ލައިފްސްޓައިލް

102 އަހަރުގެ ޑޮކްޓަރު އަދިވެސް ބަލިމީހުންނަށް ފަރުވާ ދެނީ

އުމުރުން 102 އަހަރުވީ ޑރ. ގްލޭޑީޒް މެކްކެރީ އަށް، އެތައް ބަޔަކު މަރުވެ ދިޔަ ތަނާއި އެތައް ކުދިންނެއް ދުނިޔެއަށް އުފަންވީ ތަން ފެނިފައި ވެއެވެ.

ޑރ. ގްލޭޑީޒް އަކީ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު ފިޒީޝަނެކެވެ. މީހުން ވިއްސުމުގެ ތަޖުރިބާކާރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފަންވީ އެތައް ހާސް ކުދިންނެއް މި ޑޮކްޓަރުގެ އަތްމައްޗަށް އުފަންވެފައި ވެއެވެ. އަފްޣާނިސްތާނު ފަދަ ގައުމުތަކުގައި އޭނާ އެތައް އަހަރަކު މަސައްކަތް ކޮށްފައި ވެއެވެ.

އޭނާގެ ކުރީގެ ފިރިމީހާގެ މަރު އޭނާ ދެކެފައި ވެއެވެ. އަދި އުފަން ފަސް ދަރިންގެ މަރުގެ ހިތްދަތި ތަޖުރިބާ ވެސް ޑރ. ގްލޭޑީޒް ވަނީ ކޮށްފަ އެވެ.

އެމެރިކާގެ އެރިޒޯނާގައި ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ގޭގެ ފުރަގަހުގައި ވަކިން ތަންކޮޅެއް ހަދައިގެން އެތަނުގައި ދިރިއުޅެމުންދާ ޑޮކްޓަރު މިހާރުވެސް ވަރަށް ހަރަކާތްތެރި އެވެ.

ޑޮކްޓަރު ވަނީ އޭނާގެ ހަޔާތުގެ ވާހަކަ އަމިއްލައަށް ލިޔެ ފޮތެއްގެ ސިފައިގައި ޝާއިއުކޮށްފަ އެވެ. މިފޮތަށް އޭނާ ދީފައިވާ ނަމަކީ "ދަ ވެލް ލިވްޑް ލައިފް: އަ 102 އިޔާ އޯލްޑް ޑޮކްޓާޒް ސިކްސް ސީކްރެޓްސް ޓު ހެލްތު ހެލްތް އެންޑް ހެޕިނަސް އެޓް އެވްރި އޭޖް" އެވެ.

އުމުރުން 102 އަހަރު ވެފައިވާތީ ޑރ. ގްލޭޑީޒްގެ އަތުގައި މިހާރު މެޑިސިން ޕްރެކްޓިސް ކުރުމުގެ ލައިސަންސެއް ނެތެވެ. ނަމަވެސް އޭނާގެ އިރުޝާދު އަދިވެސް ބަލި މީހުންނަށް ލިބެ އެވެ.

"އެމީހުންނެއް ނުބުނެއޭ އަހަރެން ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭނެއެކޭ،" ޑރ. ގްލޭޑީޒް ބުންޏެވެ.

ޑރ. ގްލޭޑީޒް އުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ހެނދުނު ހޭލައިގެން އަޅުކަން ކުރުމުގައި ވަގުތު ހޭދަ ކުރެ އެވެ. އޭގެ ފަހުން ސިޑިން ފައިބައިގެން ތިރިއަށް އައިސް ހެނދުނުގެ ނާސްތާ ކުރެ އެވެ. ހެނދުނު ސަޔަށް އޭނާ ބޭނުންކުރަނީ ރެއިޒިން ބްރޭން އާއި ޕްރޫން ޖޫހެވެ.

"އަހަރެން މެންދުރު ކެއުމަކަށް ކަނީ ސެލެޑް އެއް. އަދި ރޭގަނޑު ބޯލަނީ ސޫޕް އެއް،" ޑޮކްޓަރު ބުންޏެވެ.

