ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަަށާ އޭނާ މަގާމުން އިސްތިއުފާދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ފާޑުވިދާޅުވުމުން ޕީޖީ ޝަމީމަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ދޫކޮށްލެވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށެވެ. ވެންޓިލޭޓަރަށް ފައިސާ ދައްކާފައިވާއިރު ފައިސާވެސް އަދި ވެންޓިލޭޓަރުވެސް ލިބިފައިނުވާ ކަމަަށް ވިދާޅުވިއެވެ.
"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު ސައީދު ވިދާޅުވީ ރައީސް ނަޝީދު މުޅީންވެސް ޖައްސަވަނީ "ސްޓަންޓް" ކަމަށެވެ. އަދި މިހާރު ޖައްސަވާ "ސްޓަންޓް" ތަކުން ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށާ އެހެން ހީވާނަމަ އެއީ ކުށްހީއެއް ކަމަަށެވެ. އަދި ވިދާޅުވީ އިސްތިއުފާ ދޭންވީ ޝަމީމް އެކަނި ނޫން ކަމަަށާ މުޅި ޓީމުގައި އެކުގައި އިސްތިއުފާދޭން ޖެހޭ ކަމަށެވެ.
"ތިޔަ ޖައްސަވާ 'ސްޓަންޓް' އާއެކު ރައްޔިތުންނަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްވާ. އިސްތިއުފާ ދޭންވީ މުޅި ޓީމު އެއްކޮށް،" ސައީދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިމެނުނު މައްސަލާގައި 11 ފަރާތަކަށް ދައުވާ ކުރަން ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ނިންމީ ދައުވާ ނުކުރާށެވެ. އަދި އެ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް މިހާރު ވަނީ އަންގާފައެވެ.
ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މައުލޫމާތުތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.
ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި އޭސީސީންވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލަ ނިންމާފައިވެއެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ގާބިލް ކަމާމެދު ސުވާލު އުފެދިފައިވާ އޭސީސީންވެސް ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި މައްސަލައެއް އޮތް ކަމަށް ނިންމާ ދައުވާކުރަން ފޮނުވީ ސިޔާސީ ބޭފުޅުން އެކަން ފެންމަތިކޮށް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަހުންނެވެ.