ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މަގާމުން ވަކިކުރަން ސޮއިކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރުމުގެ މައްސަލަ ނުވަތަ އަޒުލުކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ސޮއިކުރަން ފަށައިފި އެވެ.

ރައީސް ސޯލިހު އަޒުލުކުރުމުގެ މައްސަލައިގައި މެންބަރުން ސޮއިކުރަން ފަށާފައިވާކަން ހާމަވީ އެމްއެންޕީން ރޭ ބޭއްވި ހަރަކާތެއްގައި އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

ނާޒިމު ވަނީ ރައީސް އަޒުލުކުރުމުގެ މައްސަލައިގައި އޭނާ ސޮއިކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އަޒުލުކުރުމުގެ މައްސަލަ އިދިކޮޅުން ފެށީ ޗާގޯސް މައްސަލައިގައި އެމަނިކުފާނު އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ.

އިދިކޮޅުން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ)ވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.

ހުށަހެޅޭ ލިޔުމުގައިވާ ކަންކަމާމެދު މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރުމަށްފަހު އެއީ ކުރިއަށް ގެންދަން ފެންނަ މައްސަލައެއް ކަމުގައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިފިނަމަ އެ މައްސަލައެއް ތަހުގީގުކޮށް ބެލުމަށް މަޖިލީހުގެ 11 މެންބަރުންގެ ކޮމިޓީއެއް ކަނޑައަޅައި އެ ކޮމިޓީއަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ކޮމިޓީއަކީ މަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން މެންބަރަކާއި އަމިއްލަ މެންބަރެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.

ގަވާއިދުގައިވާ ގޮތުން ކޮމިޓީން ފޮނުވާފައިވާ ލިޔުމުގައިވާ ކޮންމެ ތުހުމަތަކަށް އެ ތުހުމަތުކޮށްފައިވާ ގޮތަށް އެކަމެއް ސާބިތުވޭތޯ ވޯޓަށް އަހަންޖެހެ އެވެ. އެއިން އެއްވެސް ކަމެއް ސާބިތުވާނީ މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށްވެސް މި ގަވާއިދުގައިވެ އެވެ. އަދި އެންމެ ތުހުމަތެއް ވެސް ސާބިތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިވީ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރަން ފަށާފައިވާއިރު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނުވާ ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. މިމައްސަލައިގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތަށް ވަނީ 14 ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް އިދިކޮޅުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެމްޑީޕީގައި ކުރިން ތިބި 67 މެންބަރުންގެ ތެރެއިން އެމްޑީޕީން 13 މެންބަރުން ވަކިވި ނަމަވެސް އަދިވެސް މަޖިލީހުގައި އެމްޑީޕީގެ 54 މެންބަރުން އެބަތިއްބެވި އެވެ. އެހެންކަމުން ޖުމްލަ 87 މެންބަރުން ތިއްބެވި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލައެއް ވިޔަސް އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވިޔަސް ހުށަހަޅައިގެން ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.