ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ބޮޑު އެއް ބިލިއަނަރުގެ އުފަލެއް ނެތް ދިރިއުޅުން

ދުނިޔޭގެ އެންމެ ދަހި ބިލިއަނަރުގެ ގޮތުގައި މަޝްހޫރުވި ޖޭ ޕޯލް ގެޓީ އަކީ އެމެރިކާގެ މިނިއާޕޮލިސްގައި ދިރިއުޅުނު މީހެކެވެ. އޭނާ އުފަންވީ ޑިސެމްބަރު 15، 1892 ގައެވެ.

ޖޭ ޕޯލްގެ ނަމުން މަޝްހޫރުވެފައިވާ މި މީހާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. ޖޭ ޕޯލްގެ ބައްޕަ ޖޯޖް ގެޓީ 1903ގައި ކުރި ތެލުގެ ވިޔަފާރިތަކުން ބޮޑު ފައިދާއެއް ލިބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަހުޖަނަކަށް ވިއެވެ. އަދި ލޮސް އެންޖަލިސްގެ އެންމެ މުއްސަނދިން ދިރިއުޅޭ ހިސާބުގައި ދިރިއުޅެން ފެށި އެވެ.

ކެލިފޯނިއާގެ އެންމެ މަޝްހޫރު ޔުނިވަސިޓީތަކުންނާއި ޔޫކޭގެ ގަދަރުވެރި އޮކްސްފޯޑް ޔުނިވަސިޓީން ވެސް ޖޭ ޕޯލް ތައުލީމު ހާސިލް ކޮށްފައި ވެއެވެ. އޭނާ 1914ގައި ގްރެޖުއޭޓްވީއިރު އިކޮނޮމިކްސް އެންޑް ޕެޓްރޯލިއަމް ޖިއޮލޮޖީގެ މައުލޫމާތު ވަރަށް ރަނގަޅަށް އުނގެނިފައި ވެއެވެ.

ބައްޕަގެ އެހީއާއެކު ވިޔަފާރި ފަށައި އިސާހިތަކު ޖޭ ޕޯލް މުއްސަނދި މަހުޖަނަކަށް ވިއެވެ. އުމުރުން 23 އަހަރު ފުރުނުއިރު އޭނާގެ މުއްސަނދިކަން އިންތިހާއަށް ގޮސް ޕްލޭބޯއީގެ ދިރިއުޅުން އުޅެން ފެށި އެވެ. އަދި 1923ގައި އޭނާ 18 އަހަރުގެ ޖެނެޓް ޑޮމޮންޓްއާ ކައިވެނި ކުރި އެވެ. އެ ކައިވެންޏަށް ޖޯޖް ކިޔާ ފިރިހެން ދަރިއެއް ލިބުނުފަހުން ދެމީހުން ވަރިވި އެވެ.

ޖޭ ޕޯލް ދެވަނަ ކައިވެންޏެއް ކުރީ 1926 ގައެވެ. މިފަހަރު އެލީން އެޝްބީ ކިޔާ މީހަކާ އެވެ. މި ކައިވެނި ދެމި އޮތީ ދެ އަހަރު އެވެ. އަނެއްކާ 1928ގައި ތިންވަނަ ކައިވެންޏެއް ޖޭ ޕޯލް ކުރި އެވެ. އެޑޮލްފީން ހެމްލޭގެ ފަރާތުން 1929ގައި ޖީން ކިޔާ ފިރިހެން ދަރިއަކު މި ބިލިއަނަރަށް ލިބުނެވެ.

ޖޭ ޕޯލް ފަސް ކައިވެންޏެއް ކުރި އެވެ. މީގެ ތެރެއިން އެންމެ ފަހުން ކައިވެނިކުރި ޓެޑީ އަށް ލިބުނު ދަރިފުޅުގެ ސިކުނޑިއަށް ކެންސަރު ޖެހި 1958 ގައި މަރުވީ އެވެ.

ޖޭ ޕޯލްގެ ބިޒީކަމުން އަމިއްލަ ދަރިފުޅުގެ ބަލި ހާލު ބަލަން ވެސް އަދި އޭނާ މަރުވުމުން ޖަނާޒާއަށް ވެސް ނުދެވުނެވެ. އެހެންވެ އެ ކުއްޖާގެ މަންމަ ގާތަށް ރުޅިއައިސްގެން އޭނާ ކައިރިން ވަރިވީ އެވެ. އޭގެ ފަހުން ޖޭ ޕޯލް ކައިވެންޏެއް ނުކުރެ އެވެ.

