ރައީސް މުހައްމަދު ނަޝީދު

ފުލުހުންގެ ބޮޑެތި ތަހުގީގުތައް އަނބުރާލަނީ އަޑީ ދައުލަތުން: ނަޝީދު

ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ބޮޑެތި ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަނބުރާލަމުންދާ ކަމަށާއި އެ ތަހުގީގުތައް އަނބުރާލަމުން ދަނީ "އަޑީ ދައުލަތުން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގެ މެންބަރަކު ބަހުސް ކުރެއްވުމަށް ފަހު އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ގޯސްތައް އެބަ އުޅޭ ކަމަށެވެ.

އެމަނިކުފާނު ފުރަތަމަ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ފުލުހުންގެ ތެރޭގައި އެ ތަހުގީގަށް ހުރަސް އަޅާ ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ވައްކަމުގެ ތަހުގީގު މި ދަނީ ބަލަމުން، މި ދިމާވާ އެއް ކަމަކަށް މި ވަނީ ފުލުސް އޮފީހުގައި އެބަ ތިބި މި ދެންނެވި ބޮޑު ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ ދެން ވަރަށް އުނދަގޫ ވާނެ އެ ބޭފުޅުން މެދުވެރިކޮށް ތަހުގީގެއް ގެންގޮސް ކަންކަން ނިންމަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ ތެރޭގައި އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުދިން ސަސްޕެންޑް ކުރަން ކޮންމެހެން ވެސް ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޑީ ދައުލަތެއް އެބަވޭ، އެކިއެކި ތަހުގީގުތައް އެބަ އަނބުރާލެވޭ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޑްރަގް ވިޔަފާރީގައި އިސްކޮށް އުޅޭ މީހުނާއި ގާތް ގުޅުމެއް އޮންނަ ފުލުހުން ވެސް އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ވެސް ގާތް ގުޅުން އޮންނަ ފުލުހުން އުޅޭ ކަމަށް ވިދާޅުވި އެވެ. މިކަމާ މެދު މެންބަރުން ވިސްނަވަން ވެސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"އަޑީ ދައުލަތެއް އޮތް ކަމަށް ވަރަށް ގިނަ ބަޔަކަށް އެބަ ޝައްކު ކުރެވޭ، އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ހަމަ ވާއެއް ނުވާއެއް ނޭނގޭ،" މީގެ ކުރިން ވެސް އަޑީ ދައުލަތެއްގެ ވާހަކަ އެތައް ފަހަރަކު ދެއްކެވި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލާގައި އޭނާއަށް ފުލުހަށް ފާރަލުން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފަހަކަށް އައިސް ހިނގައިދިޔަ އެފަދަ ބޮޑެތި މަރުތަކުގެ މައްސަލާގައި ވެސް ފުލުހުންގެ މުއައްސަސާގެ ތެރޭގައި "ދެ ފަރާތަށް" ތިބޭ މީހުން ތިބި ކަން ފާހަގަ ކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައިވާއިރު އެ ފުރުސަތަކީ ފުލުހުންގެ މުއައްސަސާގައި ފާހަގަ ކުރެވޭ އެފަދަ ގޯސްތައް އިސްލާހު ކުރުމަށް ދިން ފުރުސަތެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ޝައުގުވެރިކަން ހުރިކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށް ވިދާޅުވި އެވެ.