ރިޕޯޓް

ވެލާ ކަހަނބުުގެ ކުރެހުމަކުން ސޭމް!

ކަނޑުގެ ދިރުންތަކަށް ލޯބި ކުރާ މީހެއް ނަމަ ހުރިިހާ ކަމެއްވެސް ސިފަ ކުރެވޭނީ އެކަމާ ގުޅުވައިގެންނެވެ. އަދި ކުރެހުންތެރިއެއް ނަމަ އޭނާގެ ސިކުނޑިއާއި ވިސްނުން ވެސް އެއްކޮށް ގޮސް ހުސްވާނީ އެކަަމަށެވެ. ކަނޑުން ނަގާ ބިޔަ ރާޅުތަކާ އެއްވަރަަށް އެ އިން ކޮންމެ ރާޅަކުން ފެންނަަ އެތައް ކުލައެއް އަސްލު ކުރެހުމަށް ތިރި ކުރެވޭތޯ މަސައްކަތް ކުރާނެ އެވެ. ގިނަ ފަހަރަށް ދެތިން ހަތަރު ކުލައެއް އެއްކޮށްގެން ނަމަވެސް ލޮލަށް ފެނުނު އަސްލު ކުލަ ގެނެސްފައި ހުންނަތަން ކުރެހުންތަކުން ފެނެ އެވެ. މަޑު ނޫ ކުލައިން ވިލު ނޫ ކުލައިން އެންމެ ގަދަ ކަނޑު ނޫ ވެސް މެ އެވެ. ކަނޑާ ހިތާ ގުޅިފަައިވާ މި ކުރެހުންތަކުގެ ފަހަތުގައި ނޫ ކުލަ ފިހި ހިފައިގެން ހުރީ ސަމިއްޔާ ޝެހެނާޒް އެވެ. ކުރެހުންތެރިންގެ މެދުގަައި ސޭމް އެވެ.

ސޭމް އަކީ ރަސްމީ ވަޒީފާ އެއްގެ ގޮތުގައި ރާއްޖޭގައި މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ފިހާރަ ކަމަށްވާ "އައިލެންޑު ބާޒާރު"ގައި މަސައްކަތް ކުރާ ކުއްޖެކެވެ. ވަޒީފާ އަށް ފަހު، އަދި ބައެއްފަހަރު ވަޒީފާގައި ހުރެގެން ވެސް ސޭމްގެ ކުރެހުންތައް އާއްމުންނާ ހިއްސާ ކުރެ އެވެ. މުޅި ސޯޝަލް މީޑިއާގައި ހުރިހާ ދިމައަކުން ފެންނަ ފެންކުލައިން ކުރަހާފައިވާ ވެލާތަކުގެ މަންމަ އަކީ ސޭމް އޭ ބުނެވި ދާނެ އެވެ. މަދުން ނަމަވެސް އަހަރުމެންނަ މި ފެންނަ މި ވެލާ ކަހަނބަށް ސޭމްގެ ހިތް ޖެހިފައިވަނީ ކުޑަކޮށެއް ނޫނެވެ. އިންތިހާ އަށެވެ. ކޮންމެ ކުރެހުމެއްގައިހެން ވެލާގެ ތަންކޮޅެއް ހިމަނާލަ އެވެ. އެއްފަހަރު ވެލާގެ ބުރަކަށިމަތީ އޮންނަ ބޯ ތޮށިގަނޑެވެ. ނޫނީ އަތާއި ލޮލެވެ.

"ވެލާ ކުރަހާ ކުލަޖައްސާ ހިތްވީ، ސޭމްއަކީ ތިމާވެއްޓަށް ލޯބި ކުރާ ކުއްޖަކަށް ވާތީ. ވަރަށް ކުޑައިރުއްސުރެ ވެސް ތިމާވެށީގެ ކަންކަމަށް ލޯ ހުޅުވިފަ ހުރީ. ސޭމްގެ ކުރެހުން ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތަކަށް ލިބޭ ގެއްލުންތަކާ ހުރިހާ އެއްޗެއް އަންގައިދީ ހޭލުންތެރިކޮށްދޭން ބޭނުންވަނީ. އެގޮތުން ބޮޑަށް މެރިން އެނިމަލްސް އަށް އިންސްޕަޔާވީ. އަދި އެއަށްވުރެވެސް ބޮޑަށް ވެލައަށް،" ސޭމް ކިޔައިދިނެވެ.

