ލައިފްސްޓައިލް

މަރުވިއިރުވެސް ބަނޑުގައި އޮތް ދަރި ނަގަން އަންހެން މީހާ އެއްބަހެއް ނުވި!

އެއްގޮތަކަށް ވެސް ނުކެވި ނުކެވި ގޮސް އަންހެނަކު ބަނޑަށް މަރުވެއްޖެ އެވެ.

އަންހެން މީހާއަށް ނުކެވެން ފެށީ އަދި އޭނާ އެއްޗެއް ކޭ ނަމަވެސް އޭގެ އެއްވެސް ރާހަތެއް އެމީހާއަށް ނުކުރީ އޭނާގެ ބަނޑުގައި މީގެ ނުވަ އަހަރު ކުރިން ގަރުބަގަނެފައިވާ ކުއްޖަކު އޮތުމުންނެވެ.

މިއަންހެން މީހާ އަކީ އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅެމުންދިޔަ ކޮންގޯގެ ރެފިއުޖީ އެކެވެ. މި މީހާ ނިއު ޔޯކްގެ ޑޮކްޓަރަކަށް ދެއްކީ ބަނޑު އަކުނިވަޔަށް ދަމާ ވަރުންނާއި ހަޖަމު ނުބައިކަމުން އަދި އެއްޗެއް ކާލާއިރަށް ބަނޑުތެރެއިން ޒާތެއްގެ އަޑެއް ގޮވާތީ އެވެ.

ބަނޑުގެ ސްކޭންތަކުން އޭނާގެ ބަނޑުގައި އޮތް ކުއްޖާ ޑޮކްޓަރުންނަށް ފެނުނެވެ. އެ ކުއްޖާ ބަނޑުގައި އޮންނަތާ ގިނަ ދުވަސް ވުމުގެ ސަބަބުން އޮތީ ހަށިގަނޑުގެ ބޭރުން ކެލްސިއަމްގެ ފަށަލައެއް ލެވިފައެވެ.

މި "ސްޓޯން ބޭބީ" އޮތީ އެމީހާގެ ރަހިމަކުވެސް ނޫނެވެ. ގޮހޮރުގަ އެވެ. އެމީހާގެ ބޮޑުކަމުދާ ނިޒާމުގައި ހުރި އުނދަގޫތަކަކީ އަދި އެއްޗެތި ކައި އުޅުމަށް ދަތިވަނީ މި ސަބަބާ ހެދި އެވެ.

އެމީހާގެ ބަނޑުގައި އޮތް ކުއްޖާއަކީ މީގެ ނުވަ އަހަރު ކުރިން އޭނާ ބަލިވެ އިން ކުއްޖެކެވެ. މިއީ އަންހެން މީހާގެ ނުވަ ވަނަ ދަރިފުޅު ވެސް މެއެވެ. އަންހެން މީހާއަށް އޭނާގެ ބަނޑުގައި އެ ކުއްޖާ އޮތް ކަން އެނގެ އެވެ. ނަމަވެސް މިކަމަށް ޑޮކްޓަރީ ފަރުވާއެއް ހޯދަން އަންހެން މީހާ ބޭނުމެއް ނުވި އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ކަމަކީ އޭނާ އެމެރިކާއަށް އައުމުގެ ކުރިން، ކޮންގޯގައި އޭނާ ދިރިއުޅުނު ރަށުގެ ބަޔަކު އޭނާއަށް ހަދާފައިވާ ސިހުރުހާހޫރައަކުން ޖެހިގެން އުޅޭ ކަމެކެވެ.

އެމެރިކާއަށް ހިޖުރަކުރިތާ 14 މަސް ދުވަސް ވީތަނާ އަންހެން މީހާ ވަނީ މަރުވެފަ އެވެ. އޭނާގެ ބަނޑުގައި އޮތް "ސްޓޯން ބޭބީ" ނުނަގާ އޮތުމުން އެއްގޮތަކަށް ވެސް ނުކެވި އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމު ނިއުޓްރިއަންޓްސް ނުލިބި ހާންތިވެގެންނެވެ.

