ޕީޕީއެމް

ޗާގޯސް މައްސަލަ: ޕީޕީއެމްއިން ނަޝީދާ ބައްދަލުކޮށްފި

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު މައްސަލައިގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ބައިވެރިވެވަޑައިގެންނެވި އެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލަ" އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ރާއްޖެއަށް ކާމިޔާބުވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާއިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ އަދި ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ސަރަހައްދެއް އިޓްލޮސްގެ ނިންމުމުގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ.