ދެހާސް އެއްވަނަ އަހަރު ނ. ތޮޅެންދޫގެ އައްޑިހަވަރަކަށް މީހުން އާބާދީގެ އާދޭހަށް އެ އަތޮޅު ކެނދިކޮޅުދޫއަށް ބަދަލުކުރި ނަމަވެސް ގާމަތީ އެ ރަށުގެ އެ އާބާދީ ތޮޅެންދޫ ފުއްޓަރާއި ގޮނޑުދޮށަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކާ އެ މީހުން ސަމާސާކުރަން ފުއްޓަރަށް އެރި އުޅުނު ހަނދާންތަކުގެ ވާހަކަ ކިޔައިދެ އެވެ. ކިޔައިދެނީ އަލުން އެނބުރި ރަށަށް ދާން ބޭނުންވާނެ ރާގެއް ވެސް ލައިގެނެވެ. ތޮޅެންދޫ ހިޖުރަކުރި މީހުންގެ ތެރެއިން "އޮޔާބެހި" މިހާރު ހުޅުމާލޭގައި ހާއްސަ ބޭފުޅަކު ދިރިއުޅުއްވަ އެވެ. އެއީ ރާއްޖޭގައި ޗާޓުގައި އޮތް ތޮޅެންދޫ އަށް ވުރެ ބޮޑު މަޝްހޫރު ލޭބަލަކަށް ވެވަޑައިގެންނެވި "ނޫނު ތޮޅެންދޫ ހަސަން ގާސިމެ" ވެ. އޭނާއަކީ ތޮޅެންދޫ މުދިންކަމާއި ކުޑަކަތީބު ކަމާއި ކަތީބުކަން ކުރައްވާފައިވާ ދިވެހި ދައުލަތުގެ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. އަދި ދިވެހި ރާއްޖެ ދުށް އެންމެ މޮޅު އެއް ބޭސްވެރިޔާ އެވެ. ކުޑަކުޑަ ތޮޅެންދޫން މާލެ ފައިބައި މަޖީދިއްޔާއިން ތައުލީމް ހާސިލް ކުރެއްވި ހަސަން ގާސިމަކީ ދިވެހި ހަކީމީ ބޭސްވެރިކަން ރާއްޖޭގައި މިހާރު ތިބި މަދު ބޭސްވެރިންގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ.
މިހާރު އުމުރުން 80 އިގެ އަހަރުތައް ގުނަމުން ގެންދަވާ ހަސަން ގާސިމް ވެސް އެނާގެ ހަނދާތައް އާ ކުރައްވަ އެވެ. ތޮޅެންދޫގެ އާބާދީ އެ ރަށުގައި އުޅެމުން އައި ސާދާ ދިރިއުޅުމާއި އެ ރަށުގައި އޭނާ ކުރެއްވި ބޭސްވެރިކަމާއި އޭނާ މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ގޮތުގެ ހަނދާންތައް އާ ކުރައްވަ އެވެ.
ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމްގެ އެންމެ އަރިސް އަދި ދިވެހި ބޭސްވެރި ކަމުގެ ރޮނގުން ޝަރަފުވެރި ކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ހަސަން ގާސިމް ދިވެހި ބޭހުގެ ތެރެއަށް ވަދެ ވަޑައިގެންވެނީ އެއް ގޮތަކަށް ވެސް އެކަން ކުރައްވާ ހިތްޕުޅުވެގެނެއް ނޫނެވެ. އެއީ އޮތް ޝައުގުވެރި ކަމެއް ނޫނެވެ. އެކަމަކު އަތުގައި ހިފައިގެން ގޮސް ބޭސްވެރިއެއްގެ އުނގަށްލާފައި ދަސްކުރާށޭ ބުނުމުން މަޖޫބޫރުވެގެން ވެންނެވީ އެވެ. ހަސަން ގާސިމް ވިދާޅުވި ގޮތުގައި އޭނާ ބޭސްވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވީ އޭނާގެ މަންމަ އާއި ބައްޕަ ވަކި ކަމެއް ކުރަން އެންގެވުމުން ދެކޮޅެއް ނުހަދާން ވެގެނެވެ.
ދިވެހި ބޭސްވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އެކަން ކުރަން ކުރައްވާ ހިއްޕުޅެއް ނުވެ އެވެ. އެކަމާ ދުރަށް ވަޑައިގެންނެވޭތޯ އެތައް ބަހަނާއެއް ވެސް ދެއްކެވި އެވެ. ނަމަވެސް، މަޑުމަޑުން ދިވެހި ބޭހުގެ ވަހަށް ހޭނި ބޭހާއި ފަތްޕިލާވެލީގެ ތެރޭ ރަނގަޅަށް އުނގުޅި މޮޑެވި ބޭސްވެރިޔާ ހަސަން ގާސިމަކަށް ބަދަލުވެގެން ދިޔައީ އެވެ.
