ހަބަރު

ބޮޑު ހިޔާނާތުގެ ދައުވާތައް ލަސްވާތީ މަޖިލީހުގެ ނުރުހުން

Oct 13, 2020

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަނީ ކުދި ކުދި މައްސަލަތައް ކަމަށާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ފަދަ ބޮޑެތި މައްސަލަތައް ކުރިއަށް ނުގެންދެވޭކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިއަދު އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ފަރާތުން ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން ވަނީ ސިފަކޮށްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ފާޑުކިއުމެއް މިއަދުވެސް އަމާޒުވީ އޭސީސީ އަށެވެ.

މި ގޮތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އޭސީސީއަށް ތަހުގީގުތައް ފުރިހަމަ ނުކުރެވިގެން އުޅެނީ ގާނޫނުލްއުގޫބާތުގައި ވަކި ކުށެއް ނުހިމެނިގެން ނޫން ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ހިޔާނާތުގެ ތުހުމަތުގައި ނުހައްގުން ތަހުގީގު ހިންގައި، އޭނާގެ ނަން ކިލަނބުކުރަން އޭސީސީން މަސައްކަތް ކުރާކަމަށް އިމްތިޔާޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލު. ހަމަ ނާގާބިލު. ހިތާމައާއެކު މިދަންނަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިންތިގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުން ވަރަށް ސާފުކޮށް އެނގެންއޮތް އިރު، ދައުވާ ނުކުރެވި ލަސްވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށްވެސް އެއްވެސް މިންވަރަކަށް ވިސްނައިގަންނަންވެސް ނޭނގިގެން މިއުޅެނީ، އޮޅިފައި މިހުރީ އެމްއެމްޕީއާރުސީގެ މައްސަލަ ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ފުލުހުން ވެސް ޕްރޮސެކިޔުޓާ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް އެއީ ވަރަށް އަޅުގަނޑު ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ހިޔާނާތް ހިންގުމުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފޯނުން ފޮނުވާފައިވާ 70،000 އަށް ވުރެ ގިނަ މެސެޖު ސީދާ އެމަނިކުފާނު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

އެ މެސެޖުތަކުންވެސް ހިޔާނާތުގެ ބައިވެރިން އެނގެން އޮތްއިރު، އަދީބުގެ އިއުތިރާފުގައިވެސް އެކަމާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާފައިވާކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"ތަހުގީގީ މާހިރަކަށްވެސް ވާކަށް ނުޖެހޭ. ގާނޫނީ މާހިރަކަށްވެސް ވާކަށް ނުޖެހޭ. ލޯ ހުޅުވާފައި ލޯ މަރާލީމާހާ ސާފުކޮށް އޮތް ކަމެއް އަޅުގަނޑުވެސް ކަންބޮޑުވޭ ވަކި ކޮޅެއްގައި ނުޖެހި އޮންނާތީ،" ނަޝީދު ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވީ ވެރިކަމާއި، މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފައިވީ ނަމަވެސް، ބޮޑު ހިޔާނާތުގައި ރައްޔިތުންނަށް އިންސާފު ހޯދައި ނުދެވިގެން އުޅޭ ކަމަށެވެ.

"ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދައްކަން އަޅުގަނޑު މިހާރު ލަދުގަނޭ. ލަދުގަންނަނީ އަޅުގަނޑުމެންނަށް މިކަން ނުވެގެން އުޅޭތީ،" އީވާ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ އެމްޑީޕީ މެންބަރުން ތުހުމަތު ކުރި ގޮތުގައި، އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވަނީ ތަހުގީގު ހިންގަންތިބި މީހުންގެ ބައިވެރިވުން އެކަމުގައި އޮތީމައި ކަމަށެވެ.

އެގޮތުން، ސަންސެޓް ގާނޫނެއް ފާސްކޮށްގެން އެ ހިޔާނާތުގެ ތަހުގީގުގައި ބޭރުގެ މާހިރުން ބައިވެރިކޮށްގެން މެނުވީ، އެ ތަހުގީގު އިތުރަށް ކުރިއަސް ނުގެންދެވޭނެކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މިއަދު ގޮވާލެއްވި އެވެ.

އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއްކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމުކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާކަމަށްވެސް ހިޔާނާތްތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނި ނަމަވެސް، އެއީ ކޮން ބައެއް ކަމެއް މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.