އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން 5 ފަރާތަކަށް ދައުވާކޮށް 43 ދައުވާ ސާބިތުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށައެޅިފަ. އޭގެ ތެރެއިން ފަސް ފަރާތަކަށް ކުރެވުނު ޖުމްލަ 43 ދައުވާއެއް ކޯޓުގައި ވަނީ ސާބިތުވެފަ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ކޯޓުގައި މިވަގުތު ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވެފަ އެވެ. އަދި ހިޔާނާތާ ގުޅޭ އިތުރު 53 މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އޭސީސީން މިވަގުތު ތަހުގީގު ކުރަމުން ގެންދާ 53 މައްސަލައިގެ ތެރެއިން އަށް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޭސީސީއާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ގުޅިގެން ކުރިއަށްދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ހިންގި އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ރިޕޯޓް އެމަނިކުފާނަށް ލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެ ރިޕޯޓުގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން މިއަންނަނީ ކުރަމުން. އެ މައްސަލައިގައި ދައުވާ ލިބޭ ތިން ފަރާތެއް ހައްޔަރުކޮށް ކޯޓު މަރުހަލާ މިހާރު ވަނީ ފެށިފައި،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ކުރަމުންދާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.