މި ދެމަފިރިންނަކީ ހިތްވަރެއް ހުރިއްޔާ ކޮންމެ ކަމެއްކޮށްގެން ވެސް ކާމިޔާބުވެދާނެކަން ދައްކުވައިދޭ ނަމޫނާއެކެވެ. އަނގަ މީރުކޮށްލުމަށް ސޯޝަލްމީޑިއާގެ ޕޭޖުތައް ބަލައިގެން ކާއެއްޗެއް ހޯދާ މީހުންނަށް "ފްޑްކުރޭވިން" އަކީ އާނަމަކަށް ނުވާނެ އެވެ. މިޕޭޖުން މިހާރުގެ މަޝްހޫރު ފަންނާނުންގެ އިޝްތިހާރު ފެންނަ ކަމަކީ ޕޭޖުގެ މަގުބޫލުކަން ދައްކުވައިދޭ ކަމެކެވެ.
ފޮޓޯ ފެނިފައިވެސް އަދި އެއްފަހަރުވެސް ރަހަ ބަލައިފިނަމަ ދެވަނަ ފަހަރު ރަހަން ބަލަން ބޭނުންވާނެ ބާވަތެއް ކަމަށް ޕާނީ ޕޫރީގެ ތަފާތު މީރު ރަހައެއް ހުންނަ ޕާނީ ޕޫރީއެއް ގެނެސްދޭ މިޕޭޖް ހިންގަނީ މިދެމަފިރިންގެ މިންނެތް މަސައްކަތުންނެވެ. ހުސައިން ހަލީލް އާއި ޝަހުޒާ ހުސައިން މި މަސައްކަތް ފެއްޓި ގޮތް އަވަސް އަށް ކިޔައިދިނީ ޝަހުޒާ އެވެ.
“ކޮވިޑް ތެރޭގައި ފިރިމީހާގެ ވަޒީފާ ގެއްލުނީމަ، އަތްމަތި ދަތިވެގެން މަސައްކަތެއް ކުރަން ނިންމީ، ދެން ފޫހިފިލުވަން ވެސް އެކި ކަހަލަ ކާއެއްޗެތި ހަދައިގެން ވިއްކަން ފެށީ،" ޝަހުޒާ ކިޔައިދިނެވެ.
އަތްމަތިދަތިވެގެން ފެށި މަަސއްކަތަށް ލިބުނީ ހީނުކުރާވަރުގެ މަގުބޫލު ކަމެކެވެ. އެކަމުގެ ސަބަބެއް ކަމަށް ޝަހުޒާ ދެކެނީ ފުޑް ކްރޭވިންގްސް އިން ތައްޔާރުކުރާ ޕާނީ ޕޫރީގެ ރަހަ މީރުވެފައި ތަފާތުވުމެވެ.
ޕާނީ ޕޫރީ އަކީ އިންޑިއާ މީހުންގެ މަގުމަތީ ކެއުމެކެވެ. ނަމަވެސް ދިވެހިންގެ މެދުގައި ވެސް މި ބާވަތަށް މިއަދު ބޮޑު މަގުބޫލުކަމެއް ލިބިފައިވެ އެވެ. ވަކިން ހާއްސަކޮށް ޝަހުޒާ ތައްޔާރުކުރާ ޕާނީ ޕޫރީ މާބޮޑަށްވެސް އާންމުންނަށް ކަމުދެ އެެވެ.
"މީގަ ނުހުންނާނެ އެއްވެސް ބޭރު ރަހައެއް، ދިވެހިންނަށް ކަމުދާ ގޮތަށް ހަދާފަ މިހުންނަނީ، ދިޔަގަނޑުވެސް ހަދާފަ މިހުރީ ހަމަ ރާއްޖެއިން ލިބެންހުންނަ އެއްޗެހި ބޭނުންކޮށްގެން، އަމިއްލަ ރެސެޕީއެއް މީ" ޝަހުޒާ ބުންޏެވެ.
ދިވެހިންނަކީ އާންމުކޮށް ކުޅިކޮށް ކާން ފޯރިހުންނަ ބަޔަކަށްވާއިރު ޝަހުޒާ ތައްޔާރުކުރާ ޕާނީ ޕޫރީ ހަދަނީ އެކިމީހުންނަށް ބޭނުންވާ ރަހަ އެކިވަރަށެވެ. ބައެއްމީހުން އަމިއްލައަށް ބޭނުންވެގެން ކުޅި ގަދަކުރަން ނުވަތަ ކުޅިމަޑުކުރަން އެދުމުން އެގޮތަށް އެމީހަކަށް ޕާނީ ޕޫރީ ލިބޭނެ އެވެ.
ޕާނީ ޕޫރީ ހަދަން ބޭނުންކުރަނީ މުޅިންވެސް ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ ތަކެއްޗެވެ. ފުރަތަމަ ޝަހުޒާމެން އެމަސައްކަތް ފެށިއިރު، ޕޫރީ ފުށްގަނޑު ވެސް ތައްޔާރުކުރަނީ އަމިއްލަ އަށެވެ. ނަމަވެސް އެއީ މާހަރަދު ބޮޑު އަދި ގިނަ ވަގުތު ހޭދަވާ ކަމަކަށް ވާތީ ވިޔަފާރި އަށް ފައިދާވާ ގޮތަށް އެހެންނަމަވެސް ކޮލެޓީ ނުގެއްލޭ ގޮތައް ރެޑީމޭޑް ޕޫރީގައި ހަދަން ފެށީ އެވެ.
