އިންސާފަކީ ހަމައެކަނި އެމްޑީޕީގެ ފިކުރަށް ލިބޭ އެއްޗަކަށްވެފައިވާ ކަމަށް ވިދާޅުވެ އިންސާފު ގާއިމުވެއްޖެނަމަ ސަރުކާރުގެ މަތިފަޑި އެއްކޮށް ފުޑޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް މެދުވެރިކޮށް މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކު ޖަމީލެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފަކީ ހަމައެކަނި އެމްޑީޕީގެ ފިކުރަށް ލިބޭ އެއްޗަކަށް ވެއްޖެ ކަމަށެވެ. ގައުމުގެ ވެރިކަން ކުރެއްވި ބޭފުޅަކަސް، ފުލުހަކަސް އަދި ސިފައިންގެ މީހަކަށްވިޔަސް ސަލާމަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިނގަމުންދާ ޝަރީއަތުގައި އެމަނިކުފާނުގެ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ކޯޓްގައި އެދުނު އެދުމާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް، ޝަރަފްވެރިކަމާއެކު މަގާމުން ވަކިވެވަޑައިގެންނެވި މައްސަލަ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ހުށައެޅުއްވުމާއި މާލެ ސިޓީގެ މޭޔަރު އަދި މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ ބޮޑުދައިތަ ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލެއްވި މައްސަލައަށް އިޝާރާތް ކުރައްވައެވެ. އަދި ބޮޑު ހިޔާނާތާއި ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ހުންނެވި ހުންނެވުމާމެދު ކުރެވޭ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދެކޮޅު ހަދަމުންދާ މައްސަލައާ ގުޅުވައެވެ.
ޖަމީލް ވިދާޅުވީ ހިޔާނާތްތެރިންނަށް ސަލާމަތް ލިބެނީ ސަރުކާރުގެ ފިކުރުން ކަމަށެވެ. އަދި ވިދާޅުވީ އިންސާފު ގާއިމުވެއްޖެ ނަމަ ސަރުކާރުގެ މަތިފަޑި އެއްކޮށް ފުޑޭނެ ކަމަށެވެ.