ހަބަރު

އަދީބުގެ ފޯނުގައި ހުރި ހިޔާނާތާ ގުޅޭ މެސެޖުތައް އާއްމުކުރާނެ ކަމުގެ އިންޒާރު

Oct 13, 2020
6

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފޯނުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މެސެޖުތައް އާއްމު ކުރައްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ނަޝީދު ވެސް ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ފަދަ ބޮޑެތި މައްސަލަތައް ކުރިއަށް ނުދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުން ވަރަށް ސާފުކޮށް އެނގެންއޮތް އިރު، ދައުވާ ނުކުރެވި ލަސްވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށްވެސް އެއްވެސް މިންވަރަކަށް ވިސްނައިގަންނަންވެސް ނޭނގިގެން މިއުޅެނީ، އޮޅިފައި މިހުރީ އެމްއެމްޕީއާރުސީގެ މައްސަލަ ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ފުލުހުން ވެސް ޕްރޮސެކިޔުޓާ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް އެއީ ވަރަށް އަޅުގަނޑު ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ހިޔާނާތް ހިންގުމުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފޯނުން ފޮނުވާފައިވާ 70،000 އަށް ވުރެ ގިނަ މެސެޖު ސީދާ އެމަނިކުފާނު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އޭސީސީއަށާއި މަޖިލީހަށް އަޅުގަނޑު އެރުވިން 70،000 ޓެކްސްޓް. ފޯނުގެ ޓެކްސްޓް، އެސްއެމްއެސް. އެއީ ކުރީގެ ނައިބް ރައީސްގެ ފޯނާއި ކުރީގެ ނައިބް ރައީސް ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް. އަދި ހަމައެހެންމެ އެއާއިކީ ނައިބް ރައީސް އަމިއްލަފުޅަށް އެބޭފުޅާ އިޢުތިރާފްވެ ވަޑައިގެންނެވި އިރުގައި އެތައްއެތައް ވާހަތަކެއް ކިޔައި ދެއްވައިފި. އަޅުގަނޑު މިމެސެޖްތައް އާންމު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ފަރާތުން ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ސިފަކޮށްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ފާޑުކިއުމެއް މިއަދުވެސް އަމާޒުވީ އޭސީސީ އަށެވެ.