މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވަނިކޮށް ޕީޕީއެމުން ޖަލްސާ ބާއްވަން ކުރާ މަސައްކަތަށް ފުލުހުން ހުރަސް އަޅަމުންދާތީ ގާނޫނީ ގޮތުން އެ މުއައްސަސާ ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލުގެ މޭޔަަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެތަން ތައްޔާރުކުރަން ފެށުމުން މައްސަލަ ވަނީ ގޯސްވެފައެވެ. މައްސަލަ ގޯސްވީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ހުއްދަ ނުހޯދާ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާތީ އެވެ.
ޕީޕީއެމްގެ ޖަލްސާއަށް ދެވަނަ ފޭސްގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދު ތައްޔާރުކުރަން ފެށުމުން އެޗްޑީސީން ވަނީ ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކޮށްފައެވެ. އަދި ފުލުހުންގެ ވަނީ އެ ސަރަހައްދަށް ގޮސް ޖަލްސާގެ ތައްޔާރީތައް ހުއްޓުވާފައެވެ
އެ ސަރަހައްދުގައި އަދިވެސް ވަރަށް ގިނަ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެކަމާއި ގުޅިގެން މޭޔަރު މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ އިހުތިސާފުގެ ތެރޭގައި އޮންނަ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން އެ ކަމަށް ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުން ގެންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަމުގައި ފުލުހުން ގާނޫނީ ގޮތުން ޖަވާބުދާރީކުރުވާނެ ކަމަށެވެ.
އެޗްޑީސީއިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ޕީޕީއެމް އިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށްވެސް ބުންޏެވެ. އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ބަޔަކަަށްވެސް އެ ކޯޕަރޭޝަންގައި ހުއްދައަށް އެދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްޑީސީން ރޭ ވަރަށް ލަސްވި ފަހުން ނެރުނު ބަޔާނަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްދު ދީފައެވެ. އެ ކޯލިޝަނުން ބުނީ ހުޅުމާލޭގައި ޖަލްސާއެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދަންޖެހޭ ހުއްދައެއް ނޯންނާނެ ކަމަށެވެ. އަވަސް އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށާއި އެހެންކަމުން އެތަނުގައި ޖަލްސާއެއް ބާއްވާނަމަ އެޗްޑީސީން ހުއްދަ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.