ތިން ކުދިންގެ މަންމަ ބުނި ގޮތުގައި ކޮވިޑް ތެރޭގައި ފެށުނު މިމަސައްކަތް އެއިރު ހީވެސް ނުކުރާހާ ރަނގަޅެވެ.
"އިރާދަކުރެއްވިއްޔާ ކުލި ދައްކާ ކުދިންގެ ހުރިހާ ހަރަދެއް ކޮށް ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރެވޭ ވަރުވޭ. މިހާރުވެސް އިރާދަކުރެއްވީތީ ވިޔަފާރި ވަރަށް ރަނގަޅު. ހަމަ ވަރަށް ކާމިޔާބު." ޝަހުޒާ ބުންޏެވެ.
ހަލީލްއާއި ޝަހުޒާގެ އުންމީދަކީ މި މި ވިޔަފާރި އެމީހުން ދިރިއުޅޭ ކުޑަ އެޕާޓްމެންޓުން ބޭރަށް ބެރެ ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ޕާނި ޕޫރީގެ މީރު ރަހަ ބަލާލުމުގެ ފުރުސަތު ހުޅިވިގެން ދިއުމަށް އަމިއްލަ ފިހާރައެއް ހުޅުވުމުވެ.
"ކުޑަތަންކޮޅެއް ނަމަވެސް ލިބިއްޖިއްޔާ ރަނގަޅު. އެކަމަކު ތަނެއް ހޯދަން ބަލާއިރު ތަންތަނުގެ ކުލި ވަރަށް ބޮޑު. އެހެންވެ އަދި ދަތިވަނީ. އަޅުގަނޑުމެންގެ އުއްމީދަކީ ތަނެއް ލިބުން. ވީހާވެސް އަވަހަކަށް. އެއިރުން ގިނަ އެއްޗެހި ހަދާފައި މަސައްކަތް އިތުރަށް ފުޅާކުރެވޭނީ،" ޝަހުޒާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަސައްކަތް ފުޅާވުމުން، ޕާނީ ޕޫރީގެ ތަފާތު އެކި ރަހަތައް ވެސް ތައާރަފްކުރާނެ އެވެ. އެގޮތުން އެކި ފްލެވާ ތަކާއި ފޮނި ޕާނީ ޕޫރީ ވެސް ތައާރަފްކުރަން އޭނާ ވިސްނަ އެވެ.
ޕާނީ ޕޫރީގެ ޑިމާންޑް ބޮޑު ކަމުން އޯޑަރު ލިބޭ ވަރަށް އެތަކެތި ތައްޔާރުވެސް ނުކުރެވެ އެވެ. އެހެންވެ ޝަހުޒާ މިހާރު އޯޑަރު ނަގަނީ ވަރަށް ބޮޑަށް ލިމިޓްކޮށްގެންނެވެ. އެގޮތަށް ނިންމީ ގޭގައި އެކަނި މަަސއްކަތް ކުރާތީއާއި ކަސްޓަމަރުންގެ އިތުބާރު ހިފެހެއްޓުމަށް ކަމަށް ޝަހުޒާ ބުނެ އެވެ. ޕާނީ ޕޫރީ ހެދުމުގެ އަމަލީ މަސައްކަތުގައި ޝަހުޒާ އަވަދިނެތި އުޅޭއިރު ހަލީލް އާއި އެދެމަފިރންގެ އެކުވެރިއެއް ޑެލިވަރީއާއި އޯޑަރު ނެގުމުގެ އިތުރުން ބާޒާރު ކުރުމުގައި ކޮންމެ ދުވަހަކުވެސް ހަރަކާތްތެރިވެ އެެވެ.
ތާޒާކަމާއެކު ކަސްޓަމަރުންނަށް ޕާނީ ޕޫރީ ފޯރުކޮށްދިނުމަށްޓަކައި އޯޑަރު ނެގުމާއި ތައްޔާރުކުރުން އޮންނީ ވަކި ގަޑިއެއްގަ އެވެ. އެއީ މާގިނައިރު ހަދާފައި ނުބަހައްޓަންވެގެންނެވެ.
ޝަހުޒާ ބުނި ގޮތުގައި މިފަދަ ވިޔަފާރިއެއް ފަށައިގެން ނަފާ ލިބެމުން ދިޔަނަމަވެސް އިތުރަށް މި ކުޑަ ވިޔާފާރި ފުޅާކުރަން ބަލާއިރު ވަރަށް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އިތުރަށް ފުޅާކުރެވޭނީ ތަނެއް ހޯދައިގެން ކަމަށްވާއިރު ތަންތަނުގެ ކުލި އަތްނުފޯރާފަށުގައި ހުރުމަކީ ޝަހުޒާގެ ދެމަފިރިންގެ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެއީ އެމީހުންގެ ކަންބޮޑުވުމެކެވެ.
"ޝަހުޒާގެ ހިތްވަރުން މިކަން މިވަނީ. ހުރިހާ ވެސް ކަމަކީ ކެރުން، ހިތްވަރު. ކިތަންމެ ދަތިތަކެއް ދިމާވިޔަސް ހުއްޓާ ނުލައި ކުރާކަމެއް ކުރުމުން ކާމިޔާބުވަނީ" ހިތްހެޔޮ މިޒާޖެއްގެ ހަލީލު އަނބިމީހާ ޝަހުޒާއަށް ތައުރީފުކުރުމުގެ ގޮތުން ބުނެލީ އެހެން މީހުންނަށް ވެސް އެއިން އިބްރަތެއް ލިބޭފަދަ ޖުމްލައެކެވެ.