ލައިފްސްޓައިލް

ބަލިމީހާއާ އެންމެ ގާތުގައި ޑރ. މުހައްމަދު އަލީ

ޑރ. މުހައްމަދު އަލީ އަވަސް އޮންލައިން އަށް ދެއްވި ވިޑިއޯ އިންޓަވިއު

ބަލި މީހަކު ވަރަށް ކުޑަ ކަމެއްގައި ވެސް ޑޮކްޓަރެއްގެ ލަފާ އަދި މަޝްވަރާ ހޯދަން ބޭނުން ވެދާނެ އެވެ. އެ ލަފާ ނުލިބޭ ނަމަ ކުޑަ ކަމެއް ބޮޑު ބައްޔަކަށް ބަދަލުވާ ފަހަރު ވެސް އާދެ އެވެ. ބަލި މީހަކަށް ޑޮކްޓަރާއި ހިސާބަށް ދެވެނީ ދިގު ކިއޫއެއްގައި ޖެހިގެން އެޕޮއިންޓްމަންޓް ހަދައި އަތުން 300 އެއްހާ ރުފިޔާ ދުއްވާލައިގެނެވެ. މިނޫން ގޮތަށް ބައްޔާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްލާ ހިތަށް ފިނިކަމެއް ލިބޭކަށް ނޯވެ އެވެ.

މި ފިނިކަން ހޯދަން ޑޮކްޓަރު ކޮޓަރީގައި ހޭދަވަނީ ފަސް ވަރަކަށް މިނެޓެވެ. މިކަން ބަދަލު ކޮށްލައިދިން އެއް ޑޮކްޓަރަކީ ޑރ. މުހައްމަދު އަލީ އެވެ. އައިޖީއެމްއެޗްގައި އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ބިޒީކޮށް އުޅުއްވަމުން ވެސް ބަދަލެއް ގެނެސް ދެއްވައިފި އެވެ.

"ޕްރޮފެޝަނަލް މީހަކަށްވިއަސް އާއްމުންނަށް ރީޗް ވެވެން ޖެހޭނެ" އޭނާ ވިދާޅުވި އެވެ.

އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗްގެ ފުއްޕާމޭ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާތާ ތިން އަހަރާއި ކައިރި ވެފައިވާ މުހައްމަދު އަލީއަކީ އާއްމުންނަށް ވަރަށް ގާތުން މަސަައްކަތް ކުރައްވާ ވަރަށް ހާއްސަ ޑޮކްޓަރެކެވެ.

މުހައްމަދު އަލީ ދިވެހިންނަށް އެކަން ކޮށްދެއްވާފަ އެވެ. އެ ފަސޭހަ ހޯއްދަވައި ދެއްވާފަ އެވެ. ވައިބާ ގުރޫޕެއް މެދުވެރިކޮށް ޑޮކްޓަރާއި މަޝްވަރާކޮށްލެވޭނެ ގޮތް ހައްދަވާފަ އެވެ. ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން ބޭނުންވާ އެތައް ބަޔަކަށް މިއީ ބޮޑު ފަސޭހައެކެވެ. މުހައްމަދު އަލީގެ ވައިބާ ގުރޫޕް، 12000 ވުރެ ގިނަ މީހުން މިހާރު ވެސް ފޮލޯ ކުރެއެވެ.

ކޮވިޑް ލޮކްޑައުންގެ ތެރޭގައި، ދިގު މުއްދަތަށް ބޭސް ކާންޖެހޭ އެތައް ބަޔަކަށް ބޭސް ސިޓީ އާކޮށް ދެއްވި އެވެ. މިއީ އެތައް ބައެއް އެކަމަށްޓަކައި ޝުކުރުވެރިވި ކަމެކެވެ. ޑޮކްޓަރެއްގެ ކިބައިގައި އެންމެ މުހިއްމު އެއް ސިފައަކަށް ވާނީ އިންސާނިއްޔަތާއި އޯގާތެރިކަމާއި ކުލުނު ކަން މުހައްމަދު އަލީ ދައްކަވައި ދެއްވި އެވެ.

