އިދިކޮޅު ފަރާތްތައް

ޕީޖީގެ އިތުބާރު މައްސަލަ މަޖިލީހަށް، ވޯޓްދޭން ތައްޔާރުވޭ: އިދިކޮޅު

ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިިލީހަށް ހުށައަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް ވަނީ އަންގާފައެވެ. އެކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕީޖީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށެވެ. ވެންޓިލޭޓަރަށް ފައިސާ ދައްކާފައިވާއިރު ފައިސާވެސް އަދި ވެންޓިލޭޓަރުވެސް ލިބިފައިނުވާ ކަމަަށް ވިދާޅުވިއެވެ. ނަޝީދު ވަނީ ޕީޖީ ޝަމީމް އާއި އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ފެނިވަޑައިގަންނަވާ ކަމަަށް ވިދާޅުވިއެވެ.

"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެއީ އިހުލާސްތެރިކަމާއެކު ވިދާޅުވާ ވާހަކަފުޅެއްނަމަ އެއްވެސް ޕާޓީއެއްގެ އެހީތެރިކަން ނުލިބުނަސް ޝަމީމް މަގާމުން ދުރުކުރެވޭނެ ބާރު އެމްޑީޕީގައި އެބައޮތް ކަމަަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޝަމީމްގެ އިތުބާރު ނެތް މައްސަލަ ހުށައަޅަން އެމްޑީޕީން ފަސް ޖެހޭނަމަ އިދިކޮޅު ޕާޓީތަކުން އެކަން ކުރާނެ ކަމަށާ ވޯޓް ދެއްވަން ތައްޔާރަށް ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް އަޅުގަނޑުމެން ވައްދަފާނަން. ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށްވަންޏާ ވޯޓް ދޭން ތައްޔާރަށް ތިއްބަވާ. ޕީޖިގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް-ޕީއެންސީން އިރާދަކުރެއްވިއްޔާ މަޖިލީހުގެ ތަޅުމަށް އަޅުގަނޑުމެން ވައްދާނަން. އޭރުން އިނގޭނެ މި ދައްކާ ވާހަކައިގެ ދެކޮޅު ދިމާވަނީ ކިހާވަރަކަށްކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޝަމީމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާ މާދަމާ އެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.