ލައިތޯޕީޑިއަން ނަމަކަށް ކިޔާ މި ސިއްހީ ހާލަތަކީ ވަރަށް މަދުން ނޫނީ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ މީގެ 290 ކޭހެވެ. އެންމެ ފުރަތަމަ މި މައްސަލަ ދިމާވިކަމަށް ރެކޯޑް ފޮތްތަކުގައި ވަނީ 1582 ވަނަ އަހަރު ފްރާންސް މީހަކަށެވެ.

މި ހާލަތު މެދުވެރިވަނީ ކުއްޖާ އާއްމުކޮށް ގަރުބަގަނެ ހެދި ބޮޑުވަނީ ރަހިމުގައި ކަމަށް ވިޔަސް ރަހިމު ފިޔަވައި ބަނޑުގެ އެހެން ކޮންމެވެސް ހިސާބެއްގައި ކުއްޖާ އުފެދި ބޮޑުވާން ފެށުމުންނެވެ. ނަމަވެސް މިފަދަ ކުދިން ވަކި ވަރަކަށް ބޮޑުވެފައި ދެން ވަނީ މަރެވެ. އަދި މި ކުދިން މަރުވިޔަސް ގުދުރަތީ ގޮތުން މި ކުދިން ވިހޭނެ އެއްވެސް ގޮތެއް ނޯންނާތީ ސާޖަރީ ހަދައިގެން ނުނަގާނަމަ ބަނޑު ތެރޭގައި އެ އިން ގޮތަށް އިންނަނީ އެވެ. ގިނަ ދުވަސްވާ ވަރަކަށް ކުއްޖާގެ ހަށިގަނޑުގެ ބޭރުގައި ކެލްސިއަމް ޖަމާވެ ހަރު ތޮއްޓެއް ލެވެ އެވެ. އަދި ހަރު ހިލަނޑެއް ފަދައިން ބަނޑުތެރޭގައި އިނދެ އެވެ. މިގޮތަށް އިނުމުން އެތެރެ ހަށީގެ އެހެން ގުނަވަންތައް ފިތި މައްސަލަތައް ދިމާވާން ފަށަ އެވެ. އަދި މަންމައަށް ނިއުޓްރިއަންޓްސް އެބްސޯބްކުރަން ދަތިތައް ދިމާވެ އެވެ.

މި އަންހެންމީހާގެ ކުއްޖާ އިނީ އޭނާގެ ގޮހޮރުގައި ކަމަށްވުމުން އޭނާގެ ގޮހޮރު އިނީ ގާތްގަނޑަކަށް މުޅިން ބްލޮކްވެފަ އެވެ. އަދި އަންހެންމީހާއަށް ބޭނުންވާ ނިއުޓްރިއަންޓްސް އޭނާގެ ހަށިގަނޑަކަށް ލިބެމަކުން ނުދެ އެވެ.

އަންހެންމީހާ ބެއްލެވި ޑޮކްޓަރު ވިދާޅުވީ އަންހެންމީހާ ބިރުން ސާޖަރީ ހަދަން ދެކޮޅު ހެދީ ކަމަށެވެ. އަދި މޮނިޓާ ކުރަން މަޑުކުރާނީ އޭ ކިޔައިގެން މަޑުކޮށްގެން ހުއްޓާ މަރުވީ އެވެ.

ޖާނަލް ބީއެމްސީ ވިމެން ހެލްތުގެ މި ހަފުތާގެ އަދަދުގައި މި މީހާގެ ކޭސް ރިޕޯޓް ޝާއިއުކޮށްފައި ވެއެވެ. މި ރިޕޯޓުގައިވާ ގޮތުން އަންހެންމީހާ އަކީ ވަރަށް ކުޑައިރުއްސުރެ ވަރަށް ހާލުގައި ދިރިއުޅުނު މީހެކެވެ. ކޮންގޯއަށް އުފަން މި އަންހެންމީހާ ބުރުންޑީއަށް ހިޖުރަކޮށް އެ ގައުމުގައި ވެސް ދިރިއުޅެފައި ވެއެވެ. އަދި ފަހުން ޓެންޒޭނިޔާގައި ވެސް ދިރިއުޅުނެވެ.

