ޔުނައިޓެޑް ވިކްޓަރީ

ސާންތީގެ ގައިން ނުނެއްޓުނު އީގަލްސްގެ ލައްގަނޑު

ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި ކުލަބު އީގަލްސް އާ ދެކޮޅަށް، އެ ޓީމުގެ ކުރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ނުކުންނަ ފުރަތަމަ މެޗަށް މިރޭގެ މެޗު ވެގެންދާނެ އެވެ. ހަތަރު އަހަރު ކުރިން، ސާންތީ އީގަލްސް ދޫކޮށްލި ނަމަވެސް އޭނާގެ ގައިން ނުނެއްޓި އިން ލައްގަނޑެއް އެބައޮތެވެ. އަންޑަ 19 ގައުމީ ޓީމުގެ ކޯޗް ކަމަށާއި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރިއިރު ވެސް "އީގަލްސްގެ މީހެއް" ގެ ގޮތުގައި އިން ލައްގަނޑު އޭނާގެ ގައިން ނެއްޓޭނެ ގޮތެއް ނުވި އެވެ. ޓޮޕް ޑިވިޝަންގެ ފުރަތަމަ ތަށި އީގަލްސް އަށް ހޯދައިދިން ކޯޗް މިއަދު ހުންނާނީ، މިއަދު އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ބެނުޗުގަ އެވެ.

ޕޮއިންޓް ތާވަލުގައި ދެ ޓީމު އޮތް ހިސާބުން، މެޗުން މޮޅޫވާން މަޖުބޫރެވެ. ތާވަލުގެ އިތުރު ހަރުފަތަކަށް ޖެހިލައި ލީގްގެ ފުލުން ސަލާމަތް ވުމުގެ މުހިންމުކަން ދެ ޓީމަށް އޮތީ ބޮޑު ވެފަ އެވެ. އީގަލްސް އާ ދެކޮޅަށް ނުކުންނަ މެޗަކީ ސާންތީގެ އިމޯޝަން އާ ގުޅިގެންދާނެ މެޗެކެވެ. އޭނާގެ އެތައް ގުރުބާނީ އަކާއި އެތައް ވަގުތެއް އެ ކުލަބު ހޭދަ ކުރި އެވެ. އެންމެ އާދައިގެ ޓީމަކުން ފެށިގެން އެ ޓީމު ހެދި ބޮޑުވެ ރާއްޖޭގެ ވަރުގަދަ ކުލަބަކަށް ވުމާ ހަމައަށް އެ ކުލަބުގައި ސާންތީގެ މަސައްކަތުގެ ހިއްސާ އޮންނާނެ އެވެ.

"މީހުން އަޅުގަނޑު ލޭބަލް ކޮށްފައި މި އިންނަނީވެސް އީގަލްސް މީހެއްގެ ގޮތުގައި. ހަގީގަތުގައި ތި ފާހަގަ ކުރިހެން އަޅުގަނޑުގެ ވަރަށް ހާއްސަ ލޯތްބެއް އީގަލްސް އާ މެދު އަބަދުވެސް އޮންނާނެ،" އީގަލްސް އާ ދެކޮޅަށް ނުކުންނައިރު އޭނާ އިހްސާސްތައް ސާންތީ ބަންޑުން ކޮށްލި އެވެ. "އެއީ އަބަދުވެސް އަޅުގަނޑު ހާއްސަ ގަދަރެއް ދޭނެ ޓީމެއް އީގަލްސްއަކީ. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފުޓްބޯޅައިގައި އަޅުގަނޑު ކޯޗެއްގެ ގޮތުގައި ގައުމީ ޓީމުގައި އަށް އަހަރު މަސައްކަތް ކުރިޔަސް ކޯޗެއްގެ ގޮތުގައި މީހުން އަޅުގަނޑު ބަލައިގަތީ އީގަލްސްގައި. އީގަލްސްއިން މީހުންނަށް އަޅުގަނޑު ދައްކައި ދިނީ އަޅުގަނޑު ގައިގައިވެސް އެބަހުރިކަން ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ހުރި ކޮންމެވެސް ސިފަތަކާއި ކޮންމެވެސް ކޮލިޓީއެއް."

އެ ހުރިހާ އިހްސާސްތަކާއެކު އީގަލްސް އާ ދެކޮޅަށް ނުކުތް ނަމަވެސް އޭރެއްގައި ކޯޗް ކޮށްދޭ ޓީމެއް މޮޅުވާން ބޭނުން ވުމުގެ އަޒުމު ސާންތީގެ ކިބައިގައިވެސް އެބަހުއްޓެވެ. އޭނާ ހުރީ މިރޭ އީގަލްސް ބަލި ކުރުމަށް ވަރުގަދަ އަޒުމެއްގަ އެވެ.

