ޕީޕީއެމް

އާމްދަނީ ހޯދާކަށް ސައުކާރަކަށް ނޭނގޭ: އަދުރޭ

ފައިސާ ޗާޕްކުރަނީ އާމްދަނީ ހޯދާނެ ގޮތްތައް މި ސަރުކާރަށް ނޭނގޭތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް / ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެ ޕާޓީގެ ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފައިސާ ޗާޕްކުރުމުގެ ސަބަބުން ގައުމަށް ދެން ވާނެ ގޮތް މިސަރުކާރަށް ނޭނގޭ ކަމަށެވެ. ސަރުކާރަށް އާމްދަނީ ހޯދާނެ ގޮތްތައް ނޭނގޭއިރު، ފައިސާ ޗާޕްކުރުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓާއި އިންފްލޭޝަން އިންތިހާއަށް މަތިވެގެންދާނެތީ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިދިޔަ އަހަރުވެސް ފައިސާ ޗާޕްކުރުމަށް ހުއްދަދިނީ މަޖިލިސް ނޯންނަ ދުވަސްތަކުގައި މަޖިލިސް ބާއްވައިގެން ކަމަށާއި މިއަހަރު ވެސް އަމަލުކުރީ އެގޮތަށް ކަމަށެވެ. ފައިސާ ޗާޕްކުރަން ހުއްދަ ދިނީމާ ފައިސާ އަށް ހަދާ ގޮތެއް ނޭނގޭ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިދިޔަ އަހަރު ވެސް ފައިސާ ޗާޕްކުރިއިރު އޭޕްރީލް މަހުގެ މުސާރަ ނުދެވޭ ހާލަތަށް ގޮސްފަ އޮތީ. ހަމަ އެގޮތަށް މިއަދު އެ މަސައްކަތް ނުނިމިއްޖެ ނަމަ މިމަހުވެސް އެފަދަ ހާލެއްގައި އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލާމާތު ލިބެނީ،" ޝިޔާމް ވިދާޅުވި އެވެ.

މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފައިސާ ޗާޕް ކުރުމުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ހާއްސަ ކޮމިޓީން އެކުލަވާލި ރިޕޯޓު ތަޅުމަށް އައި އިރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވެ ގަވަރުނަރު ކަންބޮޑުވުން ފާޅުކުރެއްވި ގޮތަށް އެ ވާހަކަތައް ރިޕޯޓްގައި ހިމަނާފައި ނުވާ ކަން ސައީދު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައިގެން ވެސް ސައީދު ވަނީ އެ މައްސަލަ ތަކުރާރުކޮށް ފާހަަގަކުރައްވާފަ އެވެ.

ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އެކްސްޗޭންޖް ރޭޓުގެ އަގުތައް ވެސް ވުރެ ތިނެއް ނުވަތަ ހަތަރު ރުފިޔާ މައްޗަށް ގޮސްފައިވާ ކަން ފާހަގަކުރެއްވި އެވެ. ކޮންމެ ކަމެއް ކޮވިޑް 19އާ ގުޅުވި ނަމަވެސް ކޮވިޑް އައުމުގެ ކުރިންވެސް އިގްތިސޯދީ ނަންބަރުތައް ހުރީ އެގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފައި ވަނީ 47 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހިގެ ހާއްސަ ކޮމިޓީއަކުން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުން ނިންމީ ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވާޑްރޯގެ މުއްދަތު އެއް އަހަރު ދުވަހަަށް އިތުރު ކޮށްދޭށެވެ. އެ ހުއްދަ ދީފައިވަނީ އޯވާ ޑްރޯގެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުކުރެވޭ ގޮތަށެވެ.