ޓިކްޓޮކް އަސްމާ: ނުރުހޭ މީހުން ނުރުހިފަ ތިބޭ!

ފަހަރުގައި މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަވާ ކަމެކޭ ބުނުން އިންސާފަށް ނުވެދާނެ އެވެ. އެކަމަކުވެސް އެހެން މީހުން ކުރާ ކަންތައްތަކަށް ފާޑުކިއުމަކީ ދިވެހި ވެށީގައި އޮތް ނުބައި އާދައެކެވެ. އެކަން ކުރަނީ އަނެއް މީހާ ދެރަކޮށްލައި ލަދުގަންނަވާށެވެ. އެއީ ނުދަންނަ ކިތަންމެ ބީރައްޓެހި މީހަކަށް ވިޔަސް ވަރިހަމަ އެވެ. ދިމާކޮށްލައި އާޑަ ފުރައްސާރަކުރާކަށް ވަކި ގައުމެއް، ކުލައެއް، ނަސްލެއް އިސްތިސްނާއެއް ނުކުރެ އެވެ. މީހުންގެ ފަސްފަހަތުން ޗުކު ޗުކު ލައްވަމުން އެ މީހުން އެއީ "ގަމާރުން" ކަމަށް ބަލައިގެން ގޭ ސޯފާގައި ރަކިހިނި ހޭން ތިބެފައި ސޯޝަލް މީޑިއާއަށް ކޮމެންޓް ކުރާ މީހުން އުޅެ އެވެ.

މިފަދަ ބައެއް މީހުން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކަށް އެހެން މީހުން ދޫކޮށްލާ ހިޔާލުތަކާއި، ފޮޓޯތަކާއި، ވީޑީއޯތަކަށް ވަރަށް ރަހުމްކުޑަކޮށް ހަމަލާދެ އެވެ. އަދި އެމީހުންގެ އަތް މުޅި ސޯޝަލް މީޑިއާގައި އަޅާފައި އޮވެއެވެ. އެމީހުންގެ އަތް ދަށު، ޝިކާރައަކަށްވެ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލި ދިވެހިން ވެސް މަދެއް ނުވާނެ އެވެ. އެމީހުނާ ހެދި ހިތްދަތިވެ، މާޔޫސްވެ، ކުރާ ހިތްވާ ކަމެއް ހުއްޓާލުމުގެ ވިސްނުން ގެންގުޅޭ ކޮންމެ މީހަކުވެސް ޓިކް ޓޮކް އަސްމާގެ ހިޔާލެއް ހޯދާލުން ރަނގަޅެވެ. އަސްމާއަކީ ފުރައްސާރަ އާއި މާލާމާތަށް ނުގުޑާ އަންހެނެކެވެ.

އަސްމާގެ ތަފާތު ވިސްނުން

ރޯދަ މަހަކާ ދިމާވެގެން އެއް އިރެއްގައި އެއައި ގޮތަށް އައިސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި "ޑަބްސްމޭޝް" ގެ ހަނދު ކުއްލިއަކަށް އޮއްސިފައި ވަނިކޮށް ގެންގޮސް މި ވައްޓާލީ "ޓިކް ޓޮކް" ގެ ދުނިޔެއަކަށެވެ. މިއީ އަދި މާ ފައްކާ ދުނިޔެއެކެވެ. ޓިކް ޓޮކްގެ ދުނިޔޭގެ ދިވެހި ގޮޅީގައި އެންމެ ހިނގާ ނަމަކީ އއ. އުކުޅަހަށް އުފަން އަސްމާ އިބްރާހިމް (ޓިކް ޓޮކް އަސްމާ) އެވެ. އަސްމާއަށް ވީ ގޮތަކީ ހިނގަމުން ހިނގަމުން ގޮސް ޓިކް ޓޮކް ގެ ތެރެއަށް ވެއްޓުނީއެއް ނޫނެވެ. ރައްޓެއްސެއްގެ ލަފައަށް އަޖުމަ ބަލައިލާން ބޯދިއްކޮށްލީ އެވެ. ދެން ފޯރި އެރީ އެވެ.

"އަސްމާ މީ އެންމެ ކުރިންވެސް ހަމަ ނަށާ ކުއްޖެއް. ސްކޫލްގައި އުޅުނު އިރު ވެސް ސްކޫލް ޑާންސްތަކުގައި އަސްމާ ބައިވެރިވަން. އަދި އޭގެ ފަހުން ވެސް ރަށުގައި ބާއްވާ އެކި ޝޯތަކާއި ހިތާނީ ޝޯތަކުގައި ވެސް ނަށާ އުޅެން. އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް ކުރާހިތްވާ ކަމެއް ނެށުމަކީ،" ލަވައާއި ނެށުމަށް ހުންނަ ފޯރި އަސްމާ ހިއްސާ ކުރި އެވެ.