"ވީގޮތަކީ ބައްޕަ އަކީވެސް ބޭސްވެރިއެއް ނޫން، ކާފަ އަކީވެސް ބޭސްވެރިއެއް ނޫން. ދެން އެހެން އުޅެނިކޮށް ޑޮކްޓަރު މުހައްމަދުމަނިކު [މާވާގޭ މުހައްމަދު މަނިކު] އަރުވާލެއްވީ އަޅުގަނޑުމެންގެ ރަށް ތޮޅެންދޫއަށް. އޭރު މާލޭގަ ޑޮކްޓަރުން ވެސް ވަރަށް މަދު. އެންމެ ޑޮކްޓަރެއް މާލޭގައި ވެސް ހުންނަވަނީ... އޭނަގެ ފަހަތުން މާދޫގެ ދޮހޮއްތު ކިޔާ މީހަކު ދުވާނެ ފަސްޓްއެއިޑްފޮށި ހިފަައިގެން ބައިސްކަލެއްގައި... އެހެން އުޅެނިކޮށް މުހައްމަދު މަނިކު ތޮޅެންދޫއަށް ފޮނުވާލެއްވީ. ދެން އޭނަ އަރިހަށް ބޭސް ހަދަން މީހުންތައް ށ. އަތޮޅާއި އެހެން އަތޮޅުތަކާއި ތަންތަނުން އަންނަން ފަށައިފި... ދެން ބައްޕަ ވިދާޅުވެއްޖެ ބޭސް ދަސްކުރާ ވާހަކަ، އަޅުގަނޑު އެކަމާ ގަޔަކާ ނުވި. ދެން މުހައްމަދުމަނިކު ބައްޕަ ގާތަށް ވަޑައިގެން ވިދާޅުވެއްޖެ އެކަމާ ގަޔަކާ ނުވިއޭ... ތިންމަނާވެސް މާ ގިނަ ދުވަހަކު ނުހުންނާނަމޭ އަވަސް ކުރާށޭ ދާން ޖެހި ދާނޭ.. ދެން ބައްޕަ ރުޅި ދުރުވެފައި ބޭސް ދަސްކުރާށޭ ވިދާޅުވީމާ ދެން އެ ފެށީ، އޭގެ ފަހުން މާލެ އައިސް ވެސްް ދަސް ކުރިން" ހަސަން ގާސިމްގެ ބޭސްވެރި ކަމުގެ ފެށުން އޭނާ ވިދާޅުވެ ދެއްވި އެވެ.
ވަރަށް ޒުވާން އުމުރުގައި ދިވެ ބޭސްވެރިކަން ދަސް ކުރައްވައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މީހުންނަށް ބޭސް ކޮށްދެއްވުމުގައި ހަސަން ގާސިމް އުޅުއްވާތާ ބައިި ގަރުނަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ބޮޑެތި އެކްސިޑެންޓްތައް ހިނގައި މީހުނަށް ބޮޑެތި އަނިޔާތައް ލިބުމުން އިމަޖެންސީކޮށް އިތުރު ފަރުވާ ދިނުމަށް ރިޔަލު ދޯނީގައި މީހުން ތޮޅެންދޫއަށް ދިޔަ ޒަމާނެއްވެސް މާޒީގައި ވެއްޖެ އެވެ. ވަރަށް ގިނަ މީހުން ބޭސްކުރަން ތޮޅެންދޫއަށް ދެވޭއިރު ވާނެ ހަ އެތިވެ ކަން ނިމިފައި އޮތް ޒަމާނެއްވެސް ދިޔައެވެ. ބަލި މީހުން ގޮވައިގެން ބޮއްކުރައާ ވަދުދޯންޏާއި މަސްދޯނިފަހަރުގައި ގޮސް އެތައް ގަޑި އިރަކު ތޮޅެންދޫއަށް ކައިރި ނުކުރެވި ރާޅުތެރޭގައި ތިބެ އެވެ. އާއްމުކޮށް ދަނީ މިހާރު ނަމަ ބޮޑެތި އޮޕަރޭޝަންތައް ކުރަންޖެހޭ ވަރަށް، ހަށިގަނޑުގވެ ކަށިތައް ބިނދިފައި ތިބޭ މީހުން ގޮވައިގެނެވެ. ބަލިމީހާައަށް ލިބިފައިވާ ޒަހަމްތަކަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ ރާޅުތަކުން ސަލާމަތްކޮށް މީހުންނާއި ދޯނި އެއްގަމަށް އެހެލަނީ ތޮޅެންދޫގެ ހީވާގި އެހީތެރި ރައްޔިތުންނެވެ. ބޭހަށް ދާ އެ ހުރިހާ ގޮތެއް ސިފަކޮށްލައިދޭން ހަސަން ގާސިމް ވިދާޅުވަނީ "ތޮޅެންދޫގެ ފުއްޓަރު މައްޗަށް ނަގާ ބޮޑެތި ބިޔަ ރާޅުތަކުގެ ހޮޅީގެ ދަށުނުވެ، ތޮޅެންދޫއަށް މީހުން ލަފަނީ އެއް ނޫނެވެ. މީހުން ލައްގަނީ" އެވެ.
