ރައީސް މުހައްމަދު ނަޝީދު

ބޭރު އޮޑިޓަރުން ނުހޯދާނަމަ ހިޔާނާތުގެ ތަހުގީގު ފޭލްވާނެ

Feb 24, 2022
1

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބޭރުގެ ފޮރެންސިކް އޮޑިޓަރުން ބައިވެރިނުކޮށް ތަހުގީގުތައް ހިންގާނަމަ ދައުލަތް ފެއިލްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެމްއެމްޕީއާރްސީގެ މައްސަލައިގައި މިއަދު ޓްވީޓެއް ކުރައްވާ، ވާހަކަދެއްކެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރުންނަށް ކޮންޓްރެކްޓް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ދެންވެސް މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ފަހުން ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާންގަ އެވެ. އެ ދުވަހު ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތަކީ، އެމަނިކުފާނު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ. އެކޮމިޝަންގެ މެންޑޭޓްގައިވާ ތަހުގީގުތައް އެންމެ ބޮޑަށް ސީދާކުރެވުނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ކަމަށާއި މިހާތަނަށް އެ ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް، ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީ އަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ، އަދި އުއްމީދު ކުރަނީ، މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން، އޭސީސީގެ މެންބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައިދެއްވާނެ ކަމަށް. އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވައިލެވޭ އޭސީސީ އިން،" ރިޔާސީ ކޮމިޝަނުން ބަލަމުން ދިޔަ އެމްއެމްޕީއާރްސީގެ މައްސަލަތައް އޭސީސީއާ ހަވާލުކުރާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

އޭސީސީ އަށް އައްޔަންކުރައްވަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސް ސޯލިހް އިއްޔެ ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތައް ފަހުން ތަހުގީގުކުރަމުން ދިޔައީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާ ފުލުހުން ގުޅިގެންނެވެ. އެގޮތުން ތިން އިދާރާ އިން ގުޅިގެން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ 338 މައްސަލައެއް ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ތަހުގީގު ނިންމާލެވުނީ 38 މައްސަލައެއްގަ އެވެ.

އޭސީސީގައި އެންމެ ފަހުން ތިއްބެވި މެންބަރުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ދެ ފަހަރަށް ނިންމި މައިގަނޑު ސަބަބަކީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް އަވަހަށް ބަލައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި ދައުވާ ކުރަން ފޮނުވުން ލަސްވުމެވެ. އޭސީސީގެ ރައީސްގެ ގޮތުގައި އެންމެ ފަހުން ހުންނެވި މަރިޔަމް ޝިއުނާ ކުރިން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކޮންމެ މައްސަލައެއް ނިންމަން މަދުވެގެން އަށް މަސް ދުވަސް ހޭދަވާނެ އެވެ. އޭސީސީން ބޭނުންވާ ސްޕީޑުގައި އެ މަސައްކަތް ކުރުމަށް އޮތް ދައްޗަކީ އިންވެސްޓިގޭޓިވް އޮފިސަރުން ބޭނުންވާ އަދަދަށް ނެތުން ކަމަށްވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެ އެވެ.

ލިސްޓްގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް ދައުވާކޮށްފައިވަނީ ވަރަށް މަދު ބޭފުޅަކަށެވެ. ސަރުކާރަށް ނިސްބަތްވާ އަދި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވާ، މިހާތަނަށް ދައުވާކޮށްފައިވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް އެކަންޏެވެ.