ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމާއި ޕީއެންސީއަށް ލިބެންޖެހޭ ފައިސާ ލަސްވާތީ އާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި ކަންބޮޑުވުންތައް އެ ދެ ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއްސާކޮށްފި އެވެ.
އީސީގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ޕީޕީއެމަށް ވެސް އަދި ޕީއެންސީއަށް ވެސް ދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ ފައިސާ ވީހާ ވެސް އަވަހަކަށް ލިބޭނެ ގޮތް ހަދައިދޭން އެދިފައިވާނެ ކަމަށާއި އެ ފައިސާ ނުލިބޭތީ ޕާޓީގެ ހަރަކާތް ހިންގުމަށާއި އިންތިޒާމު ކުރާ ކަންކަން ހިންގަން ދަތިވެފައިވާ ކަމަށެވެ.
"ކައުންސިލް އިންތިހާބު މިއޮތީ ބޯމަތިވެފައި. އޮތް އިރު އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުލިބޭ ހަމަހަމަކަމާއެކު ކަންކަން ހިންގާކަށް. ސިޔާސީ ޕާޓިތަކަށް ނެތް އެއްވެސް ވަރަކަށް ހަމަހަމަ ކަމެއް. މިއަދުގެ ބައްދަލުވުމުން އެނގިގެންދިޔަ މާޗް މަހުގަ އިންތިހާބު ބާއްވަން އެބޭފުޅުން މަސައްކަތް ކުރައްވާ ކަން. އެކަމަކު ކެމްޕޭން ކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނެތް. އެކަމަކު ސަރުކާރުގެ އެކި ހަރަކާތްތައް ހިންގުމަށް ކަމަށް ބުނެ އެމްޑީޕީން ފޯރީގައި ދަނީ ކެމްޕޭން ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އީސީއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.