އިދިކޮޅު ފަރާތްތައް

ޖަލްސާތަކުގައި ބައިވެރިވާން އިދިކޮޅުން ނިންމައިފި

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމައިފި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަށާލައި ހަމަލާދީ މާރާމާރީ ހިންގުމާއި ގުޅިގެން އިދިކޮޅުން ވަނީ ޖަލްސާތައް ބޮއިކޮޓް ކުރަން ފަށާފައެވެ. މިއީ މި ދައުރުގައި އިދިކޮޅު މެންބަރުން ޖަލްސާތައް ބޮއިކޮޓް ކުރަން ފެށި ފުރަތަމަ ފަހަރެވެ.

އިދިކޮޅުން އެންމެ ފުރަތަމަ ޖަލްސާއެއް ބޮއިކޮޓް ކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭއްވި ހުރިހާ ޖަލްސާތައް ވަނީ ބޮއިކޮޓް ކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަލްސާތައް ބޮއިކޮޓްކޮށްފައިވަނީ މެންބަރުންނަށް ރައްކާތެރިކަން ނެތުމުން ކަމަށެވެ. އެ ޔަގީންކަން ދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދުނު ނަމަވެސް އެކަަމަށް ބީރު ކަންފަތެއް ދީފައިވާ ކަމަށްވެސް ބުންޏެވެ.

އަދި ރައްޔިތުންގެ މަޖިލީސް ވަރަށް ހުދުމުތާރުކޮށް، މަޖިލީހުގެ ރައީސް ބޭނުންފުޅުވާހާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި ރައްޔިތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި ރައްޔިތުންގެ ހައްގުގައި އަޑުއުފުލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މެންބަރުންނަށް ރައްކާތެރިކަން ނެތް ނަަމަވެސް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް އަނިޔާކޮށް މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގި މައްސަލަ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ވަނީ ބަލަން ނިންމާފައެވެ.

ޝިޔާމަށް އަނިޔާ ކުރި ކަމަށް ތުހުމަތުކޮށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް އިދިކޮޅު ކޯލިޝަނުން ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. ޕީޖީން މި ކަމުގައި އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މި މައްސަލަ ޝިޔާމް ފުލުހަށް ރިޕޯޓް ކުރެއްވި އެވެ. އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެހެން ވިދާޅުވެފައިވެ އެވެ. އެއާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވާފައިވެ އެވެ.

މި މައްސަލަ މަޖިލީހުގެ ކޮމެޓީއަކުންވެސް ދަނީ ބަލަމުންނެވެ.