އަބްދުއްރަހީމް އަބްދުﷲ

"ޖަލު ގުރުބާނީގެ އަގު ވޯޓް ފޮށިން ދެއްވާ"

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށާ އެ ގުރުބާނީގެ އަގު ކައުންސިލް އިންތިހާބުގައި ވޯޓްފޮށިން ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ކެންޕެއިން ރީ-ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. "މަގޭ ވޯޓް ރުކަށް" މި ނަމުގައި ރީ-ލޯންޗު ކުރި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކެންޕެއިން އިންތިހާބާ ޕީޕީއެމުން ކުރިމަތިލަނީ ގިނަ ގޮންޖެހުންތަކާއެކު ކަމަަށެވެ. ކެންޕެެއިނަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށާ ކެންޕެއިން ޖަލްސާ ބާއްވާނެ ތަނެއް ދޭން ވެސް ސަރުކާރުން ބިރުގަތްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިރޭގެ ޖަލްސާ ބާއްވާނެ ތަނެއް ނުދިންއިރު އިންޓަނެޓް މައްސަލަ ދިމާވެ އަތޮޅުތަކުގެ ކެންޑިޑޭޓުންނަށް ޖަލްސާގައި ބައިވެރިވެވިފައި ނުވާ ކަމަށާ އެކަމުގައިވެސް ސަރުކާރުގެ "އަތެއް" ވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލާއިރު އިދިކޮޅަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ލީޑަރު ޖަލުގައި ހުންނެވުން ކަމަށާ ނަމަވެސް ގޮންޖެހުންތަކާއެކު ކުރިއަށް ދާނެ ކަމަށެވެ. އެއީ އިދިކޮޅު ލީޑަރު މިހާތަނަށް ދެއްކި ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ސަޕޯޓްކުރާ ހުރިހާ އެންމެންނަށް ދަންނަވާލަން ބޭނުންވަނީ އެމަނިކުފާނު ޖަލުގައި އޮންނަވައިގެން ދިވެހި ގައުމުގެ ހައްގުގައި އެ އެވަޑައިގަންނަވާ ގުރުބާނީގެ އަގު ތިޔަބޭފުޅުން މި އަންނަ އޭޕްރީލް މަހުގެ ދިހަވަނަ ދުވަހު ވޯޓް ފޮށިން ދެއްވާށޭ. އެއީއޭ ތިޔަބޭފުޅުންނަށްޓަކައި އެމަނިކުފާނު އެ ވެވަޑައިގަންނަވާ ގުރުބާނީގެ އަގު ތިޔަބޭފުޅުންނަށް ދެވެން އޮތް ގޮތަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ 2013 އިން 2018 އަށް ރައީސް ޔާމީންގެ ވެރިކަމުގައި ގައުމަށް ގެނެސްދެއްވި ތަރައްގީގެ އަގު އަދާކުރުމަށްވެސް ކައުންސިލް އިންތިހާބަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ އޭޕްރީލް 4، 2020 ގައެވެ. އެފަހަރު އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކާނިވާގައި ބޭއްވި ބޮޑު ރެލީގެ ހަނދާން އައު ކުރައްވާ އަބްދުއްރަހީމް މިރޭ ވިދާޅުވީ އެ ޖަލްސާއާއެކު ސަރުކާރު ވަރަށް ބޮޑަށް ބިރުގެން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ނުވާނެ ކަން ޔަގީންވުމުން ކޮވިޑް ހަތިޔާރަކަށް ހަދާ ތަފާތު ގައިޑްލައިންތައް ނެރެމުންދާ ކަމަށެވެ.

"އޭގެ ފަހުން މި ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ކޮވިޑް ހެދޭ. އޭގެ ފަހުން ތަފާތު ގައިޑްލައިންތައް ނެރެން ފެށީ. އޭގެ ފަހުން އެޗްޕީއޭއަކީ ސަރުކާރުގަައި ވިއްދާފައި ހުރި މުޑިއަކަށް ހެދީ. މި ސަރުކާރު މިހާރު ނުވެއްޓި މި އޮތީ އެޗްޕީއޭގެ ސަބަބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.