ހަބަރު

"ތަހުގީގު ފުރިހަމަނުކޮށް ދައުވާ ކުރަން ފޮނުވުމަކީ ކުށުން ބަރީއަކުރުން"

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ތަހުގީގު ކުރުން ލަސްނުވާ ކަމަށާއި، ތަހުގީގު ފުރިހަމަނުކޮށް ދައުވާ ކުރަން ފޮނުވުމަކީ އެ ފަރާތްތައް ކުށުން ބަރީއަކުރުން ކަމަށް ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ރިޔާސީ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މައްސަލަތައް ސާބިތުކުރެވޭވަރަށް ހެކި ހޯދަން ކުރާ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކޮށް، ގޯތި ގަތުން ފަދަ ހަރު މުދަލަށް ބަދަލުކޮށްފައިވާއިރު އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ.

"ބައެއް ފަހަރަށް އެބަހުރި ގޯއްޗެއް ގަނެފައި ރަޖިސްޓްރީ ބަދަލުނުކޮށް ވެސް ބާއްވާފައި. ނޫނީ ގަތުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ކުއްޔަށް ވެސް ނަގާފައި،" އަސްއަދު ވިދާޅުވި އެވެ.

މިގޮތުން، ނަގުދު ފައިސާ ދައުރުކުރެވޭ މިންވަރުގެ ލިމިޓެއް ނެތުމާއި، ގޯތި ގެދޮރުގެ އެކަށީގެންވާ ދަފްތަރެއް ނެތުމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ސާފުކޮށް އެނގޭނެ ނެޝަނަލް ރެޖިސްޓްރީއެއް ނެތުން ފަދަ ކަންކަން އަސްއަދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގުޅިގެން ހިންގާ ތަހުގީގަށް އިތުރު ބޭފުޅުން ލެވިގެން މިހާރު ވަރަށް ބާރު މިނުގައި ތަހުގީގު ކުރެވެމުންދާ ކަމަށާއި، ތަހުގީގު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބަލައިނަމަ، ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ފުރިހަމަ ނުވާ ތަހުގީގެއް ފޮނުވުމުން، ޕީޖީން އަނެއްކާ އަޅުގަނޑުމެންނާ ދިމާލަށް އަނބުރާ ފޮނުވާލާނެ. އެހެންވާކަށް ވެސް ބޭނުމެއް ނޫން،" އަސްއަދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތައް ތަރުތީބު ކުރެވިގެން، ހާއްސަ އިސްކަމެއް ދީގެން 20 މައްސަލައެއް މިހާރު ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަ ޔުނިޓެއް އުފެއްދި އެ އޮފީހުގެ ހަ ވަކީލަކު މިހާރުވެސް ހާއްސަ ކުރެވިފައިވާ ކަމަށެވެ.

އަދި ތަހުގީގީ އިދާރާތަކުން މައްސަލަތައް ލިބުމާއެކު، ތިން ނުވަތަ ހަތަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން ކޯޓަށް ފޮނުވޭނެކަމުގެ ޔަގީންކަން ޝަމީމް މިއަދު ވަނީ ދެއްވައިފަ އެވެ.