ހިޔާ ފްލެޓް ސަރަހައްދުގައި އުޅުނު ބަޔަކު އެޗްޑީސީގެ މުވައްޒަފުންނާ މާރާމާރީން ހިންގަން އުޅުނު މައްސަަލައެއް ފެންމަތިވެއްޖެ އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު ހިޔާ ފްލެޓް ސަރަހައްދުން ބަޔަކު ނުކުމެ އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ހުރަސްއަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މުވައްޒަފުން މަސައްކަތް ކުރީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ހޯދައި އެތަނުގައި ދިރިއުޅޭ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ދެނެގެނެ އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ސާވޭއެއް ހެދުމަށް ކަމަށެވެ. އަދި މިއީ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް އޭގެ ފައިދާއާއި މަންފާ ކުރާނެ ގޮތަަކަށް ރޭވިގެން ކުރިއަށް ގެންދާ ސާވޭއެއް ކަމަށެެވެ.
ނަމަވެސް ބަޔަކު ނުކުމެ މުވައްޒަފުންގެ މަސައްކަަތަށް ހުރަސް އަޅައި މާރާމާރީ ހިންގަން އުޅުމުން އެކަން އެޗްޑީސީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ކަންތަތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބުނެފައި ވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް މަޑުމަޑުން މީހުން ވަންނަން ފަށައިފައިވާ އިރު މިހާރު އެ ތަނުގައި 100 އަށް ވުރެ ގިނަ އާއިލާތައް ވަނީ ދިރިއުޅެން ފަށައިފަ އެވެ. ނަމަވެސް މީހުން ވަންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ކުށުގެ ވެއްޓަކަށްވެ އެތަން ބެލެހެއްޓުމުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.