ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު ސައީދު

އިސްލާހު ކުރުމަށްފަހު ސައީދުގެ ބިލު ހުށައަޅައިފި

"ކޮވިޑް-19 އިގެ އެހީތެރިކަމުގެ ބިލު" ގެ ނަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަައީދު މަޖިލީހަށް ހުށައެޅި ބިލް އިސްލާހު ކުރަން އެންގުމުން އިސްލާހުތަކާއެކު އަލުން ހުށައަޅައިފި އެވެ.

ސައީދު ހުށަހެޅުއްވި އެ ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ވެސް ހިމަނާފައިވާތީ އެ ބިލް އެޖެންޑާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އަދި އެ ބިލުގައި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ޓެކްހާއި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި، ސްޓޫޑަންޓް ލޯނާއި ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާ ގުޅޭ ގޮތުން ވެސް ބައެއް ކަންކަން ހިމަނާފައި ވާތީ އެ ކަންކަން ބަދަލު ކުރުމަށް ފަހު އަލުން އެ ބިލު ހުށަހަޅަން ރައީސް ނަޝީދު ވަނީ އަންގަވައިފަ އެވެ.

އޭގެ ފަހުން ސައީދު ވަނީ ބިލް އިސްލާހު ކުރުމަށް ފަހު މަޖިލީހަށް މިއަދު ފޮނުވާފަ އެވެ. އަދި އެކަން މަޖިލީހުގެ ރައީސަށް ސިޓީއަކުން ވަނީ ދަންނަވާފަ އެވެ.

އެ ސިޓީގައި ދަނޑުވެރި ބިންތަކުގެ ކުލި މާފު ކޮށްދޭން ކުރިން ހުށައަޅާފައިވާ ހުށައެޅުމުގެ ބަދަލުގައި ކުލި ފަސްކޮށް ދިނުމަށް ހިމަނާފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި އިތުރު ތިން މާއްދާއެއް އިސްލާހު ކޮށް ބިލަށް އާ މާއްދާއެއް އިތުރު ކޮށްފައި ވެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ މަޖިލީހުގެ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.

ސައީދު ހުށަހެޅުއްވި އެ ބިލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރު ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ އެޕާޓްމަންޓް ނުވަތަ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ނަމަވެސް ވެލާނާ އެއާޕޯޓުގެ ދަތުރުފަތުރުތައް އަލުން ފެށޭއިރު ދިރިއުޅެން ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 10 މަހަށްވުރެ ކުޑަ ނަމަ ކުލީގެ ބާކީ މުއްދަތުގައި ނުދެއްކިވާ ކުލީގެ 50 ޕަސެންޓް ފައިސާ ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ބިލުގައި ވެއެވެ.