"ބޭހަށް ދާ މީހުން ތޮޅެންދޫއަށް ލައްގަނީ... އަޅުގަނޑު ކާންދީ، ނިންދަވަނީ އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ބޭސް ކުރަނީ... ދެން ފަަސޭހަވުމުން ކަލޭ ތިޔަހަރީ ފަސޭހަވެފަ އޭ ދެން ދަހަރޭ ބުނީމައި ނުކުމެގެން ހިނގައިދޭ!" ހަސަން ގާސިމް ވިދާޅުވި އެވެ.
ބޭހަށް ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ހުރިހާ ރަށަކުން ވެސް ކުޑަކުޑަ ތޮޅެންދޫއަށް މީހުން ދިޔައެވެ. އެއީ އެކި ކަހަލަ ފަރުވާ އަށެވެ. އެއިން ކޮންމެ މީހަކު ދެ މަސް ތިން މަސް ވަންދެން ހަސަން ގާސިމްގެ ހިޔާވަހި ކަމުގައި ތިބެއެވެ. ފަތްޖެހި އެނދުގައި ތޮޅެންދޫއަށް ބާލާ ބަލި މީހާ ރަނގަޅުވެ އަމިއްލަ ހާލަށް ހިނގާފައި ދެއެވެ.
ގާސިމްގެ އަރިހަށް ތޮޅެންދޫއަށް ދާ މީހުނަށް ގާސިމްގެ ހުންނަނީ ކޮޓަރިފައްޗެއް ހައްދަވާފަ އެވެ. އެފަތީގައި ކޮޓަރިއެއް ދުވަހަކުވެސް ހުހެއް ނުވެއެވެ.
" އެންމެ ކޮޓަރި އެއް ދެ ކޮޓަރި އެއް ނޫން. ބައިވަރު ކޮޓަރި ހުންނާނެ ހަމަ ބަރިއަކަށް. ހަނދާން ހުރޭ އަބަދުވެސް އެ ހުރިހާ ކޮޓަރިތަކެއް ގައި މީހުން ތިބޭނެ. ބޭސްކުރަން އައިސް އޭގެ ބައެއް މީހުން ހަދިޔާ ހިފައިގެން އަންނަނީ... ބޮޑެތި ދޮންކެޔޮ ގަނޑުގަނޑާއި ކަށިކެޔޮ ހިފައިގެން އަންނާނީ ... ބޭސްކޮށް ރަނގަޅުވެ ފޮނުވާލަންދެން ވެސް ހުރިހާ ކަމެއްވެސް އޮންނާނީ ހިލޭ،"
މިހާރު ހުޅުމާލޭގައި ދިރިއުޅުއްވާ ހަސަން ގާސިމް ވިދާޅުވާ ގޮތުގައި ތޮޅެންދޫގައި އެ ދުވަސްވަރު ކުރެވުނީ އުނދަގޫ މަސައްކަތެކެވ. އެކަމަކު އެއީ އިހުލާސްތެރި ތެދުވެރި މަސައްކަތެކެވެ.
"އަޅުގަނޑުގެ މަސައްކަތަށް ދައުލަތުން އިނާމް ދެއްވައިިފި.. ރާއްޖޭގެ އެހާ ކުޑަކުޑަ ރަށެއްގަ ހުރި މީހަކަށް ސަރުކާރުން އެ ދޭ އެންމެ މަތީ ޝަރަފު ދެއްވައިފި ބޭސްވެރިކަމުގެ ރޮނގުން.. އަގަކީ ހަމައެކަނި ގުނާފަ ދޭ މިލިއަން ރުފިޔާއެއް ނޫން.. މީހުންގެ އިހުތިރާމާ ލޯތްބާ އެއީވެސް ހަމަ އަަގު ބޮޑު އެއްޗެއް!" ހަސަން ގާސިމް ވިދާޅުވި އެވެ.
ހަސަން ގާސިމް ވަނީ ހަކީމީ ބޭސްވެރިކަމުގެ ހުރިހާ ބާވަތެއް ދަސް ކުރައްވާ އެއިން އެތައް ހާސް ބަޔަކަށް ފަރުވާ ދެއްވާފަ އެވެ. ދެވެހި ބޭހުގައި ހަސަން ގާސިމް ދެނެވަޑައި ނުގަންނަވާ ވެލެއް، މުލެއް، ގަހެއް ފަތެއް އަދި އެ އޮށެއް ތޮއްޓެއް ނެތެވެ.
އުމުރުން ދުވަސްވެފައި ވުމާއި އުފަން ރަށާއި ދުރުގައި ހަނދާންތަކުގެ ތެރޭގައި އުޅުއްވެވި ނަމަވެސް ހަސަން ގާސިމް އުޅުއްވަނީ ބޭހުގެ ތެރޭގަ އެވެ. އެނާގެ ފަރުވާ އަށް އެދޭ މީހުންގެ ސަފަށް ބަދަލެއް ނާދެ އެވެ. އޭނާގެ ހިދުމަތަށް ވެސް ބަދަލެއް ނާދެ އެވެ. ތަފާތަކީ ތޮޅެންދޫގައި އޭނާ ނެތް ކަމެވެ.