން ޕާޓް-ޓައިމް ޖޮބެއް ވެސް އަދާކުރާ މީހެކެވެ. އެގޮތުން އެއް ދުވަހު އޭނާ ޕާޓް-ޓައިމް ވަޒީފާގައި އުޅެނިކޮށް މާ ބޮޑަށް ވަރުބަލިވެގެން އިރުކޮޅަކަށް ނިދުނީ އެވެ. އޭނާއަކީ އަބަދުވެސް ލޮލަށް ލެންސް ލައްވައިގެން އުޅޭ މީހެއް ކަމުން އެ ދުވަހު ލެންސް ނުނަގާ ނިދުމުން އޭނާގެ ލޮލަށް މައްސަލަތަކެއް ދިމާވި އެވެ.
ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އޭނާގެ ލޮލަށް ޖެހިފައިވަނީ ހާޕްސް ސިމްޕްލެކްސް ވައިރަސް ޓައިޕް 1 (އެޗްއެސްވީ 1) ކިޔާ ބައްޔެއްކަން އެނގުނެވެ. ޑޮކްޓަރުން މި ބައްޔަށް ފަރުވާ ކުރިނަމަވެސް މައިކްގެ ލޮލުގެ މައްސަލަ ހައްލުނުވެ އިތުރަށް ގޯސްވަމުން ދިޔަ އެވެ. އެންމެ ފަހުން އިތުރު ޓެސްޓްތައް ހަދައިގެން އޭނާއަށް ދިމާވެފައިވަނީ އެހެން މައްސަލައެއްކަން ޔަގީން ކުރެވުނެވެ. އޭނާގެ ލޮލަށް ޖެހިފައިވަނީ ވަރުގަދަ އިންފެކްޝަނެކެވެ. އޮކެންތަމީބާ ކެރަޓައިޓިސް ކިޔާ ފްލެޝް-އީޓިން ޕެރަސައިޓްސް އަކުންނެވެ.

އޭގެ ފަހުން ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ލޯ ފަސް އޮޕްތަލްމޮލޮޖިސްޓަށް (ލޮލުގެ ޚާއްސަ ޑޮކްޓަރަށް) ދެއްކި އެވެ. އަދި ކޯނިއާ ސްޕެޝަލިސްޓުންގެ ދެ ޑޮކްޓަރުންނަށް ދެއްކި އެވެ. މިހާރު އޭނާގެ ލޮލަށް ވަރަށް އަގުބޮޑު ފަރުވާތައް ކުރަމުންދާއިރު ފައިސާ ހުސްވެގެން ފަންޑް ހޯދަން ގޯފަންޑްމީ ޕޭޖެއް ވެސް ވަނީ ހުޅުވާފަ އެވެ. އަދި މިފަދަ ކަމެއް ދިމާވެދާނެތީ ލެންސް ލައްވާ މީހުން ހޭލުންތެރިކުރުވަން މަސައްކަތްތަކެއް ކުރަން ވެސް މައިކް ބޭނުންވެ އެވެ.

މައިކްގެ ލޮލަށް ފަރުވާ ކުރަމުންދަނިކޮށް އޭނާގެ ކަނާތުގެ ލޮލުގެ ފެނުން މުޅިން ގެއްލުނެވެ. އޭގެ ފަހުން 50 ދުވަސް ފާއިތުވީއިރުވެސް އެ ލޮލަކަށް ނުފެނެ އެވެ. މިހާރު އޭނާ އުޅެން ޖެހެނީ ވަރަށް ޚާއްސަ، ކަޅު، ބޯ، ބިއްލޫރިއެއް ލައްވާފައި ހުންނަ އައިނެއް އަބަދުވެސް އަޅައިގެން އުޅޭށެވެ. ނިދާ ކޮޓަރީގައި އުޅޭއިރުވެސް އޭނާ އުޅެން ޖެހެނީ މި އައިނު އަޅައިގެންނެވެ.

މައިކްގެ މި ވޭންދެނިވި ބަލީގައި އޭނާގެ އާއިލާގެ ފުރިހަމަ އެހީތެރިކަން އޭނާއަށް ލިބެމުން ދެއެވެ. އޭނާ ބޭނުން ކޮންމެ ވަގުތެއްގައި އެހީތެރިވާން އާއިލާގެ މީހުން އޭނާގެ ކައިރީގައި ތައްޔާރަށް ތިބެ އެވެ.

މައިކްގެ ލޮލަށް އިންފެކްޝަން ޖެހުނުތާ ދެ ހަފުތާ ވީއިރުވެސް އޭނާގެ ލޮލުގެ އަޑިން ވަރަށް ވަރުގަދަ ތޫނު ތަދެއް އިހްސާސް ކުރެވެމުންދިޔަ އެވެ. މިއީ އޭނާއަށް ކެތް ކުރެވޭ ވަރަށް ވުރެ މާ ގަދަފަދަ ވޭނެއް ކަމަށް އޭނާ އާ ހަވާލާދީ މި ޚަބަރުގައި ބުނެފައި ވެއެވެ.

ފަހުން މައިކް ވަނީ ފޮޓޯޑައިނެމިކް ތެރަޕީ (ޕީޑީޓީ) ކިޔާ ސާޖަރީއެއް ހަދާފަ އެވެ. އޭގެ ފަހުން މައިކްގެ ލޮލުގެ ރިހުން މިހާރު ތަންކޮޅެއް ކުޑަ އެވެ.

ލެންސް ލައްވައިގެން ނިދާ، ފެންވަރާ ނުހެދުމަށް، ލެންސް ލައްވާ މީހުންނަށް މައިކް އިލްތިމާސް ކުރެ އެވެ. އޭނާގެ ވޭންހުރި ތަޖުރިބާގެ އަލީގަ އެވެ.

މައިކް އަށް ފަހަރެއްގައި ލޯ ޓްރާންސްޕްލާންޓް ކުރަން ޖެހިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭރުން އޭނާގެ އިންފެކްޓްވެގެން އަނދިރިވެފައިވާ ލޮލުގެ ފެނުން 50 ޕަސެންޓް ރަނގަޅު ކުރެވިދާނެކަމަށް އުންމީދު ކުރެވެ އެވެ.