ޣައްސާން މައުމޫން

"އަނިޔާގެ ހިތި އެކަން ކުރާ ބަޔަކު ދެކޭނެ"

ހުދުމުހުތާރުކަން އިސްކޮށް ރައްޔިތުންގެ މައްޗަށް އަނިޔާވެރިޔާ މީހުންނަށް އެކަމުގެ ހިތި ފެންނާނެ ދުވަހެއް އަންނާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ އިންތިހާބު އަވަސްކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން 18 މީހަކު ހައްޔަރުކޮށްފައިވާތީ އެ މީހުން ދޫކޮށްލުމަށް ގޮވާލާ ފުލުހުންގެ އިދާރާ ކުރިމައްޗަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. މިއަދުގެ އެއްވުމުގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ހައްޔަރުކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ލީޑާޝިޕާއެކު ފުލުސް ކުރިމަތީ ހުންނަވާ ޣައްސާން ވިދާޅުވީ މިއަދަކީ ގައުމަށް ވަރަށް ލަދުވެތި ދުވަހެއް ކަމަށެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ސުލްހަވެރި އިހުތިޖާޖަކަށް ނިކުތީ ރައްޔިތުންގެ ހައްގުގައި ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ ކަމާގުޅޭ އިދާރާތަކަށް ޕްރެޝަރު ކުރުމަށް ކަމަށެވެ. އެއީ އިދިކޮޅުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާ އެ ޒިންމާ އަދާ ކުރަން ނިކުތުމުން އަނިޔާވެރިކަމާއެކު އެތަށް ބަޔަކު ހައްޔަރުކުރުމަކީ ވަރަށް ބޮޑު އަނިޔާއެއް އަދި ލަދުވެތި އަމަލެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

"މިއަދުގެ ހިތި އަދި ކޮންމެވެސް ދުވަހަކުން އެ ބޭފުޅުންނާއި ބައްދަލުކުރާނެ،" ޣައްސާން ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކޮށްގެން ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ. މިއަދު ވެރިކަން ދަމަހައްޓަމުން ދަނީ ފުލުހުން ނެރެ ގަދަބާރުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިދިކޮޅުގެ ސަފުތައް ހުއްޓުވަން ނިކުތް ނަމަވެސް ފުލުހުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.

"ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބިކަން. އެއްވެސް މޮރާލެއް ނެތި ބަޔަކު އަންގައިގެން ނިކުމެ ތިބި ގޮތަށް ފުލުހުން ތިބީ،" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިންތިހާބު ފަސްކުރަނީ ބޮޑުތަނުން ބަލިވާނެކަން ޔަގީންވާތީ ކަމަަށެވެ. ޝިޔާމް ވިދާޅުވީ އިންތިހާބު ފަސްކުރުމުން އެތަށް ބަޔަކަށް އެކަމުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ކެންޑިޑޭޓުންގެ އެތަށް ހައްގުތަކެއް ގެއްލި، ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގެއް ނެތި އެތަށް ބަޔަކު އެބަތިބި ކަމަށެވެ.

ޝިޔާމް ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާ މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރުން ހުއްޓާ ނުލާނެ ކަމަށެވެ.

"ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރޭ މި ސަރުކާރު ޒިންމާދާރު ކުރެވޭނީ މަގުމަތީން ކަމަށް. އެހެންވީމަ އަޅުގަނޑުމެން މިތިބީ ސީދާ ހަރަކާތަށް ނިކުމެ. އަޅުގަނޑުމެން މުޅި ލީޑާޝިޕް އެއްކޮށް ހިފާ ހައްޔަރުކުރި ނަމަވެސް ދެން މި ހަރަކާތް ނުހުއްޓުވޭނެ އިނގޭތޯ،" ޝިޔާމް ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށައް ގޮސްފައިވާއިރު ރައްޔިތުން ގޭގައި ނުތިބޭނެ ކަމަށެވެ. މިއަދުގެ ހާލަތު ބަދަލު ކުރަން ރައްޔިތުން ނިކުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ސަރުކާރު ވެއްޓުމުގެ ފެށުން މިއީ. އިރާދަކުރެއްވިއްޔާ ރައީސް ސޯލިހުގެ ސަރުކާރު އަޅުގަނޑުމެން ގާނޫނީ އިމުގެ ތެރެއިން ބަލިކުރާނަން،" ސައީދު ވިދާޅުވިއެވެ.