ހަބަރު

ދާދި އަވަހަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު މައްސަލަތަކެއް ކޯޓަށް ފޮނުވޭނެ

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން، ދާދި އަވަހަށް އުއްމީދުކުރާ ވަރުގެ ބޮޑެތި މައްސަލަތަކެއް ދައުވާކޮށް ކޯޓަށް ފޮނުވޭނެކަމަށް ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ރިޔާސީ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހިޔާނާތްބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ގިނަ މުއައްސާސަތަކެއް ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި އެންމެ ފުރަތަމަ ކަމަކަށް ބަލާފައިވަނީ ޖުމްލަ ގޮތެއްގައި ހިޔާނާތް ހިންގާފައިވާގޮތް ކަމަށެވެ.

މިގޮތުން އަސްއަދު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ދައުލަތުން ވަގަށްނެގި ކަމަށް ބުނާ 77 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން، ގާނޫނާ ހިލާފަށް ދޫކޮށްފައިވާ 37 ރަށަކާއި 12 ފަޅަކީ މިހާރުވެސް ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކޮށް، ގޯތި ގަތުން ފަދަ ހަރު މުދަލަށް ބަދަލުކޮށްފައިވާއިރު، އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ.

މިގޮތުން، ނަގުދު ފައިސާ ދައުރުކުރެވޭ މިންވަރުގެ ލިމިޓެއް ނެތުމާއި، ގޯތި ގެދޮރުގެ އެކަށީގެންވާ ދަފްތަރެއް ނެތުމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ސާފުކޮށް އެނގޭނެ ނެޝަނަލް ރެޖިސްޓްރީއެއް ނެތުން ފަދަ ކަންކަން އަސްއަދު ފާހަގަކުރެއްވި އެވެ.

މިދިއަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑު ހިޔާނާތާ ގުޅޭ އިތުރު ފަސް މައްސަލައެއް ދައުވާ ކުރަން ފޮނުވަން އުޅޭކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި އަސްއަދު ވިދާޅުވީ އޭގެ ތެރެއިން އެއް މައްސަލަ ތަހުގީގު ކުރަމުންދިއަ އިރު، އެއަށްވުރެ މާ ސީރިއަސް މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

"ފަސް ކޭސްގެ ވާހަކަ ދަންނަވާ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދިފަހުން އެތަނުގެ މެއިލް ސާވާ އަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑިރެކްޝަން ބަދަލު ކުރަން އެބަޖެހޭ. އަޅުގަނޑުމެން ދައުވާކުރަން ގަސްދުކުރި މީހާއަށް ދައުވާ ކުރެވޭނެ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކީމެކޭ އޭގެ ތެރެއިން،" ދައުވާކުރަން ފޮނުވުން ތަރުތީބު ކުރުމަށް ދިމާވާ ދަތިތައް ފާހަގަކުރައްވަމުން އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިގެން ހިންގާ ތަހުގީގަށް އިތުރު ބޭފުޅުން ލެވިގެން މިހާރު ވަރަށް ބާރު މިނުގައި ތަހުގީގު ކުރެވެމުންދާ ކަމަށާއި، ތަހުގީގު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބަލައިނަމަ، ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެކަމަކު ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" ސީދާ ތާރީހެއް ނުދެއްވައި އަސްއަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތަހުގީގު ފުރިހަމަނުކޮށް ދައުވާ ކުރުމަކީ ކުށުން އެމީހަކު ބަރީއަކުރުންކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަތައް ތަރުތީބު ކުރެވިގެން، ހާއްސަ އިސްކަމެއް ދީގެން 20 މައްސަލައެއް މިހާރު ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަ ޔުނިޓެއް އުފެއްދި އެ އޮފީހުގެ ހަ ވަކީލަކު މިހާރުވެސް ހާއްސަ ކުރެވިފައިވާ ކަމަށެވެ.

އަދި ތަހުގީގީ އިދާރާތަކުން މައްސަލަތައް ލިބުމާއެކު، ތިން ނުވަތަ ހަތަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން ކޯޓަށް ފޮނުވޭނެކަމުގެ ޔަގީންކަން ޝަމީމް މިއަދު ވަނީ ދެއްވައިފަ އެވެ.