މޯލްޑިވްސް ޕޮލިސް ސާވިސް

ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ބަލާ ކަމަކަށް ނުބުނި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް އިދިކޮޅު ކޯލިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިތާ ތިން ދުވަސްވީއިރުވެސް އެ މައްސަލަ ބަލާކަމަށް އަންގާފައިނުވާ ކަމަަށް އެ ކޯލިޝަނުން ބުނެފި އެވެ.

ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ފެންނަނީ ހުސައިން ސައީދު ނަމަކަށް ކިޔާ މީހެކެވެ. އެއީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ނިސްބަތްވާ މެންބަރެއް ކަމަށް ވެއެވެ.

އޭނާގެ ވީޑިއޯ މެސެޖްގައި ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވާ ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ އެ ފޯސް އިން ދެކޮޅު ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް އިޝާރާތް ކޮށް އެ މީހާ ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ މީހަކު ނިކުމެ ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް ރަސްމީކޮށް ހުށައެޅުމުންވެސް މައްސަލަ ބަލާކަން ނުވަތަ ނޫންކަންވެސް އަންގާފައިނުވާ ކަމަށެވެ.

ރައީސް ޔާމީނަށް އިންޒާރުދިން މީހާ އިންޑިއާއަށް ފުރައިގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ހީނާ ވިދާޅުވީ އޭނާ ފުރުވާލިކަން އެނގިފައި ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންޒާރު ދިނީ އިންޑިއާ ހައިކޮމިޝަނާއި ސަރުކާރުގެ ވެރީން ފަހަތުގައި ތިބެގެން ކަމަށްވާތީ ސަރުކާރުން ބޭނުންވާ މީހަކު ފުުރުވާލެވިދާނެ ކަމަށެވެ.

ހީނާ ވިދާޅުވީ ޕީޕީއެމުން ގޮވާލީ ރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބަލައިދިނުން ކަމަށެވެ. އަދި މައްސަލަތައް ބެލުމުގައި ހަމަހަމަކަން ގެންގުޅުމަށް ގޮވާލެއްވިއެވެ.

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ ހިދުމަތާއި ޑިފެންސް މިނިސްޓްރީ އަށް އަދި އެޗްއާރުސީއެމްގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ވަނީ ހުށައަޅާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.