ލައިފްސްޓައިލް

ދޮން މީހެއް، ކުއްލިއަކަށް ކަޅުވި ގޮތެއް ނޭނގުނު!

އެމެރިކާގެ ލުއިޒިއާނާގައި ދިރިއުޅޭ މީހަކަށް ދިމާވި ސިއްހީ މައްސަލައެއްގެ އަސްލު ހޯދަން ޑޮކްޓަރުންނާއި ސައިންސްވެރިން ވެސް ވަނީ ނުކުޅެދިފަ އެވެ.

މި މީހާ އަކީ ދޮން ނަސްލުގެ ދޮން މީހެއް ނަމަވެސް އެންޓިޑިޕްރެޝަން ބޭހެއް ކޭ ފަހުން އޭނާގެ ހަންގަނޑު ވަނީ މުޅިން ކަޅު ކުލަޔަށް ބަދަލުވެފަ އެވެ.

ޓެއިލާ މޮންކް އަކީ ލުއިޒިއާނާގައި ޕެސްޓް ކޮންޓްރޯލް ފީލްޑް އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. ޖެނުއަރީ 2021ގައި އޭނާ ސައިކޭޓްރިސްޓަކަށް ދެއްކީ އެންޒައިޓީ އަދި ޑިޕްރެޝަންގެ މައްސަލަތަކެއް ކުރިމަތިވެގެންނެވެ.

ޑޮކްޓަރު އޭނާއަށް ލިޔެދިނީ އެންޓިޑިޕްރެސެންޓް ބޭހެއް ކަމަށްވާ ފްލުއޮކްސިޓީން އެވެ. ޕްރޮޒެކްގެ ނަމުން މަޝްހޫރުވެފައިވާ މި ބޭހަކީ މީހުންގެ މޫޑު ރަނގަޅުކޮށްދޭ އެއްޗަކަށް ވިޔަސް މޮންކްގެ ނަފްސާނީ މައްސަލަތަކަށް މި ބޭހުން އެހީތެރިކަމެއް ނުލިބުނެވެ. އަދި ބޭސް ބޭނުންކުރަން ފެށިތާ ދެ ތިން މަސް ފަހުން މޮންކްގެ ގައިގެ ކުލަ އަނދިރިވާން ފެށި އެވެ. އަދި މަޑުމަޑުން ކުލަ ކަޅުވަމުން ގޮސް އަހަރެއްހާ ދުވަސްވީއިރު އޭނާގެ ހަމުގެ ކުލަ ކަޅުކުލައަށް ވަނީ ބަދަލުވެފަ އެވެ.

"ޑޮކްޓަރުންނަކަށް ވެސް ނޭނގޭ އަހަރެންގެ ހަމުގެ ކުލަ ބަދަލުވަނީ ކީއްވެ ކަމެއް. ޑޮކްޓަރުންނަށް ފުރަތަމަ ހީވީ އަހަރެންގެ ފޮޓޯސެންސިޓިވިޓީ މައްސަލަ ހުންނަނީ ކަމަށް. އެހެންވެ އަލިން ހަންގަނޑު ސަލާމަތްކުރަން ބުނީ. އޭގެ ފަހުން އަހަރެން މިއުޅެނީ ގައިގެ ހުރިހާ ތަނެއް ކަވަރުކޮށްގެން. ނަމަވެސް ހަމުގެ ކުލަ އަނދިރިވުމަކަށް ބަދަލެއް ނާދޭ،" ޓިކްޓޮކް ވީޑީއޯއެއްގައި ޓައިލާ މޮންކް ބުނެފައި ވެއެވެ.

އުމުރުން 34 އަހަރުގެ މޮންކް ބުނީ ސައިކޭޓްރިސްޓް ލިޔެދިން ބޭސް އޭނާ ކެއީ ވެސް މަދު ހަފުތާ ތަކެއްގައި ކަމަށެވެ. އަދި އެ ބޭހުން އެއްވެސް ކަހަލަ ފައިދާއެއް ނުކުރާހެން ހީވުމުން އޭނާ ބޭސް ކެއުން ހުއްޓާލީ އެވެ. ބޭސް ނުކެޔަސް ހަމުގެ ކުލަ ދުވަހެއް ދުވަހަކަށް އަނދިރިވަމުން ދިޔަކަން އޭނާ ފާހަގަ ކުރި އެވެ.

އޭނާގެ ހަންގަނޑު ކަޅުވާކަމަށް އެކުވެރިން ބުނަން ފެށުމުން ފުރަތަމަކޮޅު މޮންކް އެކަން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ދުވަސްކޮޅަކުން އޭނާއަށް ވެސް އެކަން ފާހަގަ ކުރެވިގެން ހަމުގެ ޚާއްސަ ޑޮކްޓަރުންގެ ތެރެއިން އެތައް ބަޔަކަށް މިހާރު ދައްކައިފި އެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާގެ ހަންގަނޑަށް މިވާ ގޮތެއް ބުނެދޭކަށް ނޭނގެ އެވެ.

މޮންކް އަށް މި ދިމާވި ގޮތަކީ މެޑިކަލް މިސްޓްރީ އަކަށް ވިޔަސް ޓިކްޓޮކްގައި އޭނާ މި ވާހަކަ ޝެއާ ކުރުމުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައި މިކަން މި ދިމާވި ގޮތް ކަމަށް އެމީހުންނަށް ފެންނަ ގޮތްގޮތް ލިޔެފައި ވެއެވެ.

މީގެތެރެއިން އެކަކު ބުނީ މޮންކް އަށް ސައިކޭޓްރިސްޓް ލިޔެދިން ފްލުއޮކްސިޓީން ކިޔާ ބޭހުގައި މެލަޓޯނިން ގިނަކޮށްދޭ ބާވަތެއް ހިމެނޭ ކަމަށެވެ. އިރުގެ އަލި އެޅޭ ވަރަށް ހާމަވެފައިވާ ބައިތައް ކަޅުވަނީ އެހެންވެ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް މިއީ ޑޮކްޓަރީ ގޮތުން ސާބިތުވެފައިވާ ވާހަކައެއް ނޫނެވެ.