އަސްމާ އަކީ ރާއްޖޭއި މިވަގުތު އެންމެ މަޝްހޫރު އެއް ނަން ކަމަށް ވުމަކީ ފަހަރުގައި ވެދާނެ ކަމަކެވެ. ގައިމުވެސް އުމުރުން 25 އަހަރުގެ އަސްމާ އަކީ އެންމެ ގިނަ ބައެއްގެ އާޑަ ފުރައްސާރަ ރައްދުވެފައިވާ އަދި މިވަގުތަށް އެންމެ މަޝްހޫރު ދިވެހި އަންހެނާ އެވެ.

ފާޑު ކިޔާ މީހުނަށް، މަލާމާތް ކުރާ މީހުނަށް އަދި ފުރައްސާރަކުރާ މީހުނަށް އަސްމާ ޖަވާބުދޭނީ މިހެނެވެ: "ނުރުހޭ މީހުން ނުރުހިފައި ތިބޭ، އަސްމާގެ ފަރުވާލެއް ނެތް!"

ފާޑު ކިޔައިގެން އެއްވެސް ދެރައެއް ނުވޭ. ފާޑިކިއުމަކީ ކުރިއެރުމެއް. އަޅުގަނޑު ދެކެނީ އެއީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ވާހަކައިގެ ގޮތުގައި،
އަސްމާ އިބްރާހިމް | ޓިކް ޓޮކް ތަރި

އަސްމާގެ ޓިކް ޓޮކް ވީޑިއޯތަކުން އެކަމަށް އޭނާގެ ހުންނަ ފޯރިއާ ލޯބި ވަރަށް ސާފެވެ. ކުރު ކުރުކޮށް ނަމަވެސް، ކޮންމެ ލަވައަކަށް އަސްމާ ގެންނަ ބަނޑިތަކާއި ހަރަކާތްތަކަކީ ހިތާކުޅެލައި މެއަށް ވެސް ގޮތެއް ވާފަދަ އަސަރު ހުރި ބަނޑިތަކެކެވެ. އަސްމާ ފެނުނަސް ފާޑެއްގެ ޖަޒުބާތެއް އުފެދޭ މީހުން އުޅެ އެވެ.

ޓިކް ޓޮކް އަސްމާ މަޝްހުރުވެފައިވާ ފަދައިން ސިޔާސީ ދާއިރާގައި މަޝްހުރުވެފައިވާ އުކުޅަހުގެ ހިތްގައިމު ދޮންވެލި ގޮނޑުދޮށާއި، ސާފު މަޑު ނޫކުލައިގެ މޫދުގެ މަންޒަރުތަކުން އަސްމާގެ ޖާދުވީ ނެށުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ދިވެހިންނަށް ލިބުނު "ރަނެއް މަލެއް" ކަހަލަ މި ނެށުންތެރިޔާ އަސްމާއަކީ 11 ކުދިންގެ ހިމެނޭ އާއިލާއެއްގެ އެންމެ ހަގެވެ. މުޅި ރާއްޖޭ އެކަށް ނުކުތަސް އެނާގެ އާއިލާ އޮތީ އަސްމާގެ ފަހަތުގެ އެވެ. ހިތްވަރު ލިބެނީ އެހެން ވެގެނެވެ.

"ފެމިލީ އަދި ރައްޓެހިންގެ ސަޕޯޓް ލިބޭ އަބަދުވެސް. އަޅުގަނޑުގެ ގިނަ ވީޑިއޯތައް ވެސް ނަގައިދެނީ ކޮއްކޮއެއް. ރައްޓެހިންވެސް ހެލްޕްވޭ. އަޅުގަނޑު ކުރާ ހިތުން ކުރާ ކަމަކަށް އެމީހުންގެ ސަޕޯޓް ލިބޭތީ ވަރަށް އުފާވޭ،" އުކުޅަހުގެ ފިހާރައެއްގައި ވަޒީފާ އަދާ ކުރަމުން އަންނަ އަސްމާ ބުންޏެވެ.

ކަމެއް ނުކޮށް ސޯޝަލް މީޑއާގައި "މީހުންނާ ބެހޭ މީހުން" ކޮންމެ ދުވަހަކު މެއަށް ހަންޖަރުޖަހައި އެތައް ފަހަރަކު ގަތުލު ކުރާ މީހުންގެ ތެރޭގައި އަސްމާ ހިމެނެ އެބެ. ކޮންމެ ދުވަހަކުވެސް އޭނާގެ ޝަހުސިއްޔަތު ގަތުލުކޮށްލުމުން އަނެއް ދުވަހު ހުނަރު ދައްކާލައިގެން ދިރެނީ އެވެ.

އެހެންވެ އަސްމާގެ އާ ވީޑިއޯއެއްލާނެ ވަގުތަކަށް އެންމެން ވެސް ބަލަ ބަލާ ތިބެ އެވެ. އަސްމާއަކީ ހިތްބަލި މީހެއް ނަމަ، ދުވަހަކުވެސް ވީޑިއޯއެއް ނަގަން ފޯނު ހިއްލާލަންވެސް ނުކެރޭހާ ދަށު ދަރަޖައަށް އެތައް ފަހަރަކު އޭނާ "ނޮޅައިގެން މަސްކައިފި" އެވެ.