ވެލާތަކާއެކު ފަތަމުން ކޮންމެ ކުރެހުމަކުންވެސް ސޭމް ބުނެދޭން ބޭނުންވަނީ މެސެޖެއް ކަމަށް ބުންޏެވެ. ވެލާ ކަހަނބުގެ ދިރުންތައް މިއަދު އަހަރުމެންނަށް ފަަސޭހައިން ފެނި، އޭގެެ ފުރިހަމަ ކަމާއި ރީތި ކަމަށް އާޝޯހުވެ ތިބޭ އިރު މީގެ އަހަރުތައް ފަހުން އެއީ އުޅުނު އެއްޗެހި ތަކެއް ކަންވެސް ނޭނގިދާނެ އެވެ. ރާއްޖޭގައި ހިމާޔަތް ކޮށްފަައިވާ މޫދު ޖަނަވާރުންގެ ތެރޭގައި ވެލާ ކަހަަނބު ހިމެނެ އެވެ. މި ދިރުންތައް ހިމާޔަތް ކުރުމަށް އަލުން މަސައްކަތް ކުރަންވީ ކަމަށް ސޭމްގެ ކޮންމެ ކުރެހުމަކުން ބުނެދޭން ބޭނުންވެ އެވެ. ތިމާވެއްޓަށް ލޯބި ކުރާ ސޭމް އާއެކު މިއިން ކުރެހުމަކަށް ބަލައިގެން ނަމަވެސް އެކަން ހަނދާން ކޮށްލަން ވީ އެވެ.

"އެންމެ ފުރަތަމަ ކުރެހީ "އަންވީލިންގް ވިޝަންސް" ކިޔާ އެގްޒިބިޝަން އެއްގަ. އެއީ މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީގެ ފަރާތުން ބޭއްވި އެގްޒިބިޝަން އެއް. އެ އެގްޒިބިޝަންގައި ޕްރޮފެޝަނަލް އާޓިސްޓް އެއްގެ ގޮތުގައި ބައިވެރިވީ. އޭގެ ފަހުން އަމިއްލަ އަށް އާޓިސްޓްއެއްގެ ގޮތުގައި މަސައްކަތް ކުރަންފެށީ"

މި ކުރެހުންތައް ނޫނަސް ސޭމްއަކީ އެކި ކަހަލަ ކުރެހުންތައް ކުރެހުމުގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. ޕްރޮފެޝަނަލް އާޓިސްޓަކަށްވެ ހުރެ ރާއްޖޭގައި ކުރެހުން ކުރަހާ އެ އެއްޗެހި ވިއްކާތާ މިހާރު ދެތިން އަހަރު ވެދާނެ އެވެ. ސޭމް ކުޑަ އިރު ދައްތަ ބުނެގެން ކުރެހި ކުރެހުންތަކެއްގެ ސަބަބުން ކުރެހުމުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ އެވެ. އޭގެ ފަހުން ރާއްޖެއާއި ބޭރުދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތައް ބަލާ ދަސްކުރަން ފެށި އެވެ. އަދި އެއިން ކޮންމެ ކުރެހުމަކުން ހިޔާލު ފުޅާކޮށް އަމިއްލަ އުފެއްދުންތައް އުފައްދަނީ އެވެ.

ކުރެހުންތެރިންނާއެކު ރާއްޖޭގައި މި އޮންނަ އާޓް ކޮމިއުނިޓީ ކުރިއާ ބަލާފައި މިހާރު ވަރަށް ފުޅާ ވެއްޖެ އެވެ. އެކަމަށް އާ ބުނެ ސޭމް ވެސް ބުނަނީ، ކުރެހުންތެރިންގެ މެދުގަައި މި އޮންނަ ފޯރި އާ އެއްވަރަށް ރާއްޖޭގައި ކުރެހުންތެރިންނާއި ފަންނުވެރިންގެ މަސައްކަތްތައްވެސް ބަލައިގަންނަންވީ ކަމަށެވެ. އަދި ކުރެހުންތެރިންނަށް އެންްމެ މުހިިއްމު ތަނެއްގެ ގޮތުގައި ބެލެވޭ ނެޝަނަލް އާޓް ގެލަރީ އަށް އެތަނުގެ ނަމާ އެއްވަރަށް މަސައްކަތް ކޮށްދެވޭނެ ކަމަށެވެ.

"އެންމެ ދެކެން ބޭނުންވަނީ ކުރެހުންތެރިންގެ ކުރެހުންތައް ދިވެހިން ބަލައިގަންނަ ދުވަހެއް. އެއީ އެންމެ މުހިއްމު ކަމަކީ. މިހާރު ނަމަ، ކުރެހުންތަކަކީ މާ މުހިއްމު އެއްޗެއް ކަމަކަށް ނުދެކޭ. އެއީ ހަމަ އަޅާފަ އިން ރޮނގުބުރި އެކޭ. ބޭނުންވަނީ އެއީ އެއަަށްވުރެ ބޮޑު އެއްޗެއް ކަން އަންގައިދޭން. އަދި، އާޓިސްޓުންނަށް އިތުރު ފުރުސަތު ތަކާއި އިވެންޓުތައް ބާއްވައިދީ އާޓް ގެލެރީ ޓު ލިވް އަޕް ޓު އިޓްސް ނޭމް"