"ދެން ކޯޗިންގައި މިއޮންނަ ގޮތަކީ އިދިކޮޅަށް ހުންނައިރަކު އިހްސާސެއް ނުކުރެވޭނެ. އަޅުގަނޑު މިހާރު ބަލާނީ އީގަލްސްގެ ބަލިފައިތައް ބަލައިގެން އެމީހުން ބަލި ކުރެވޭނީ ކިހިނެއްތޯ."

ކުލަބު އޭދަފުށީގައި މިދިޔަ އަހަރު މަސައްކަތް ކުރުމަށް ފަހު މި ސީޒަނަށް ސާންތީ ޔޫވީގެ މަސައްކަތައް ނުކުތީ އެ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު އާދަމްގެ އެދުމުގެ މަތިން ހިލޭސާބަހަށެވެ. މުހައްމަދަށް ނަތީޖާ ނުނެރެވި އޭނާ މަގާމުން އިސްތިއުފާ ދިނުމުން، ސާންތީ ކޯޗް ކަމަށް ހަމަޖެއްސި އެވެ. ހަމަ އެދަނޑިވަޅުގައި އީގަލްސްގެ ކޯޗްގެ މަގާމުވެސް ހުސްވި އެވެ. އީގަލްސްގެ މެނޭޖުމެންޓުން އެހީތެރި ކަމަށް އެދުނީ ސާންތީގެ ކިބައިންނެވެ. އެހެންނަމަވެސް ޔޫވީ އާއެކު އޭނާ ހުރެގެން މަސައްކަތެއް ފެށިފައި އޮތުމުން، އެ ޓީމު ހާލުގައި ޖެހުނު ވަގުތު ޓީމު ދޫކޮށްލާފައި ދާން ސާންތީ ބޭނުން ނުވި އެވެ. އޭނާ ގަސްތު ކުރީ ސީޒަން ނިމެންދެން ޔޫވީ މަޑު ކުރުމަށެވެ.

"އީގަލްސްއިން އައި ހުށަހެޅުން. އީގަލްސްގެ މެނޭޖުމެންޓާ އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮވޭ މިހާރުވެސް،" ސާންތީ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް އަޅުގަނޑަށް ނިންމުނީ ޔުނައިޓެޑް ވިކްޓަރީގައި މަޑުކުރަން. އެއީ ކޮންމެ ގޮތެއްގައިވެސް އޭގެ ތެރޭގައި ހުރެވިފައި. ޔޫވީގެ މެނޭޖުމެންޓުންވެސް ވަރަށް ބޮޑު ހަރަދެއްވެސް ކޮށްފި. ދެން އަޅުގަނޑަށް ކޮމިޓްމެންޓެއް ދެވުނީމަ އެ ކޮމިޓްމެންޓްގައި އަޅުގަނޑު ހިފަަހައްޓާނަން. ދެން މިފަހަރު އަޅުގަނޑު މި ސީޒަންގައި ގައިމުވެސް ފެންނާނީ ޔޫވީން."

އީގަލްސްއަށް އަދިވެސް ދާއިމީ ހެޑް ކޯޗެއް ހަމަޖައްސާފައެއް ނުވެ އެވެ. އެ ކުލަބުގެ ބެންޗުގައި ޓީމަށް އިރުޝާދު ދޭން ހުންނާނީ، އީގަލްސްގައި ސާންތީ އާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އަހްމަދު ނިމާދު (ނިމާ) އެވެ. ނިމާގެ ކޮލިޓީ އާއި އޭނާގެ ހިތްވަރު ސާންތީއަށް އެނގެ އެވެ. ސާންތީ ބުނީ، ނިމާ އަކީ އެހާ ފަސޭހައިން ބަލިވާން ބޭނުންވާ މީހެއް ނޫން ކަމަށެވެ. އީގަލްސްގެ ބެންޗުގައި މިރޭ ނިމާ ހުރުމަކީ ސާންތީއަށް އޮތް ޑިސްއެޑްވާންޓޭޖެއް ކަމަށް އޭނާ ބުންޏެވެ. ސާންތީ ބުނީ ނިމާއަކީ އޭނާ ކުރާ ކަމެއްގައި 200 ޕަސަންޓް ދޭނެ މީހެއް ކަމަށެވެ.


ނިމާވެސް ބުނީ، ސާންތީ އާއެކު މިހާރުވެސް ޔޫވީގެ ޓީމަށް ބަދަލު އައިސްފަައިވާކަން އެންމެ ފަހުން މެޗުންވެސް އެނގިގެންދާ ކަމަށެވެ. އަދި އީގަލްސްގެ ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް ސާންތީ ވުމަކީ އޭނާ އާ ދެކޮޅަށް ކުޅެން އުނދަގުވާނެ ސަބަބެއް ކަމަށް ނިމާ ބުންޏެވެ.