އިދިކޮޅު ފަރާތްތައް

"ޖަލްސާތައް ބޮއިކޮޓް ކުރަނީ ފުރާނައަށް ގެއްލުމެއް ދީފާނެތީ"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން އިދިކޮޅު މެންބަރުން ހުއްޓާލީ މެންބަރުންގެ ފުރާނައަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އޮތުމުން ކަމަށް އިދިކޮޅުން ބުނެފި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަށާލައި ހަމަލާދީ މާރާމާރީ ހިންގުމާއި ގުޅިގެން އިދިކޮޅުން ވަނީ ޖަލްސާތައް ބޮއިކޮޓް ކުރަން ފަށާފައެވެ. މިއީ މި ދައުރުގައި އިދިކޮޅު މެންބަރުން ޖަލްސާތައް ބޮއިކޮޓް ކުރަން ފެށި ފުރަތަމަ ފަހަރެވެ.

އިދިކޮޅުން އެންމެ ފުރަތަމަ ޖަލްސާއެއް ބޮއިކޮޓް ކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭއްވި ހުރިހާ ޖަލްސާތައް ވަނީ ބޮއިކޮޓް ކޮށްފައެވެ.

ޖަލްސާތައް ބޮއިކޮޓް ކުރާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިދިިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރާ ސަބަބު ވަރަށް ސާފު ކަމަށެވެ. މެންބަރު އަހުމަދު ޝިޔާމަށް ކުރި އަނިޔާއަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ވަގުތުން ބަލަމުންދިޔަ ޖަލްސާއެއްގައި ރައީސް ނަޝީދު އަންގަވައިގެން އެމްޑީޕީގެ މެންބަރުން ޝިޔާމަށް ކުރި އަނިޔާއިން އެ ދިނީ ވަރުގަދަ އިންޒާރެއް ކަމަށާ އެހެން ކަމުން އިދިކޮޅު މެންބަރުންނަށް މަޖިލިސް އެއީ ރައްކާތެެރި ތަނެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅުގެ މެންބަރުންގެ ފުރާނައަށް ގެއްލުންދޭންވެސް ބައެއް މެންބަރުން ފަސްނުޖެހޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހަކީ އެ މެންބަރުންނަށް ރައްކާތެރި ތަނަކަށް ވަންދެން ޖަލްސާތައް ބޮއިކޮޓް ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މަޖިލިސް ބޮއިކޮޓް ކޮށްފައިވަނީ އަޅުގަނޑުމެންގެ މެންބަރުން އެތަނަށް [ރައްޔިތުންގެ މަޖިލީސްކުރާ ގެ] ވަދެފައި، ފުރާނައާއެކު އެތަނުން ނިކުމެވޭނެ ކަމުގެ ޔަގީންކަން ނެތީމަ. އެކަން ކެނެރީގޭ މުހައްމަދު ނަޝީދު އެ އޮތީ ދައްކާފައި. އަދިވެސް އެކަން ނުކުރާނެ ކަމުގެ ޔަގީންކަމެއް އަޅުގަނޑުމެންނަކަށް ނުދެއްކޭ. އެހެންވީމަ އަޅުގަނޑުމެން މަޖިލިސް ބޮއިކޮޓް ކޮށްގެން މި އުޅެނީ. އަޅުގަނޑުމެންގެ މި ތިބަ ނުވަ މެންބަރުން އެތަނަށް ވަދެގެން އުޅެނިކޮށް ފުރާނައާއި މަސްގަނޑު ދެތަން ކޮށްލައިފިއްޏާ ކީއްތޯ ކުރާނީ. އަޅުގަނޑުމެންނަށް އެއްވެސް ޔަގީންކަމެއް ނެތް، ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިނދެގެން އެމްޑީޕީގެ މެންބަރުން ލައްވާ އަޅުގަނޑުމެންގެ މެންބަރުން މަރާލަންވެސް ފަސްޖެހޭނެ ކަމެއް." އަބްދުއްރަހީމް ވިދާޅުވިއެވެ.