"ފާހަގަވީ ވަރަށް ކުދި ކަންކަމާއި ނުވަތަ ވަރަށް އާދައިގެ ކަންކަމާއި ނުވަތަ ސުވާލެއް ކޮށްލުމަށް ވެސް ޑޮކްޓަރަކަށް ދައްކަން ވަރަށް ގިނަ ދުވަސް ވާކަން... ކޮންމެ މީހެއްވެސް ކަމެއް ދިމާވުމުން އަހަލާނެ. ދެން ހިތަށް އެރީ އެހެން މީހުންނަށް ވެސް މި ފުރުސަތު ދޭން. ހަތަރު ލައްކައެއްހާ މީހުންގެ ތެރޭގައި ހަމަ މިގޮތަކަށް ކުދި ކުދި ކަންކަން އޮޅުން ފިލުވާލަން ބޭނުންވާނެޔޭ ހިތަށް އެރީ. ޑޮކްޓަރަކަށް ދައްކަން ދާން ވަރަށް ގިނަ ވަގުތު ގޮސް ދާނެ. އަދި މިއީ މާ ބޮޑު މަސައްކަތަކާއި ނުލައި ކޮށްލެވިދާނެ ކަމެއް. މިގޮތުން ހެދި އެއްޗެއް ވައިބާ ކޮމިއުނިޓީއަކީ. ވައިބާ ކޮމިއުނިޓީ ހެދި އިރު ހިތަކަށް ނާރާ އެހާ ގިނަ މީހުން އަންނާނެ ކަމަކަށް ވެސް."

ވައިބާ ކޮމިއުނިޓީގައި އެއްމެންނަށް ފެންނަ ގޮތަށް މެސެޖު ކުރަން ބޭނުން ނޫން ނަމަ ޕްރައިވެޓް ކޮށް މެސެޖު ކުރަން ބޭނުން މީހުންްނަށް އެކަން ކުރުމަށް ހުޅުއްވާލި އެވެ.

"ލޮކްޑައުން ތެރޭ އަޅުގަނޑު އެކަނި ވެސް އޮންލައިން ޕޯޓަލް ތެރެއިން 1200 އެއްހާ ޕްރެސްކްރިޕްޝަން ލިޔެ ދިނިން. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އެކަން ކޮށް ދެވުނީތީ. މިއީ ބޮޑެތި ބައްޔަށް ދާއިމީ ގޮތަކަށް ބޭސް ކާ މީހުން."

ފަށައިގަތް އިރު ޕްރައިވެޓް މެސްޖު ކުރުމަށް ފުރުސަތު ނެތަސް ވަގުތު ކޮޅެއް ލިބި ހުޅުވާލުމުން ބައެއް ފަހަރަށް ޕްރައިވެޓްކޮށް 400 އެއްހާ މެސެޖް ލިބިވަޑައިގަންނަވަ އެވެ.

"މިކަން ކުރަން ހާއްސަ ސިމެއް ނަގައިގެން ކޮމްޕިއުޓަރަށް ވައިބާ އަޅައިގެން މަސައްކަތް ކުރަނީ. އޭރުން ކިިރިޔާ ވަގުތު ކޮޅެއް ލިބުނަސް މެސެޖަށް ޖަވާބު ދެން. ހުރިހާ މެސެޖަކަށް ޖަވާބު ދެވުމުން ނޫނީ އަލުން ހުޅުވައެއް ނުލަން،"

މުހައްމަދު އަލީއަކީ ތިން ކުދިންގެ ބައްޕައެއް ކަމުން އާއިލާއަށް ވަގުތު ހޯދަމުން ކުދިންގެ ކަންކަމުގައި ބައިވެރިވަމުން މިކަމަށް ވަގުތު ހޯއްދަވަނީ އަންހެނުން މިކަމަށް ދެއްވާ އެއްބާރުލުމާ ވެސް އެކުގަ އެވެ.

"އަންހެނުންގެ ސަޕޯޓާއެކު މިކަން ކުރެވެނީ. އެހާ ގިނަ ވަގުތެއް ނުދޭ މި މަސައްކަތަށް. ސުވާލު ބޮޑަސް ޖަވާބު ކުރުވެދާނެ. ރަސްމީ ވަޒީފާގެ އިރުތުން މިކަން ކުރުމަށް ބޭނުން ވާތީ ބަހަލައިގެން އުޅެނީ އާއިލާއަށް ވަގުތު ދިީގެން މިކަން ކުރަން."

މުހައްމަދު އަލީ ވިދާޅުވާ ގޮތުގައި ޑޮކްޓަރަކަށްވެ ވަޑައިގަތަސް ހިތް މޮޅުވާ ކަށް ނުޖެހެ އެވެ.

"މިއީ އިންސާނިއްޔާތަށް ކޮށްދޭ ކަމެއް. ކޮންމެ މީހަކަށްވެސް އެޕްރޯޗް ކުރެވެން ޖެހެނޭ. މީހުންނަށް އެހީތެރިވުމުގެ ޝައުގުވެރިކަމެއް ނެތި ޑޮކްޓަރަކަށް ވެގެން އެންމެ ރަނގަޅު ހިދުމަތެއް ނުދެވޭނެ. އަންނާނީ ބަލި މީހެއް. ރީތިކޮށް ވާހަކަ ދެކެވެން ޖެހޭނެ ކޮންމެ މީހަކާއި ވެސް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ އެހީތެރިވެވޭތީ"