ޖޭ ޕޯލް އަކީ ބުރަ މަސައްކަތުގައި ދުވާލެއްގެ 18 ގަޑިއިރު ހޭދަކުރާ މީހެކެވެ. އެހެންވެ އާއިލާއަށް ވަރަށް ވަގުތު ނުދެވެ އެވެ. އޭނާގެ ހުރިހާ އަނބިން ވެސް ވަރިވެފައިވަނީ ވަގުތު ނުދޭކަމުގެ ޝަކުވާ އާއި ޕްލޭބޯއީއެއްގެ ދިރިއުޅުން އުޅޭކަމަށް ބުނެފަ އެވެ. ހޮލީވުޑް ބަތަލާއިންނަކީ ޖޭ ޕޯލްގެ މުނިފޫހިފިލުވުމުގެ ބައިވެރިންނެވެ. އެހެންވެ އޭނާއަކަށް އަންބަކު ނެތްކަމުގެ އުނިކަމެއް ނުފެނެ އެވެ.

ފޯޗޫން މެގަޒިންގެ 1957ގެ އަދަދުގައިވާ އެމެރިކާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނަ ޖޭ ޕޯލް ހޯދި އެވެ. އޭރު ޖޭ ޕޯލްގެ މުއްސަނދިކަން އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މިޒަމާނަށް ބަލާނަމަ 8.7 ބިލިއަން ޑޮލަރެވެ. މިހާ މުއްސަނދި މަހުޖަނަކަށް ވެފައިވާއިރުވެސް ޖޭ ޕޯލްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެ އެވެ.

އޭނާގެ ވަޒީފާގައި މަސައްކަތްކޮށްފައިވާ މީހަކު އެ ދުވަސްވަރުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ޖޭ ޕޯލް ފެންނައިރު ހީވަނީ އަމިއްލަ މީހާގެ ޖަނާޒާގައި ގޮސް ހުންނަ މީހެއް ހެންނެވެ. އެއްވެސް އުފާވެރިކަމެއް އޭނާގެ ކިބަޔަކު ނުހުރެ އެވެ. އަބަދުވެސް އޭނާގެ ވަށައިގެން އުޅޭ މީހުންނަށް ޝައްކު ކުރުމާއި އެމީހުން އޭނާގެ ފައިސާތައް ވަގަށް ނަގާފާނެތީ ބިރުން ޖޭ ޕޯލް އުޅެފައި ވެއެވެ.

މީހަކަށް އެއްޗެއް ދޭން ވެދާނެތީ މީހަކު ކަމަކު ކިޔާފާނެތީ ޖޭ ޕޯލް ދިރިއުޅެނީ ވެސް ފަގީރު މީހަކު ދިރިއުޅޭ ހެންނެވެ. އޭނާ ލަނީ ރޫ ޖެހި ބޮނޑިވެފައި ހުންނަ ބާ އަންނައުނެވެ. ޖަންގިޔާ އާއި އިސްޓާކީނު ފަދަ ތަކެތި ދޮންނަނީ އަމިއްލަ އަށެވެ. އޭނާ ފަސްވަނަ އަށް ކައިވެނިކުރި މީހާ ފައިސާ ދީގެން އެކްޓިން ސްކޫލަކަށް ފޮނުވީތީ، އެކްޓިން ރޯލެއް ލިބި ފައިސާ ލިބޭ ގޮތް ވުމުން އަނބުރާ އެ ފައިސާ ރައްދުކުރަން ޖޭ ޕޯލް އެދިފައި ވެއެވެ.

ޖޭ ޕޯލްގެ ދަރިންތައް ވެސް މުޅިން ހަލާކުވެގެން ދިޔައީ އެވެ. އެއް ކުއްޖަކު މަރުވީ ޑްރަގް އޯވަޑޯޒް ވެގެންނެވެ. އަނެކަކު މަރުވީ އަމިއްލަ އަށެވެ.

ޖޭ ޕޯލް މަރުވީ އުމުރުން 83 އަހަރުގައި 1976 ވަނަ އަހަރު އެވެ. އޭނާ މަރުވިއިރު މިލްކިއްޔާތުގައި ހަތަރު ބިލިއަން ޑޮލަރު ހުއްޓެވެ. އެއީ މިޒަމާނަށް ބަލާނަމަ 17.3 ބިލިއަން ޑޮލަރެވެ. މީގެން ބޮޑު ބައެއް ދިޔައީ ޖޭ ޕޯލް ގެޓީ ޓްރަސްޓް އަށެވެ. މިއީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި އާޓް އިންސްޓިޓިއުޝަނެވެ.

ޖޭ ޕޯލް މަރުވިތާ އެތައް އަހަރެއް ފާއިތުވީއިރު ވެސް އޭނާގެ އާއިލާއަށް ދިމާވަމުންދިޔަ މައްސަލަތަކަށް ނިމުމެއް ނާދެ އެވެ. ކާފަ ދަރިންގެ ތެރެއިން ވެސް ގިނަ ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ނުފެނި އެކި ކަހަލަ ކުށްތަކަށް އަރައިގަނެ އެކި ގޮތްގޮތަށް ގިނަ ދަރިން ވަނީ މަރުވެފަ އެވެ.