ޑޮލަރުގެ މައްސަލައަށް ހައްލު ގެނެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ ގޮތެއް މަރުކަޒީ ބޭންކް --މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުގެ އިސްވެރިން މިއަދު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ހައްލު އަންނާނެ ގޮތެއް އެނގި ވަޑައިނުގަންނަވާކަން ގަވަރުނަރުގެ ވާހަކައިން ދޭހަވާ ކަމަށެވެ.
"ކުރިއަށް އޮތީ ރައްޔިތުން ކަންބޮޑުވާނެ އަދި ޑޮލަރުގެ އަގުތައްވެސް މައްޗަށް ދާނެ ދުވަސްތަކެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ އިސްވެރިޔާއަށް ގައުމުގެ ހާލަތު ނޭނގޭ ކަމަށެވެ. އަދި އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ އިންޑިޔާއިން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓުވެސް ގަވަރުނަރަށް ނޭނގުން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަހަރުގެ ބާކީ އޮތް ދުވަސްކޮޅަށް ހިފަހައްޓާލެވޭ ވަރަށް ރުފިޔާ އެބަ ހުރި ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށެވެ. އަންނަ އަހަރު ބަޖެޓާ މެދު ހުރި ކަންބޮޑުވުންތައް ގަވަރުނަރު އަލީ ހާޝިމް މަޖިލީހަށް ފޮނުވި ނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
އިންޑިއާއިން އެންމެ ފަހުން ދިން 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގަވަރުނަރަށް އެނގި ވަޑައިނުގަންނަވާ ކަމަށާއި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ކޮބައިކަންވެސް އެނގި ވަޑައިނުގަންނަވާ ކަމަށް އަލީ ހާޝިމް ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން ޒިންމާ އަދާނުކުރެވޭ ކަމަށްވަންޏާ ގައުމުގެ އިގްތިސޯދު ހަލާކުވެގެން ދާއިރު ސެންޓްރަލް ބޭންކުގެ ގަވަރުނަރެއްގެ މަގާމުގައި ނުހުންނަވާ އިސްތިއުފާ ދެއްވުން އެއީއޭ ރައްޔިތުންގެ ހައްގުގައި އަލީ ހާޝިމްއަށް މިވަގުތަށް ކުރެއްވޭނެ އެންމެ ރަނގަޅު ކަމަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.