ހަބަރު

ބޮޑު ހިޔާނާތުގެ ތަހުގީގަށް ބޭރުގެ މާހިރުން ގެންނަން ގޮވާލައިފި

Oct 13, 2020
1

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި މުޅި ދައުލަތް ބައިވެރިވެފައިވާ ކަމަށާއި، އެކަން ރަނގަޅަށް ތަހުގީގުކޮށް، ދައުލަތަށް އެ ފައިސާ އަނބުރާ ހޯދޭނީ އެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރި ކޮށްގެން ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އީސަ ވިދާޅުވީ ދައުލަތުގެ ބާރުގަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިބޭ މީހުން ޒަމާނުއްސުރެ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ނުހައްގުން މުއްސަނދިކަން ހޯދާ ކަމަށެވެ. އެފަދަ މީހުންގެ މައްޗަށް ޝަރީއަތެއް ވެސް ތަހުގީގެއްވެސް ނުހިންގޭ ކަމަށާއި، ދައުލަތުން ފޭރުނު މުދަލެއް ވެސް އަނބުރާ ނުހޯދޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިޝާރާތް ކުރައްވަމުން އީސަ ވިދާޅުވީ އެ ވައްކަމަކީ މާ "މޮޅަށް" ކުރި ވައްކަމެއް ނޫން ކަމަށާއި، އެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން ތިބެ މުޅި ދައުލަތް ބަހާލީ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި، މިނިވަން މުއައްސަސާތަކާއި ބޭންކުތަކާއި ވިޔަފާރިތައް ހިމެނޭއިރު، އެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އީސަ ވިދާޅުވީ މި ތަހުގީގު ކުރިއަށް ގެންދެވޭނީ ސަންސެޓް ގާނޫނެއްގެ ދަށުން އެކަމުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރި ކޮށްގެން ކަމަށެވެ.

"މި ތަހުގީގު ހިންގާނެ ގޮތެއް މި ފައިސާ ހޯދާނެ ގޮތެއް މިގޮތަށް މިކަން ބާއްވައިގެން. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެންނަށް މިކަމުގައި ކިރިޔާ ވެސް ކުރިއެރުމެއް ލިބޭނީ އަޅުގަނޑުމެން ސަންސެޓު ގާނޫނެއް މި މަޖިލީހުން ހަދައި، އެ ގާނޫނުގެ ދަށުން ވަކި ހާއްސަ ތަހުގީގީ އިދާރާއެއް އުފައްދައި، އެ އިދާރާގައި ބޭރުގެ ތަޖުރިބާކާރުންނަށް މަސައްކަތްކުރެވޭނެ ގޮތް ހަދައިގެން ނޫނީ އެކަން ކުރެވޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ތަހުގީގު ކުރާ ފަރާތްތަކަށްވުރެ ފުރިހަމަ މައުލޫމާތުތައް "ކެފޭ" ތަކުން ލިބެންހުންނައިރު، އެ ތަހުގީގު ކުރަން ތިބި މީހުންގެ ތެރެއިން 70 ޕަސެންޓް މި ހިޔާނާތުގައި ބައިވެރިވާ ކަމަށް އީސަ ތުހުމަތު ކުރެއްވި އެވެ.

"ތަހުގީގު ކުރަން އެތާ އިންނަ މީހާ ހިމާޔަތް ކުރަންޖެހޭ ހަތަރު ފަސް މީހުން މި ލިސްޓުގައި ހިމެނޭ. ސިޔާސީ ޕާޓީތަކުން ހިމާޔަތްކުރަންޖެހޭ މީހުން އެބަތިބި. ސަރުކާރުން މި ރައްޔިތުންގެ މަޖިލީހުން ހިމާޔަތްކުރަންޖެހޭ މީހުން އެބަތިބި. ދެން ކިހިނެތް މި މަޖިލީހުން އައްޔަނުކުރާ ބަޔަކު ނޫނީ ސަރުކާރުން އައްޔަނުކުރާ ތަހުގީގީ އިދާރާއަކުން މި ތަހުގީގު ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ފަރާތުން ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ސިފަކޮށްފަ އެވެ

އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމުކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާކަމަށްވެސް ހިޔާނާތްތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނި ނަމަވެސް، އެއީ ކޮން ބައެއް ކަމެއް މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.