ގްލޭޑީޒް ބުނި ގޮތުގައި ގަވާއިދުން އެއް ގަޑިތަކެއްގައި ލުއިލުއިކޮށް ކެއިންބުއިން ބެހެއްޓުމުން އޭނާއަށް ވަރަށް ފައިދާ ކުރެ އެވެ. ނަމަވެސް ކޮންމެ މީހަކީ ވެސް ވަކި ފަރުދަކަށް ވާތީ އެމީހެއްގެ ހަށިގަނޑާ ގުޅޭ ގޮތަކަށް އެމީހެއްގެ ކެއިން ބުއިން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ދުވާލު ހަތަރުދަމު ގްލޭޑީޒްގެ އަތާއި ސިކުނޑި ވަރަށް ބިޒީކޮށް އޭނާ ގެންގުޅެ އެވެ. އޭނާ އަމިއްލަ އަތުން އެކި ކަހަލަ އެއްޗެތި ވިޔެ ހަދަ އެވެ.

"އަހަރެންގެ ލޮލުގެ ފެނުން ދަށްކަމުން ވިޔާއިރު ހަދާ އެކި ކަހަލަ ޕެޓާންސް ހަދަން މިހާރު އުނދަގޫ. އެހެންވެ ރައްޓެހިންނަށް ދޭން ކުދިކުދި ހަދިޔާ މިހާރު ވިޔަނީ. އަހަރެން ބޭނުންވަނީ އަހަރެންގެ އަތާއި ސިކުނޑި މިކަހަލަ މަސައްކަތްތަކުގައި އަބަދުވެސް ބިޒީކޮށް ބަހައްޓަން،" ގްލޭޑީޒް ބުންޏެވެ.

ލައިސަންސް ނެތީމަ ބޭސް ލިޔެ ނުދެވުނަސް މިހާރުވެސް ޑރ. ގްލޭޑީޒް ބަލި މީހުން ބަލަ އެވެ. އޭނާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގެންގުޅެނީ 1970ގެ އަހަރުތަކުގައި އެމެރިކާގައި ވަރަށް އާއްމުކޮށް ބޭނުންކުރި "ހޮލިސްޓިކް" ގޮތްތަކެވެ.

ޑރ. ގްލޭޑީޒް ގަބޫލުކުރާ ގޮތުގައި ބަލި މީހަކަށް ފަރުވާ ދޭއިރު ދޭން ޖެހޭނީ މުޅި މީހާ އަށެވެ. އޭނާގެ ނަފްސާނީ ހާލަތާއި އިޖުތިމާއީ ހާލަތަށް ވެސް ބަލައިގެންނެވެ. އަދި އެމީހާގެ ހަށިގަނޑުގައި އުނދަގުލުމެއް ހުރިނަމަ އެކަމަކަށް ވިސްނައިގެންނެވެ.

ދާދިފަހުން ޑޜ. ގްލޭޑީޒް ވަނީ ސްޓެމް ސެލްސް އިންފިއުޝަނެއް ހަދައިގެން މީހުންގެ އުމުރު ދިގު ކުރެވޭތޯ ސައިންސްވެރިން ކުރަމުންދާ މަސައްކަތެއްގައި ބައިވެރިވެފަ އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ސްޓެމް ސެލްސް އިންފިއުޝަން ހެދިފަހުން އޭނާގެ ހަށިގަނޑުގެ ހަކަތަ ރަނގަޅުވެ އެދެވޭ ރަނގަޅު ބަދަލުތަކެއްގެ ނިޝާންތައް އެބަ ފެނެ އެވެ. ނަމަވެސް މި ޓެކްނިކްގެ އެހީގައި އިންސާނުންގެ އުމުރު ދިގު ކުރެވިދާނެކަމުގެ ޔަގީންކަމެއް ސައިންސްވެރިންނަކަށް ނޭނގެ އެވެ. ދުވަސްވީ ބައެއް މީހުންނަށް އެމީހުން މި ސްޓެމް ސެލްސް އިންފިއުޒް ކުރަނީ އަޖުމަ ބެލުމުގެ ގޮތުންނެވެ. މިގޮތަށް އިންސާނުންގެ އުމުރު ދިގު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ.