ހަބަރު

ހިޔާނާތާއި މަރު ތަހުގީގުތައް ބަލަން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަނީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް އޮތް ހިސާބެއް ދެނެގަނެ އެ ކަން ބަލަން މައްސަލަ ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަން ނިންމި އެވެ.

ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތައް މަޖިލީހުން ހޯދައި ދެނެގަތުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ. އެ މައްސަލަ ބަލަން ފޮނުވީ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީއަށެވެ.

ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީން ވެސް ވަނީ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ރޭ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ. ދެ ބައްދަލުވުމުގައި ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަން މެންބަރުން ހުށަހެޅުއްވި އެވެ. އެހެންވެ ދެ ކޮމިޓީގެ މުގައްރިރުން މަޝްވަރާ ކުރައްވައިގެން އެ ގޮތަށް ކުރިއަށް ގެންދަން ނިންމި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ހުއްޓިފައި އޮތް އިރު އެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނާއި މަރުތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަންގެ މަަސައްކަތް ލަސްކަމުން ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.

އެމްއެމްޕީއާރު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަންޏެވެ. އެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކަންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް ޔާމީންގެ ވެރިކަމުގައި ހުކުމް ކުރި އެވެ. ނަމަވެސް މި ވެރިކަމުގައި މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލު ކުރި އެވެ.

ފަހުން އަލުން އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާތަކެއް އުފުލި އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް ވެސް ވަނީ މެދުކެނޑިފަ އެވެ. ރައީސް ޔާމީންގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެދުވެރިވި ފަހުން އެ ޝަރީއަތްތައް ވެސް އޮތީ މެދުކެނޑިފަ އެވެ.