ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިތުބާރު ނެތްކަން ކަނޑައެޅުމުގެ ހިތްވަރެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނުހުންނާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް ވަނީ އަންގާފައެވެ. އެކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕީޖީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.
ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށެވެ. ވެންޓިލޭޓަރަށް ފައިސާ ދައްކާފައިވާއިރު ފައިސާވެސް އަދި ވެންޓިލޭޓަރުވެސް ލިބިފައިނުވާ ކަމަަށް ވިދާޅުވިއެވެ. ނަޝީދު ވަނީ ޕީޖީ ޝަމީމް އާއި އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ފެނިވަޑައިގަންނަވާ ކަމަަށް ވިދާޅުވިއެވެ.
"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަކީ އިންތިހާބު ގާތްވުމުން އަރުވާ ސައިބޯނި ބޮކިތަކެއް ކަމަށެވެ. އަދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އިތުބާރު ނެތްކަން ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގައި ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އިންތިހާބު ގާތްވުން ސައިބޯނި ބޮކި އެރުވިޔަސް، ޕީޖީގެ އިތުބާރު ނެތްކަން ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގެ ނުހުންނާނެ،" ސައީދު ވިދާޅުވިއެވެ.