"ފާޑުކިއުމަކީ ކުރިއެރުމެއް"

ކިތަންމެ ވަރަކަށް ބެހުނަސް އަސްމާ ފޫއްސެއް ނުވެއެވެ. އަދި އެއީ ދިމާ ކުރުމެއް ކަމަކަށް ވެސް އަސްމާއެއް ނުބަލަ އެވެ. އެނާ ގަބޫލު ކުރާ ގޮތުގައި އެއީ ބިނާކުރަނިވި ފާޑުކިޔު" މެވެ.

ޓިކް ޓޮކްގައި އުޅޭ ކުދީން ކުދީންނަށް މީހުންގެ އުނދަގުލާއި ދުއްތުރާ ޖެހޭވަރުން ބައެއް ކުދީން ކުދީން އެމީހުންގެ ވީޑިއޯތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދަ އެވެ. އެކަމަކު އަސްމާގެ ހިޔާލު މުޅީން ތަފާތެވެ. އާންމުންނަށް ފެންނަގޮތަށް ސޯޝަލް މީޑިއާއަށް ދޫކޮށްލާ އެފަދަ އުފެއްދުންތަކަށް ފާޑުކިއުން އަމާޒުވާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އަސްމާ ބުނެ އެވެ.

"އަޅުގަނޑަށް އަންނަ ނެގެޓިވް ކޮމެންޓްސްތަކަށް އަޅައެއް ނުލަން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަހަލަ ވީޑިއޯތަކެއް ޕަބްލިކް ޕްލެޓްފޯމަކަށް ދޫކޮށްލާއިރު ފާޑުކިޔާ މީހުންވެސް އުޅޭކަން ގަބޫލު ކުރަންޖެހޭ. ހަމަ އެގޮތަށް އެ ވީޑިއޯތައް ކަމުގޮސްގެން ތައުރީފުކޮށް ހިތްވަރުދޭ މީހުން ވެސް އުޅޭނެ. ހަމައެކަނި އެއް ކޮޅުން ވިސްނައިގެން ކަމަކު ނުދާނެ،" އަސްމާ ބުންޏެވެ.

ބައެއް ސަބަބުތަކާ ހެދި ވަރަށް ގިނަ ދިވެހިން މިހާރު ފޫހިވާން ފަށާފައިވާ އިންޑިއާގެ ހިންދީ ލަވަތަކަށް ފޯރި ހުންނަ އަސްމާގެ ނަޒަރުގައި ފާޑުކިޔުމަކީ މިކަހަލަ ކަންކަމުގައި އޮންނަންޖެހޭނެ ކަމެކެވެ. ފާޑުކިޔުމާ ދިމާކުރުން ނެތީވިއްޔާ ފޯރިއެއް ނާރާނެ އެވެ. ފާޑުކިޔާ މީހުން ނުތިބޭނަމަ އެއްވެސް ކަމެއްގައި ކުރިއެރުމެއް ވެސް ނުލިބޭނެ އެވެ.

"ފާޑުކިޔައިގެން އެއްވެސް ދެރައެއް ނުވޭ. ފާޑުކިއުމަކީ ކުރިއެރުމެއް. އަޅުގަނޑު ދެކެނީ އެއީ ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ ވާހަކައިގެ ގޮތުގައި. އަޅުގަނޑުގެ ނަޒަރުގައި ފާޑުކިއުމަކީ އޮންނަންވެސް ޖެހޭ ކަމެއް. އަޅުގަނޑު ހަމަ ޕޮޒިޓިވް އަދި ނެގަޓިވް ފީޑްބެކް ވެސް ބަލައިގަންނަން،" އަސްމާ ބުނެލި އެވެ.

ނެށުމުގައި އަސްމާގެ ހުންނަ ފޯރި އާއި ހުނަރު މިވަގުތަށް އޮތީ ޓިކް ޓޮކްގެ ދުނިޔޭގައި އެކަންޏެވެ. ޓިކް ޓޮކްގެ "ތަރިން" މިހާރު އިޝްތިހާރު ތަކާއި ފިލްމުތަކަށް އެމީހުންގެ ހުނަރުގެ މިސްރާބު އަނބުރާލާފައިވާއިރު، އަސްމާގެ އެފަދަ ވިސްނުމެއް އަދި ނެތެވެ. ބުންޏެވެ: "އެކަމަކު ނޭނގެ ދެއްތޯ ފަހުން ވާނެ ގޮތެއް ބުނާކަށް!"

އެހެންވިޔަސް ނުވިޔަސް މިހާރު ގިނަ ބަޔަކު ދަންނަ "ޓިކް ޓޮކް އަސްމާ" ގެ މަގުބޫލު އުފެއްދުންތަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް އޭނާ ބުނެ އެވެ. އަސްމާގެ ނެށުމުގެ ސްޓްއިލާ އޭނާގެ ފަރި ހަރަކާތްތައް ކަމު ނުގޮސްގެން ފާޑުކިޔާ މީހުންނަށް އަސްމާގެ ފަރާތުން ތަކުރާކޮށްލައި ދޭ ޖަވާބަކީ "ނުރުހޭ މީހުން ނުރުހިފައި ތިބޭ" ށޭ އެވެ. "މި އަސްމާއެއް ފަހަތަކަށް ނުޖެހޭނެ" އޭ އެވެ.