އެމެރިކާގެ ޕެންސިލްވީނިޔާ އަންހެނަކު ގެއްލުނުތާ 30 އަހަރު ފަހުން ފެނިއްޖެ އެވެ.
މިހާ ގިނަ ދުވަސްވީއިރުވެސް އޭނާ ވީތަނެއް ނޭނގުމުން އަދި ހޯދަން ކުރި ހުރިހާ މަސައްކަތް ނާކާމިޔާބުވުމުން އޭނާގެ އާއިލާއިން ނިންމައިގެން ތިބީ އޭނާ މަރުވީ ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ އާއިލާއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ އާއިލާއިން ގެއްލުނު މީހާ 30 އަހަރު ފަހުން ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.
ޕެޓްރީޝިއާ ކޮޕްޓާ ގެއްލުނީ 1992 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 52 އަހަރެވެ.
ޕެޓްރީޝިއާގެ ފިރިމީހާ ބޮބް ކޮޕްޓާ ބުނި ގޮތުގައި އޭނާގެ އަންހެނުންނަކީ ދޭތެރެ ދޭތެރެއިން ގެއިން ނުކުމެގެން ގޮސް އެތައް ދުވަހެއް ވަންދެން އުޅޭ މީހެކެވެ.
އޭނާއަކީ ނަފްސާނީ މައްސަލަތައް ވެސް ކުޑަކޮށް ހުންނަ މީހެއް ކަމަށާއި މަގުމަތިން ފެންނަހާ މީހަކަށް ނަސާރާ ދީނުގެ ވާހަކަ ކިޔައިދެމުން ހިނގާފައިވާ ކަމަށް ބޮބް ބުންޏެވެ.
"އަހަރެން އެއްރޭ ގެއަށް އައިއިރު އޭނާއެއް ނެތް. އެއްވެސް މީހަކަށް ނޭނގުނު އޭނަ ދިޔަ ތަނެއް،" ރޮސް ޓައުންޝިޕް ޕޮލިސްގެ ހާޒިރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕެޓްރީޝިއާގެ ފިރިމީހާ ބުންޏެވެ.
ޕުއެޓޯ ރީކޯގައި ހުންނަ ދުވަސްމީހުން މީހުން ބައިތިއްބާ ގެއެއްގައި ޕެޓްރީޝިއާ ހުއްޓާ ފެނިއްޖެ ކަމަށް މިދިޔަ އަހަރު ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އިންޓަޕޯލް އެޖެންޓުންނެވެ.
ޕެޓްރީޝިއާ ހުރި އޯލްޑް އޭޖް ހޯމުން ބުނެފައިވަނީ ޕެޓްރީޝިއާ އެތަނަށް އައީ 1999 ވަނަ އަހަރު ކަމަށާއި އޭގެ ކުރިން އޭނާ ދިރިއުޅެފައިވަނީ ޕުއެޓޯ ރިކޯގެ މަގުތަކުގައި ކަމަށެވެ. ވަންނާނެ ތަނެއް ނެތި ޕެޓްރީޝިއާ ޕުއެޓޯ ރިކޯގެ މަގުމަތީގައި އެތައް އަހަރަކު ދިރިއުޅެފައި ވެއެވެ.
ފާއިތުވީ އަހަރުތަކުގައި ޕެޓްރީޝިއާ އޭނާގެ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާކުރަން އިންކާރުކޮށްފައިވާ ކަމަށާއި އޭނާއަކީ ކޮން ގައުމެއްގެ ކާކުކަން އެއްވެސް މީހަކަށް ނޭނގުނީ އެހެންވެ ކަމަށް ޕެޓްރީޝިއާ ހުރި ތަނުން މައުލޫމާތު ދީފައިވާ ކަމަށް އިންޓަޕޯލް އާއި ސޯޝަލް ވޯކަރުން ބުނެފައިވާ ކަމަށްވެސް ރޮސް ޓައުންޝިޕް ޑެޕިއުޓީ ޗީފް ބްރައަން ކޮލެޕް ވިދާޅުވި އެވެ.
މިހާރު ހަނދާން ނެތުމުގެ މައްސަލަވެސް ވަރަށް ބޮޑުވެފައިވާ ޕެޓްރީޝިއާ ކުޑަކުޑަކޮށް އޭނާގެ އަމިއްލަ ވާހަކަތައް ދައްކަން ފެށީ ވަރަށް ފަހުން ކަމަށް ވެއެވެ. އޭރު އޭނާގެ އުމުރުން ވަރަށް ދުވަސްވެ ވަރަށް ބޮޑަށް މުސްކުޅިވެއްޖެ އެވެ. އޭނާ ދޭތެރެއަކުން ހުރެލާފައި ބުނެލާ އެއްޗަކުން ލިބޭ މައުލޫމާތު ސޯޝަލް ވޯކަރުން ފުލުހުންނާ ހިއްސާ ކުރަމުން ގެންގޮސްފައި ވެއެވެ.
ފުލުހުން ގަބޫލުކުރާ ގޮތުގައި ޕުއެޓޯ ރިކޯ އަށް ޕެޓްރީޝިއާ ދިޔައީ އަމިއްލަ އަށެވެ. އެ ރަށުގައި ދިރިއުޅެން ބޭނުންވެގެންނެވެ.
އޭނާގެ ފިރިމީހާ ބޮބް ބުނި ގޮތުގައި ޕުއެޓޯ ރިކޯގެ ޓްރޮޕިކަލް ލައިފްސްޓައިލް ވަރަށް ކަމުދާ ކަމަށާއި އެ ގައުމަށް ދިރިއުޅުން ބަދަލުކުރަން އުޅޭ ވާހަކަ އޭނާ ކައިރީގައި ވެސް ޕެޓްރީޝިއާ ދެއްކިއެވެ.
"އެހެންވެ ޕެޓްރީޝިއާ ގެއްލުމުން ޕުއެޓޯ ރިކޯގެ ނޫސްތަކުގައި ވެސް އަހަރެން އިޝްތިހާރު ޖެހިން އޭނާ ހޯދަން. އަދި ފާއިތުވީ އަހަރުތަކުގައި އޭނާ ހޯދަން ވަރަށް ގިނަ ފައިސާ ވެސް ހަރަދުކުރިން،" ޕެޓްރީޝިއާގެ ފިރިމީހާ ބުންޏެވެ.
ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ޕޮލިސް ޗީފް ވިދާޅުވީ ޕެޓްރީޝިއާ ގެއްލުނުއިރު އޭނާ އާއި ބޮބްގެ ކައިވެންޏަށް 20 އަހަރު ވެއްޖެ އެވެ. އަދި ޕުއާޓޯ ރިކޯގައި ޕެޓްރީޝިއާގެ އާއިލާގެ މީހެއް އަދި އޭނާ ދަންނަ މީހަކުވެސް ނޫޅެ އެވެ.
މި ފެނުނު އަންހެން މީހާ އަކީ ޕެޓްރީޝިއާ ކަން ޔަގީންކުރަން އޭނާއާ ލޭގެ ގުޅުން ހުރި މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގައިގެން ޓެސްޓްކޮށް މިއީ އޭނާކަން ޔަގީން ކޮށްފައި ވެއެވެ. އޭގެ ކުރިން ވެސް ޕެޓްރީޝިއާގެ ފޮޓޯ ފެނުމުން ވެސް އެއީ އޭނަކަން އާއިލާއަށް ޔަގީންވި އެވެ.