ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ އިންކުއަރީ ރިޕޯޓް ވަރަށް ފުރިހަމަ: ނަޝީދު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލި ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

241 ކޮމެޓީން ހިންގި ތަހުގީގުގެ ފައިނަލް ރިޕޯޓް އިއްޔެ ހަވީރު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓއަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

"ކޮމެޓީގެ މުގައްރިރު އާއި މެންބަރުންނަށް އަދި ސްޓާފުންނަށް ވަރަށް ބޮޑަށް މަރުހަބާ، މަޖިލީސް 19 ތަފާތުވާނެ،"

މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި ބައެއް އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި އާންމު ވެއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ހިމެނޭތީ އެ މައުލޫމާތުތައް ހުރީ ކަޅު ކުލައިން ފާހަގަކޮށް ނުފެންނަ ގޮތް ހަދާފައެވެ. މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ނުފެންނާނެހެން ރިޕޯޓް ތައްޔާރުކޮށް އާންމުކުރި ނަމަވެސް ކުލައިގެ މަތިން އެ މައުލޫމާތުތައް ކޮންމެވެސް ގޮތަކުން ބެލޭގޮތްވެ ބައެއް މީހުން ވަނީ ސިއްރުކުރި މައުލޫމާތުތައް އާންމު ކުރަަން ފަށާފައެވެ. އެކަން މަޖިލީހުގެ ސަމާލު ކަމަށް އައުމުން ވަގުތުން އެ ރިޕޯޓް ނުފެންނަ ގޮތަށް ހެދިއެވެ.

ނަމަވެސް އޭރު ވަނީ ރިޕޯޓް ޑައުންލޯޑްކޮށް އެ މައުލޫމާތުތައް އާންމު ކުރަން ފަށާފައެވެ.

އިންކުއަރީ ރިޕޯޓް އާންމު ކުރުމުގެ ކުރީންވެސް 241 ކޮމެޓީން ވަނީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކެއް އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް ބުނެފައެވެ. އަދި އެ ރިޕޯޓް އާންމުކުރާނީ އެ މައުލޫމާތުތައް ނުހިމަނާ ކަަމަށްވެސް ބުނެފައިވެއެވެ. އެ މައުލޫމާތުތައް ހިމަނާފައިވާ ރިޕޯޓް އަރަން ހަމަޖެހިފައި އޮތީ ދައުލަތުގެ ތިންބާރުގެ ވެރިންނަށެވެ.