ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބީއެމްއެލަށް ސަރުކާރުން ޕްރެޝަރުކުރާކަމުގެ ތުހުމަތު

Sep 16, 2020
4

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓު އަދި ކްރެޑިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ލިމިޓުކުރުމާ ގުޅިގެން ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް، ގައުމީ ބޭންކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދަކީ 250 ޑޮލަރެވެ. މިބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އެކަމާ ގުޅުވައިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ބީއެމްއެލަށް ޕްރެޝަރު ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ބޭންކު ސިޔާސީ ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް. މިއީ ވިޔަފާރިވެރިން ކުރާ އިތުބާރު ގެއްލި އެތަކެއް އަހަރެއްގެ ތެރޭގައި ހޯދި ކުރިއެރުން ފަހަތަށް ޖެހޭނެ ކަމެއް،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބޭރުގައި ތިބި ދިވެހީންގެ އިތުރުން ކުދި ވިޔަފާރިތަކަށް ބީއެމްއެލުން ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ޑޮލަރުގެ ދަތިކަމެއް ނާންނާނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ތަކުރާރުކޮށް ދެއްވާފައިވާ ޔަގީންކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ސަރުކާރުން ބީއެމްއެލް ހުސްކުރަމުންދާތީ އިދިކޮޅުން އެ ކަންބޮޑުވުން މީގެ ކުރިން ވެސް ފާޅުކޮށްފައިވާނެ ކަމަށެވެ.

"މި ނާގާބިލު ސަރުކާރުން ރައްޔިތުންނަށް މިފަދަ ތަކުލީފެއް ޖައްސާފައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެމްއޭގެ ގަވަރުނަރު ވީތަނެއް ބަލަން އެބަޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިގެން، ބޭސްފަރުވާއަށް ބޭރަށްދާ މީހުންނާއި ދަރިވަރުންނަށް ލިމިޓު އިތުރު ކުރެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.

އެގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވޭނެ ކަމަށް ބެންކުން ބުނެ އެވެ. އިންޓަނެޓް ބެންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށް ފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ހުށަހެޅޭނެ އެވެ. ލިޔުން ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށް ފަހު ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އިތުރަށް ބުނީ މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ކޮލެޖާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބުން މަދުވެ، ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާ ވަގުތެއްގައި ބީއެމްއެލް އިން ގެނައި މި ބަދަލާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނީ ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއް ފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހީނަރު ކަމަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ ދަތުރު ފަތުރަށް ހުރަސް އެޅުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީއަށް ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމާފައިވާ ކަމަށެވެ.