އޭނާ ކައިވެނި ކުރީ ޓެންޒޭނިޔާގަ އެވެ. އަދި ވަރަށް ކައިރި ކައިރީގައި އަށް ދަރިން ވިހާފައި ވެއެވެ. މީގެ ތެރެއިން ތިން ކުއްޖަކު ވަނީ ޅަފަތުގައި މަރުވެފައެވެ.

ނުވަ ވަނަ ކުއްޖާއަށް ބަލިވެ އިނދެ ކުއްޖާ ހަރަކާތްނުކުރާކަމަށް އިހްސާސް ވެގެން އޭނާ ޓެންޒޭނިޔާގެ ކްލިނިކަކަށް ދެއްކި އެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހިތުގެ ވިންދު އަޑު ނީވޭ ކަމަށާއި ގޭގެ މަޑުކޮށްލަނިކޮށް ދުވަސްކޮޅެއް ތެރޭ އެ ކުއްޖާ ބައިގެން ދާނެކަމަށް ބުނެ އެ ފަހަރު ޑޮކްޓަރުން އަންހެންމީހާ ގެއަށް ފޮނުވާލީ އެވެ. އަދި ދެ ހަފުތާ ތެރޭ ބައިގެން ނުގޮއްސިއްޔާ އަނބުރާ އަންނަން ޑޮކްޓަރުން އަންހެންމީހާ އަށް އިރުޝާދު ދިން ކަމަށް ވެއެވެ.

ދެ ހަފުތާ ފަހުން ކުއްޖާ ބައިގެން ނުދިއުމުން އަންހެންމީހާ ކްލިނިކަށް އަނބުރާ ދިޔަ އެވެ. ނަމަވެސް އޭނާގެ ފަސް ފަހަތުން އަވަށުގެ އެތައް ބަޔަކު ވެސް އެތަނަށް ޖަމާވި އެވެ. އެމީހުން ގަބޫލުކުރި ގޮތުގައި އަންހެންމީހާ އުޅެނީ ނުބައި ނުލަފާކަމުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅު މަރާލާށެވެ. ޑޮކްޓަރުންގެ އެހީ ނުހޯދަން އަންހެންމީހާ ނިންމީ މި މީހުންގެ އުނދަގުލާ ހެދި އެވެ.

އޭގެ ފަހުން ނުވަ އަހަރު ފާއިތުވީއިރުވެސް އަންހެންމީހާގެ ބަނޑުގައި އެ ކުއްޖާ އޮތެވެ. އޭނާ އެމެރިކާގައި ވަޒަންވެރިވާންވެގެން ހަދަން ޖެހުނު މެޑިކަލް ޓެސްޓްތަކުން އަންހެންމީހާގެ ބަނޑުގައި ކުއްޖެއް އޮތް ކަން ޑޮކްޓަރުންނަށް އެނގުނެވެ. އަދި ސާޖަރީ ހަދައިގެން ކުއްޖާ ނަގަން ޑޮކްޓަރުން އިރުޝާދު ދިނެވެ. ނަމަވެސް އަންހެންމީހާ އަށް ގަބޫލުކުރެވިފައިވަނީ މިއީ ޓެންޒޭނިޔާ ބަޔަކު އޭނާއަށް ހަދާފައިވާ ސިހުރެއް ކަމުގަ އެވެ. އެހެންވެ އޭނާ ޑޮކްޓަރުން ކައިރީ ބުނީ ހަދަން ބޭނުންވާ ގޮތެއް ފަހުން ބުނާނެ ކަމަށާއި މަރު ދެކެ ބިރު ނުގަންނަ ކަމަށެވެ.
އަދި ދެ ވަނަ އެޕޮއިންޓްމަންޓަށް ދިޔަ ދުވަހު އަންހެންމީހާ ޑޮކްޓަރު ކައިރީ ބުނީ އެ ސާޖަރީ ހަދާހިތް ނެތް ކަމަށެވެ. އަންހެންމީހާ މަރުވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ ނުކެވިގެން ގޮސް އަނަރޫފަވެގެން ގޮހެވެ.